Ad

ބަޖެޓުގެ ބަހުސްގައި މެމްބަރުންގެ ޝައުގުވެރިކަމެއް ނެތް: ރައީސް ނަޝީދު

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރުމަށްފަހު ބަޖެޓް ކޮމެޓީން އެކުލަވާލި ކޮމިޓީ ރިޕޯޓުގެ ބަހުސް ކުރުމަށް މެމްބަރުންގެ ޝައުގުވެރިކަން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މި ބަހުސްގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ މެމްބަރުންގެ އަދަދު މަދުވުމާއި ގުޅިގެން ނުރުހުން ފާޅުކުރައްވަމުންނެވެ.

އިއްޔަ ބަޖެޓް ބަހުސް ފަށާފައިވާއިރު އިއްޔެގެ ޖަލްސާގައި ބަޖެޓް ބަހުސްގައި ބައިވެރިވެވަޑައިގެންނެވީ އެންމެ 18 މެމްބަރުން ކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ބަޖެޓް ބަހުސްގައި ބައިވެރިވުމުގެ ފުރުސަތު މިއަދުގެ 10:00 ގައި ބަންދުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަކަށް ނުފެނޭ ބަޖެޓުގެ ބަހުސްގައި އިއްޒަތްތެރި މެމްބަރުންގެ ޝައުގުވެރިކަމެއް ހުރި ކަމަކަށް. އިއްޔެގައިވެސް އިއްޒަތްތެރި މެމްބަރުންނެއް މި ބަޖެޓުގެ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައެއް ނުގަންނަވާ. އެހެންވީމާ އަޅުގަނޑަށް ޖެހުނީ ހަމަ މިތަނުގައި އިންނަން. އެއީ މިކަމުގައި ރަނގަޅު ގޮތެއް ކަމަކަށް ނުދެކެން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ބަޖެޓް ދިރާސާކުރި ކޮމިޓީން ގެނެސްފައިވާއިރު، މެމްބަރުން ގެންދަވަނީ ތަޅުމުގައި ވެސް އިސްލާޙުތަކެއް ހުށައަޅުއްވަމުންނެވެ. މިގޮތުން މަޖިލީހުގެ ނާއިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ ވަނީ މިއަދުވެސް 2 އިސްލާހެއް ހުށައަޅާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *