Ad
ދިިވެހި ހަނގުރާމަވެރިންތަކެއް
ދިިވެހި ހަނގުރާމަވެރިންތަކެއް

ރާއްޖޭން ބޭރުގައި ހަރަކާތްތެރިވާ ދިވެހި "ހަނގުރާމަވެރިން"!

ޖިހާދުގެ ނަމުގައި ރާއްޖެއިން ބޭރުގެ ދާޙިލީ ހަނގުރާމަ ތަކުގައި ދިވެހިން ދަނީ ބައިވެރިވަމުން

ރާއްޖެއިން އެންމެ ފުރަތަމަ ރާއްޖޭން ބޭރަށް "ހަނގުރާމަ" އަށް "ޖިހާދަ"ށް ދިޔަކަމަށް ރެކޯޑުތަކުން ދައްކަނީ އަށްޑިހަ ވަރަކަށް މީހުންނެނެވެ. އެއަދަދު މިހާރު ވަނީ ސަތޭކައިން ގުނަން ފަށާފައެވެ. އެމީހުން ރެކްރޫޓުކޮށްފައިވަނީ ތަފާތު އެކި ޖަމާއަތްތައް މެދުވެރިކޮށެވެ. ބައެއް ދިރާސާ ރިޕޯޓުތައް ބުނާގޮތުގައި ސައުތު އޭޝިޔާ ރީޖަނުން ދިވެހިން "ހަނގުރާމަ"އަށް ރެކްރޫޓުކުރާ ޖަމާއަތްތަކުގެ މެދުގައި އޮތީ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. ބައެއް ރިޕޯޓުތައް ސިފަކޮށްފައިވަނީ މިފަދައިންނެވެ؛ "އެއީ ޖެހިލުންކުޑަ. ބިރުކުޑަ. ހިތްވަރުގަދަ ބައެއް."

ގުޅެނީ ކޮން ބަޔަކާ

ބޭރުގައި ދިވެހި "ހަނގުރާމަވެރިން" ގުޅެނީ މައިގަނޑު ގޮތެއްގައި ފަސް ޖަމާއަތަކާއެވެ. އެއީ މެދުއިރުމައްޗާއި ގަލްފްގެ ގައުމުތަކުގެ އިތުރުން އެފްރިކާގެ ގައުމުތަކަށް އަމާޒުކޮށް 22 ނޮވެމްބަރު 2013 ގައި އުފެއްދި،  އިސްލާމިކް ފްރޮންޓް (އައިއެފް) އާއި 29 ޖުލައި 2011ގައި ރިއަދު އަލް އަސާދުގެ މޭސްތިރިކަމުގެ ދަށުން އުފެއްދި ފްރީ ސީރިއާ އާމީ (އެފްއެސްއޭ)އާއި އަދި އަލްޤައިދާއާ ގުޅިފައިވާ ޖަބްހަތު އަލް ނުސްރާ (ޖޭއެން) އާއި އިސްލާމިކް ސްޓޭޓް އޮފް އިރާޤު އެންޑް ގްރޭޓަރ ސީރިއާ (އައިއެސްއައިއެސް) އެވެ.

ރާއްޖޭން ބޭރުގައި ހަނގުރާމަ ތަކުގައި ބައިވެރިވާ ބައެއް ދިވެހިން

އަޙްލު އަލް ސާމް އާއި މުހާޖިރިން ވަ އަންސާރު އެލަޔަންސް، ހަރަކާތު އަލް ޤިޔާމާ އަކީވެސް ހަރުކަށި ފިކުރަށް ބުނާވެފައި އޮތް ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ދުނިޔޭގެ ގިނަ ޤައުމުތަކުން ވަނީ ކަނޑައަޅާފައެވެ. މި ހުރިހާ ހަރަކާތެއްގައިވެސް ދިވެހިންގެ ނަން ރެކޯޑު ކުރެވިފައިވާ ކަމަށް އިންޓެލިޖެންސްގެ ރެކޯޑުތަކާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ރިޕޯޓުތަކާއި ދިރާސާތަކުގައި ފާހަގަކޮށްފައި އެބަހުއްޓެވެ.

ޖަބްހަތު އަލް ނުސްރާ (ޖޭއެން) ނެޓްވޯކަކީ މީގެ ތެރެއިން އެންމެ ފުޅާ ހަރަކާތެވެ. އަބޫބަކުރު އަލް ބަޤްދާދީ އާއި އަބޫ މުޙައްމަދު އަލް ގުލާނީ އިސްވެ ތިބެ 23 ޖެނުއަރީ 2012 ގައި އުފެއްދި މިޖަމާއަތް ބިނާވެފައި އޮތީ ސީރިއާ އަދި ލެބަނަންގައެވެ. މި ނެޓްވޯކް ތަފާޓު 42 ނަމެއްގައި ހަރަކާތްތެރިވެއެވެ. އޭގެ ތެރޭގައި ލިބަރޭޝަން އޮފް އަލްޝާމް ކޮމިޝަން، ސީރިއާ އަލް ނުސްރާ ފްރަންޓް އަދި ދަ ޑިފެންސް ފްރޮންޓް، ހަޔާތު ތަޙްރީރް އަލް ޝާމް (އާރްޓޫއެސް) ފަދަ ނަންތައް ރެކޯޑު ކުރެވުފައިވެއެވެ. އެ ނެޓްވޯކުގައި ޖުމްލަ 12000 ހަނގުރާމަވެރިން ދުނިޔޭގެ އެކި ގައުމުތަކުން ހަރަކާތްތެރިވެއެވެ.

މި މީހުންގެ އާމްދަނީއަށް މަހަކު އެވްރެޖްކޮށް 13-20 މިލިއަން ޑޮލަރު ލިބޭ ކަމަށް އެޖަމާއަތުން ވަނީ އާންމުކޮށްފައެވެ. އެއާމްދަނީ ހޯދަނީ ލޫޓުވައިގެންނާއި ތެލާއި ހަތިޔާރުގެ ވަގުވިޔަފާރިއާއި މަސްތުވާތަކެއްޗާއި ޓެކްސްއަށް މަކަރުހަދާ ފައިސާގެ ތެރެއިންނެވެ.

އަދި ރީޖަނަލް ލެވަލްގައި ލަޝްކަރޭ ތޮއިބާ އަކީ ބޭރުފުށުން ރެކްރޫޓްމަންޓް ނެޓްވާކާއު ބްރެއިން ވޮޝްކުރުމުގެ ބޭނުމުގައި ގެންގުޅޭ "ސަރުކާރުތައް ބިރު ގަންނުވާ" ނަމެކެވެ.

އައިއެސްއައިއެސް އާއި އައިއެފް، އެފްއެސްއޭ އަދ ޖޭއެން ފަދަ ޖަމާޢަތްތައް ގުޅިފައިވަނީ ދުނިޔޭގެ އެންމެ ނުރައްކާތެރި ކުށުގެ ގޭންގުތަކާއެވެ. މަސްތުވާތަކެއްޗާއި، ހިއުމަން ޓްރެފިކިން އާއި ހަތިޔާރުގެ ވަގު ވިޔަފާރި އާއި މުއްސަނދިންގެ ކަޅުފައިސާ ދޮވެދިނުމުގެ ހަރަކާތްތަކާއެވެ. އެއީ ހިސާބުވެސް ނުކުރެވޭ ވަރުގެ ވަރުގަދަ އަދި ފުޅާ ވިޔަފާރިތަކެވެ. އެއިން ކޮންމެ ވިޔަފާރިއެއްވެސް ހިނގަނީ އެއް ސިޔާސަތެއްގެ ދަށުންނެވެ. އެއީ "ނޯ އެގްޒިޓް" އެވެ. އެމީހުންނާ ގުޅޭ މީހުންނަށް އެކަމުން ދުރަށް ދެވޭނެ ހަމައެއް ނޯވެއެވެ.

ދިވެއްސަކު ބޭރުގައި ހަނގުރާމައިގެ ތަމްރީން ހަދަނީ

ތިބީ ކޮންތާކު

ރާއްޖެއިން "ޖިހާދު"ގެ ނަމުގައި ބޭރުގެ ހަނގުރާމަތުގައު ބައިވެރިވާން ގޮސްފައިވާ މީހުން އެމީހުންނަށް މަޖުބޫރުވާ ތިން މަސް ދުވަހުގެ ޓްރޭނިން ފުރިހަމަ ކުރުފަހު ތިބީ ސީރިއާ އާއި އިރާޤުގައެވެ. ފުރަތަމަ އެމީހުން ޖެހެނީ ދިހަ ދުވަހުގެ ދީނީ ޕްރޮގްރާމެއް ފުރިހަމަކުރާށެވެ. އެއަށްފަހު އެމީހުންނާ ދެ ކޮމާންޑަރުން ހަވާލުވެ ތަފާތު 10 މިލިޓަރީ ޓްރޭނިންއެއް ހަދުވައެވެ. އެއިން ކޮންމެ ދުވަހެއްގެވެސް ހަވީރު އޮންނަނީ ވެރިއެއްގެ ތަޤުރީރެވެ. އޭގައި މައުގަނޑު ގޮތެއްގައި ބަލާލަނީ އެހަރަކާތުގެ މުހިއްމު ކަމާއި އެކަމުގެ ސަބަބުން އާޚިރަތުގެ ނަސީބު އެމީހުންނަށް ލިބޭނެ ކަމެވެ. ސިކުނޑި ދޮވެލަނީ މި ތަޤުރީރުތަކުންނެވެ. އެމީހުންނަށް މަރުނޫން އެހެން އެއްވެސް ހައްލެއް މި ތަޤުރީރުތަކުން، ދަރުސްތަކުން ނުފެނެއެވެ. އެއީ އެމީހުންނަށް "ޖިހާދު"އެވެ.

ބޭރުގެ އެކި ޖަމާޢަތްތަކާ ގުޅިގެން "ހަނގުރާމަވެރިން"ގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ކަށަވަރު 160 މީހުން އެބަތިއްބެވެ. މީގެ ތެރެއިން 26 ޕަސެންޓަކީ އަންހެނުންނެވެ. ބައެއް ރިޕޯޓުތަކުގައި މިއަދަދު މިއަށްވުރެ މަތިކޮށް ލިޔެފައި ހުރިނަމަވެސް ކަށަވަރު އަދަދުތަކެއްގެ ގޮތުގައި ފާހަގަކޮށްފައެއް ނުހުރެއެވެ.

ދުނިޔޭގެ ބައެއް ޤައުމުތަކުގައި ހަރަކާތްތެރިވާ ނެޓްވޯކްތަކުން ދިވެހިންގެ ނަމުގައި ދިވެހި ޕާސްޕޯޓު ދީފައި މީހުން ރެކްރޫޓުކޮށްފައިވާކަމުގެ ހެކިތައްވެސް ބައެއް ލިޔެކިއުންތަކުން ފެނެއެވެ. އެހެންކަމުން ދިވެހިންގެ އަސްލު އަދަދު ކަށަވަރު ކުރުމުގައި މި ހުރިހާ ހަޤީގަތްތަކަކަށް ރިޢާޔަތް ކުރުން މުހިއްމެވެ.

އެންޓި ޓެރަރިޒަމްއާ ގުޅޭ ދިރާސާ ރިޕޯޓުތަކާއި ތަޖުރިބާކާރުންގެ ލިއުންތަކާއި ފޮތްތައް ދިރާސާކުރުމުން އެމީހުންގެ ޓެރޭނިންތަކުގެ ތަފްސީލުވެސް ސާފުވެއެވެ؛ ހަށިހެޔޮކަމުގެ ނަމުގައި ބަރުގަދަ ކަސްރަތާއި، ފިންޏާއި ގަދަ އަވީގައި "ހަނގުރާމަ" ކުރާނެ ހުނަރުތަކާއި އާންމު ހަތިޔާރުތައް ރޫޅާ ރޭވުމާއި ބޭނުންކުރުމުގެ ހުނަރާއި އެއްވެސް ހާލެއްފައި ހައްޔަރު ވެއްޖެނަމަ ލިބޭ އަނިޔާއަށް ކެތްކިރާނެ ގޮތާއި ސިއްރުން މުޢާމަލާތުކުރާނެ ގޮތްތައްވެސް ހިމެނެއެވެ.

