Ad
ބީ.އެމް.އެލްއިން ކަނޑިތީމްގައި ހުޅުވި ޕާކް. ފޮޓޯ: ބީ.އެމް.އެލް
ބީ.އެމް.އެލްއިން ކަނޑިތީމްގައި ހުޅުވި ޕާކް. ފޮޓޯ: ބީ.އެމް.އެލް

ބީ.އެމް.އެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް ކޮމިއުނިޓީ ފަންޑުގެ އެހީގައި ށ.ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް ހުޅުވައިފިއެވެ.

ބީ.އެމް.އެލްއިން ބުނީ، މިއަދު ހަވީރު ހުޅުވި މިޕާކް ތަރައްޤީކުރީ ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން އެބޭންކުން ތައާރަފްކުރި 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު’ގެ ދަށުން ކަމަށެވެ.

އެރަށުގައި ހުޅުވި މި ކޮމިއުނިޓީ ޕާކުގައި ބާބަކިއު ހެދުމަށާއި މަސް ކެނޑުމަށް ޚާއްސަ ސަރަހައްދެއް ޤާއިމްކޮށްފައިވެއެވެ. އަދި ބާބަކިޔު ސަރަހައްދުގައި މޭޒާއި ބެންޗުވެސް އެކުލެވެއެވެ. މީގެއިތުރުން ކުޑަކުދިން ކުޅެ އުޅުމަށް ޚާއްސަ ޕާކަކާއި، ހުރިހާ އުމުރު ފުރައެއްގެ މީހުންނަށްވެސް ބޭނުންކުރެވޭނެ އައުޓްޑޯ ޖިމެއްވެސް މި ކޮމިއުނިޓީ ޕާކުގައި ހިމެނެއެވެ.

ކަނޑިތީމްގައި ހުޅުވި ޕާކް. ފޮޓޯ:ބީ.އެމް.އެލް

އަދި ޕިކްނިކަށް ދާ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން މި ސަރަހައްދުގައި ބީޗް ހަޓް، ސަން ބެޑް އަދި އައުޓްޑޯ ޝަވަރަކާއި އުނދޯއްޔާއި، ޖޯލި ފަތީގެ އިތުރުން ފިނި އަށި ބަހައްޓާފައިވެއެވެ.

މިޕްރޮޖެކްޓް ހުށަހަޅާފައިވަނީ، ޖިނާން މުޙަައްމަދު ޝަމީމްއެެވެ. އަދި މިއީ، ރަށުގައި ދިރިއުޅޭ ހުރިހާ އުމުރުފުރައެއްގެ މީހުން އެއްވެ ގުޅުން ބަދަހި ކުރުމާއި މުނިފޫހިފިލުވުމަށް މާހައުލެއް ބިނާކުރުމުގެ މަޤްސަދުގައި ކުރިޔަށްގެންދިޔަ ޕްރޮޖެކްޓެކެވެ.

މި ޕްރޮޕޯސަލް ކާމިޔާބުކުރި ޖިނާން ވިދާޅުވީ، ބީއެމްއެލްގެ އެހީގައި ރައްޔިތުން ޒަމާނުއްސުރެ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވެފައިވާ ކަމަށެވެ.

" އަޅުގަނޑުމެން ބޭނުންވީ ހުރިހާ އުމުރު ފުރަޔަކަށްވެސް ފައިދާކުރާނެ ގޮތަށް މި ޕާކު ތަރައްގީ ކުރުމަށް. މިކަމުގައި އަޅުގަނޑަށް އެހީތެރިވެދެއްވި މުޙައްމަދު ޝިފާން އަދި ރިޔުނިއަން ކްލަބަށް ހާއްސަ ޝުކުރެއް ދަންނަވަން." ޖިނާން ވިދާޅުވިއެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާފައިވާ ފަންޑެކެވެ.

މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބީ.އެމް.އެލްއިން މައުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *