ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ކުޅުދުއްފުށި ޕޮލިހާއި، ހަނިމާދޫ ޕޮލިސް އަދި އަޕަރނޯތު ޕޮލިސް ސީރިއަސް ކްރައިމް އިވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕަރޭޝަންގައި ކުޅުދުއްފުށި ސިޓީ ބަނދަރު ސަރަހައްދުން ހއ. ބާރަށް، ކާރނޭޝަންވިއު / އިބްރާހީމް ކަލީމް (35އ) ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 29.86 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ، މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދާ ބޯޓަކުން މީހަކު މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މި މަހު 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.