ތިބެން ޖެހެނީ އާއިލާއާ ވަކިން

ބައެއއް ދިވެހިން "ޖިހާދަ"ށް ގޮސްފައިވަނީ އާއިލާވެސް ގޮވައިގެންނެވެ. ކުޑަކުދިންވެސް ހިމެނެއެވެ. އަނބިދަރިން "ހަނގުރާމަ"އިގައި ބައިވެރިކުރަން ނޭދޭނަމަ އެމީހުން ޖެހެނީ ފޭލިގެ ތަކަށް ދޫކޮށްލާށެވެ. އެތަންތަނުގައި ރަނގަޅު ކާއެއްޗެއްސެއް ނުހުރެއެވެ. ބޭސްފަރުވާއެއްވެސް ނުލިބެއެވެ. އާންމުކޮށް ލިބެނީ ބްރެޑެވެ. ބައިނަލް އަގުވާމީ އެހީގެ ޖަމާއަތްތަކުން ތަފާތު އެހީތެރިކަން ފޯރުކޮށް ނުދޭނަމަ އެތަންތަން ވާނީ މަރުގެ ކިއްލާ ތަކަކަށެވެ.

މުޢާމަލާތުކުރަނީ ކިހިނެއް؟

ގިނަ ދިވެހިންގެ އަތުގައި ސުމާޓް ފޯނު އޮވެއެވެ. ނުވަތަ ގިނަ ބަޔަކަށް ޝެއާކުރެވޭ ގޮތަށް، ވަޓްސްއަޕާއި، ވައިބަ އާއި ޓެލެގްރާމާއި ސިގްނަލް ފަދަ އެޕްލިކޭޝަންތައް އިންސްޓޯލްކޮށްފައި ހުންނަ ފޯނުތައް ގެންގުޅެއެވެ. އެވަސީލަތްތަކުން އެމީހުންގެ އާއިލާއާ ވެސް ވާހަކަ ދައްކާ ހަދައެވެ. އާއިލާއާއި ރައްޓެހިންނާއެކު ކޮށްފައިވާ މުޢާމަލާތްތަކަށް ބަލާއިރު، ނުވަދިހަ އިންސައްތައަށްވުރެ ގިނަ ބަޔަކު ޓެރަރިސްޓް ޖަމާއަތްތަކާ ގުޅެވުމުން ދެރަވެ ހިތާމަކުރެއެވެ. އަނެއްބައި މީހުން ތިބީ ފަޚުރުވެރިކަމާއެކު "ޖިހާދު"ގައި "ޝަހީދުން"ގެ ގޮތުގައި މަރުވެދާށެވެ.

ފެށެނީ ކޮން ހިސާބަކުން

ރާއްޖޭގައި ޖަލަކީ ކުށްވެރިންގެ ބްރެއިންވޮޝްކޮށް ބޭރުގެ ހަމާއަތްތަކަށް އެމީހުން "ވިއްކާލުމުގެ" މަރުހަލާ މީގެ އެތައް އަހަރެއް ކުރިން ހިނގަމުން އަންނަ ތަނެއް ކަމަށް ބައެއް ކުށްވެރިންގެ ކިބައިން އެނގެއެވެ. ގޮތްހުސްވެ، އުންމީދު ގެއްލިފައިވާ ކުށްވެރިންގެ ސިކުނޑިތަކަށް "ޖަލުގެ އެޖެންޓުން" ހީވެސް ނުކުރާހާ މޮޅަށް ސަވާރަވެއެވެ. އަދި ޖަލުގައި ތިބެމުން މާލެ އާއި ރަށްތަކަށް ގުޅާ އެކި މީހުން އެ ނެޓްވޯކް ތެރެއަށް ވައްދާ ހަދައެވެ. މީގެ އިތުރުން މާލެ އާއި ރަށްރަށުގައި އެކަމުގެ އެޖެންޓުން ހިކުމަތްތެރިކަމާއެކު ހަރަކާތްތެރިވަމުން ގެންދެއެވެ.

ހަރުކަށި ފިކުރަށް ހިތް ލެންބުވުން

ތިމާ ބޭނުންވާ ހުރިހާ ކަމަކަށް އެމީހުންގެ އެހީތެރިކަން ލިބެމުންދެއެވެ. ކުލި ދެއްކުމާއި ކުދިންގެ ސްކޫލު ފީ އާއި މިފަދަ ހުރިހާ ކަމެއް ފުރިހަމަކޮށްދެއެވެ. ދެން ފެށެނީ ވަކި ގަޑިއަކަށް ވަކި މިސްކިތަކަށް ނަމާދަށް އެރުމުގެ ޕްރޮގްރާމެކެވެ. ނަމާދުން ނިމިގެން އޮންނަނީ ދުނިޔޭގައި މުސްލިމުންނަށް ޖެހިފައިވާ ދަތިހާލާ މެދު ވާހަކަ ދައްކާ މަޝްވަރާކުރުމެވެ. މި މަޢުލޫފުޅާވެ، ސިކުނޑިތަކަށް ވަދެ ހަރުވުމުން، ފެށެނީ ޖިހާދުގެ ވާހަކައެވެ. ޤުރުއާނުން ހެކިދައްކައި "ހަނގުރާމަ"އަށް ތައްޔާރުކުރުވައެވެ.

