Ad

ރާއްޖެއިން އިންޓަރޕޯލާއި ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ދަނީ މަސައްކަތް ކުރަމުން: ސީޕީ

ބައިނަލްއަޤްވާމީ ގޮތުން ދިވެހިރާއްޖެއިން އިންޓަރޕޯލާއި ގުޅިގެން ކުރާ މަސައްކަތްތައް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ހެޑް އޮފް އިންޓަރޕޯލް އެން.ސީ.ބީ މާލެ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ، އިންޓަރޕޯލް ސެކިއުއަރ އިންފޮމޭޝަން ނެޓްވޯކްގެ އެކްސެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓަށް ދިނުމުގެ އެއްބަސްވުމުގައި އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް  ޔުނިޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލޭގެެ ފަރާތުން ސޮއިކުރެއްވީ، ހެޑް އޮފް އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލެ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. އަދި އެމްއެމްއޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެމްއެމްއޭގެ ފައިނޭޝަނަލް އިންޓެލިޖެންސްގެ ހެޑް އިބްރާހިމް ނާޞިރެވެ.

މިރަސްމިއްޔާތުގައި ހެޑް އޮފް އިންޓަރޕޯލް އެން.ސީ.ބީ މާލެ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި އިންޓަރޕޯލް އެން.ސީ.ބީގެ މަސައްކަތްތައް ފުޅާކޮށް ބައިނަލްއަޤްވާމީ ގޮތުން ދިވެހިރާއްޖެއިން އިންޓަރޕޯލާއި ގުޅިގެން ކުރާ މަސައްކަތްތައް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި ޓްރާންސްނޭޝަނަލް ކްރައިމްސްގެ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް އިންޓަރޕޯލްގެ ފަރާތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަން ދެއްވާނެކަމަށާއި، އިންޓަރޕޯލްގެ ޑޭޓާބޭސްތަކާއި ރިސޯރސްތަކުގެ އެކްސެސް ލިބިގެން ދިއުމުން އެމްއެމްއޭގެ ފައިނޭޝަނަލް އިންޓެލިޖެންސް ޔުނިޓްގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އެމްއެމްއޭގެ ފައިނޭޝަނަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑް އިބްރާޙިމް އަޙްމަދު ނަޞީރު ދެއްކެވި ވާހަކަފުޅުގައި މިއަދު މި ސޮއިކުރި އެއްބަސްވުމުގެ ދަށުން އެފް.އައި.ޔޫއަށް އިންޓަރޕޯލްގެ ޑޭޓާބޭސްތަކަށް އެކްސެސް ލިބިގެން ދިޔުމަކީ، އެފް.އައި.ޔޫގެ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި އެފް.އައި.ޔޫއިން މިހާރުވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއާއެކު ވަރަށް ގާތްކޮށް މަސައްކަތްކުރަމުން ގެންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ގާބިލްކަން އިތުރުކުމަށް އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި  އިންޓަރޕޯލްގެ ޑޭޓާބޭސްތަކާއި ރިސޯސްތަކުގެ އެކްސެސް ހަމަޖައްސަވައި ދެއްވުމުގައި، އިންޓަރޕޯލް އެން.ސީ.ބީ މާލޭގެ މުވައްޒަފުންނާއި  ކޮމިޝަނަރ އޮފް ޕޮލިސް ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ފުލުހުން ބުނީ، މިއަދު  ސޮއިކުރި މި އެއްބަސްވުމުގެ ތެރެއިން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ މަސައްކަތްތަކާ ގުޅުންހުރި ދާއިރާއިން، އިންޓަރޕޯލްގެ އެކިއެކި ކްރިމިނަލް އިންފޮރމޭޝަން ޑޭޓާބޭސްތަކާއި ލޯ އެންފޯރސްމަންޓް ކޭޕެބިލިޓީސް އަދި ޓޫލްސްގެ ބޭނުންކުރެވޭނެ ގޮތް މަގުފަހިވެގެންދާނެ ކަަމަށެވެ. އަދި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބުމަށާއި، އެކިއެކި ފައިނޭންޝަލް ކްރައިމްސް، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމް ފައިނޭންސިންގގެ މައްސަލަތަކުގައި އެފް.އައި.ޔޫއަށް އިންޓަރޕޯލްގެ އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *