Advertisement
BML Home 2nd Ad

ޑޮލަރުގެ "ފޭކް" ކަޅު ބާޒާރުގެ ޙަޤީގަތް ފަޅާއަރައިފި!

މީގެ ދެ ހަފުތާ ދުވަސްކުރިން ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގުހުރީ 22 ރުފިޔާ ލާރިކޮޅަކަށެވެ. މިއަދު ޑޮލަރުގެ ވިޔަފާރި ކުރާ ގިނަ ތަންތަނުން 19 ރުފިޔާއަށް ޑޮލަރު ލިބެއެވެ. ރާއްޖޭގެ އިގުތިސާދީ ހަގީގަތްތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ޑޮލަރުގެ އަގު ދައްވީ ކީއްވެ ހެއްޔެވެ. ޑޮލަރުގެ ކަޅުބާޒާރު ވެއްޓުނީ ކީއްވެ ހެއްޔެވެ.

Advertisement
Etukuri Inside ad 300x300 Desktop

ބޭރު ފައިސާއާ ބެހޭ ގާނޫނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ ދަށުން މަރުކަޒީ ބޭންކުގެ ހުއްދައެއް ނެތި ބޭރު ފައިސާ ގަނެވިއްކުމަކީ މަނާކަމެކެވެ. މިއީ މިކަން އަބަދުވެސް އޮންނަ ގޮތެވެ. ނަމަވެސް މި ޤާނޫނު އޭގެ ފުރިހަމަ މާނައިގައި ތަންފީޒެއް މިކުރެވެއެވެ. މި ގާނޫނުތައް ތަންފީޒުކުރުމުގައި ސަރުކާރުގެ އެހީތެރިކަމަށް އެމްއެމްއޭއިން އެދުމާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތާއި އެހެނިހެން ތަންފީޒީ އިދާރާތައް ގުޅިގެން އެ މަސައްކަތް ފެށިތަން ފެނުނެވެ.

ގާނޫނާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ފަރާތްތަކުގެ ޝަކުވާ އާއްމުންނަށް ހުށަހެޅޭނެ އިންތިޒާމު ހަމަޖެއްސިއެވެ. ގާނޫނީ އިމުގެ ބޭރުން ބޭރު ފައިސާގެ ވިޔަފާރިކުރާ ތަންތަނާއި މީހުން ދެނެގަނެ، ގާނޫނުގައި ބަޔާންކުރާ ފިޔަވަޅުތައް ތަންފީޒުކުރަން އިދާރާތަކުން ފެށިއެވެ.

އެގޮތުން ގާނޫނާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކަމުންދިޔަ ބައެއް ތަންތަން ބަންދުކުރިއެވެ. ޑޮލަރުގެ ކަޅު ބާޒާރު އޮޕަރޭޓްކުރާ ބިދޭސީ ވިއުގަތައް ރޫޅައިލުމުގެ މަސައްކަތް ފެށިއެވެ. ކަމާބެހޭ އިދާރާތަކުން މިއިން ޒަމާނެއްގައި ނުކުރާ މިންވަރަށް މިކަން ކުރާތަން ފެނުނެވެ.

މިނިވަން ބާޒާރެއްގައި މުދަލުގެ އަގު ކަނޑައަޅާނީ މުދަލުގެ ސަޕްލައިއާއި، ޑިމާންޑުގެ މައްޗަށެވެ. މުދަލެއް ބާޒާރުން ލިބެންހުރި މިންވަރާއި މުދަލަށް ބޭނުންޖެހިފައި އޮތް މިންވަރުގެ މައްޗަށެވެ. މިގޮތުން ބަލާއިރު، ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރުން ލާޒިމުކުރުމުން ކަޅު ބާޒާރަށް ނިކުންނަ ޑޮލަރުވާނީ މަދެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، ޖުލައި މަހަށްވުރެ އޯގަސްޓު ފަހުކޮޅުން ފެށިގެން އިމްޕޯޓަށް ޑޮލަރު ބޭނުންވާ މިންވަރުވާނީ އިތުރެވެ. ބާޒާރުގައި ޑޮލަރު ލިބެންހުރި މިންވަރު މަދުވެފައި، އެއަށް ބޭނުންޖެހޭ މިންވަރު އިތުރުވާ ހާލަތެއް އުފަންވެފައި އޮވެމެ، ޑޮލަރުގެ އަގު ދަށްވަނީ ކީއްވެހެއްޔެވެ؟ މިއީ ބައެއް އެހެން މީޑިއާތަކުންވެސް އުފައްދާފައިވާ ސުވާލެކެވެ.

 

ބޮޑަށް ބުރަވެވެނީ ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެންދިޔައީ، އިގުތިސާދުގެ ހަގީގަތްތައް ނުވަތަ ޑިމާންޑާއި ސަޕްލަައިގެ ފަރަގުގެ ސަބަބުން ނޫންކަމެވެ. ބާޒާރުގައި ޑޮަލަރު ތާއްޓެވެ. ނަމަވެސް ސަޕްލައި ނުވަތަ ބާޒާރަށް ޑޮލަރު ނެރުމުގައި އޭގެ އަގު "މެނިޕިއުލޭޓް" ކުރިކަމަށް ސަރުކާރުން ކުރަމުންއައި ތުހުމަތުތަކަށް ޑޮލަރުގެ އަގު ދަށްވާ ދަށްވުމުން ބާރުލިބެއެވެ. "ފޭކު" އުފުލުމެއްކަން ރަނގަޅަށް ސާބިތުވެއެވެ. ފައިސާގެ ބާޒާރު މެނިޕިއުލޭޓުކުރާ އެއްގޮތަކީ "ރިފަރެންސް" އަގު ވަކި ގޮތަކަށް ބައްޓަންކުރުމެވެ. އެއީ ބާޒާރަށް މުދަލެއް ވިއްކާ ފަރާތްތަކުގެ ތެރެއިން އެކަކު އެ މުދަލުގެ އަގު ބޮޑުކޮށް ވިއްކަން ފެށުމުން ބާކީ ތިބި އެންމެން އެ އަގަކީ ބާޒާރުގެ އަގުގެ ގޮތުގައި ބަލައިގަތުމެވެ.

ސަރުކާރުން ތުހުމަތުކުރަނީ ޑޮލަރުގެ އަގު މެނިޕިއުލޭޓުކޮށް ބޮޑުކުރަމުންދިޔައީ މިގޮތަށް ކަމެވެ. ސަރުކާރުގެ މި ތުހުމަތަށް ބާރު ލިބެނީ ތަންފީޒީ އިދާރާތަކުން ޑޮލަރުގެ ވިޔަފާރިކުރާ ތަންތަން ކައިރިން ބަލަން ފެށުމުން ޑޮލަރުގެ އަގު ދަށްވުމެވެ. މާނައަކީ ދައުލަތުގެ އިދާރާކުން މިތަންތަން ކައިރިިން ބަލަހައްޓަން ފެށުމާއެކު އަގު މެނިޕިއުލޭޓުކުރަން އުދަގޫވުމެވެ.

 

މިގޮތަށް ޑޮލަރުގެ ފޭކް އަގެއް އުފެއްދީ ސިޔާސީ ހަމަނުޖެހުން ގަނޑެއް އުފެއްދުމަށެވެ. މުދަލުގެ އަގު ބޮޑުކޮށް ސަރުކާރާމެދު ރައްޔިތުންގެ ނުރުހުން އުފެއްދުމަށެވެ. އަނެއް ބޭނުމަކަށްވާނީ ޑޮލަރަށް ބޭނުންޖެހިފައި އޮތް މިންވަރު އިތުރުވަމުންދާ ދިއުމުގެ ތެރެއިން މާއްދީ ބޮޑު ނަފާއެއް ހޯދުމަށެވެ. ބޮޑު އަގުގައި ޑޮލަރު ވިއްކައިގެން ލިބޭ ނަފާ ބޮޑުކުރުމަށެވެ.

އިޤްތިސާދީ އެއްވެސް ހަގީގަތްތަކަށް ބަދަލެއް ނައިސް، ބާޒާރުގައި ޑޮލަރުގެ އަގު ދަށްވާ ދަށްވުމުން ސާބިތުވާކަމަކީ، ސަރުކާރުން ތުހުމަތުކުރި ގޮތަށް ޑޮލަރުގެ އަގު ބަޔަކު މެނިޕިއުލޭޓުކުރި ކަމެވެ. ސިޔާސީ ނުވަތަ ވިޔަފާރީގެ މަގުސަދުތަކެއް ހާސިލުކުރުމަށް މުޅި އިގުތިސާދަށް ގެއްލުންވާނެ ރައްޔިތުންނަށް ތަކުލީފު އުފުލަންޖެހޭނެ ގޮތަކަށް ބޭރު ފައިސާ "ފޭކް" ބާޒާރެއް ބަޔަކު އުފެއްދީއެވެ. އެއްވެސް ފަސްޖެހުމެއް ނެތި، ސަރުކާރު އެޅި އަވަސް، ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރުގެ ފޭކް، ވަގު ބާޒާރު ފުނޑުނީއެވެ.

 

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add