އިންޑިޔާގެ ބައެއް އެނަލިސްޓުން ލިޔެފައިވާ ލިއުންތަކަށް ބަލާއިރު ރާއްޖޭގައި ފަތުރަނީ އެންމެ ނުރައްކާތެރި "ހަރުކަށި ފިކުރެ"ވެ. އެހެންކަމުން ދިވެހި "ހަނގުރާމަވެރިންނަށް ހަތުޔާރާއެކު ހަނގުރާމކުރަން ފުރުސަތު ލިބޭއިރު، އިންޑިޔާއިން ރެކްރޫޓުކޮށްފައިވާ މީހުންނަށް ހަތިޔާރާ ހަމައަށް ވާސިލްވާން ދަތިވެއެވެ. އެހެންނަމަވެސް ދިވެހިންގެ ސިކުނޑިތަކަށް ހަރުކަށި ފިކުރުގެ ވިހަ ލުމުގައި ޕާކިސްތާނުން ތަމްރީނު ހޯދާފައިވާ އިންޑިޔާގެ ޖިހާދީ ނެޓްވޯކްތަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ. ފިޔާ އަލުވީގެ ވިޔަފާރި އާއި އިންޑިޔާގެ ސޫރަތުން ފޮތި ފޮނުވައިގެން ފޮތީގެ ވިޔަފާރި އާއި އަތަރާއި ފޯނުގެ ވިޔަފާރިވެސް ދިވެހިންނަށް ފަށައިދީފައި އެބައްޓެވެ.

ފައިސާ ލިބެނީ ކިހިނެއް؟

ދިރާސާތަކުން ދައްކާ ގޮތުގައި ހަރުކަށި ފިކުރުގެ "ބައްޕަ"އިންނަށް ހަތަރު ގޮތަކުން ފައިސާ ލިބެއެވެ. ރެކްރޫޓުކުރާ ކޮންމެ ބޮލަކަށް ބްރޯކަރ ފީ އެއް ލިބެއެވެ. އަދި ހަރަކާތްތައް ހިންގަން ކޮންމެ ތިން މަހަކުން ކަނޑައެޅިފައިވާ ބަޖެޓް ލިބެއެވެ. ބައެއް ފަހަރު އެފައިސާއާ ހަވާލުވާން އެމީހުން އިންޑިޔާގެ ކޮޗިންނަށާއި ޓްރިވެންޑްރަމަށާއި ކޮލޮމްބޯއަށާއި ބެންކޮކް އަދި ދުބާއީއަށް ދަތުރުކުރެއެވެ.

ގޭންގް ކުށްތަކުގައި އުޅޭ ޒުވާނުންނަށް އެހެން އޮފަރއެއް ލިބެއެވެ، އެއީ ދަރަންޏަށް މަސްތުވާތަކެތި ލިބުމެވެ. އެ ޖަމާއަތްތަކުން ބޮޑެތި އަދަދުތަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްދީ ވިޔަފާރި ހުޅުވާލަދެއެވެ. ޑީލަކީ ފައިދާގެ ތިރީސް އިންސައްތަ ހަރުކަށި ފިކުރުގެ ޖަމާއަތްތަކަށް ދިނުމެވެ. މުދަލުގެ އަގު އޭގެ ވެރިފަރާތަށް ފޮނުވަން ޖެހެއެވެ.

ބައެއް ދިވެހިން ބަންގްލަދޭޝްގައި

ހަނގުރާމައިގައި ބައިވެރިވުމަށްކަމަށް ބުނެ ރާއްޖެއިން ފިލައިގެން ދިޔަ ބައެއް މީހުން އިންޑިއާ މަގުން ވަނީ ބަނގުލަދޭޝްއަށް ވަދެފަކަމަށާއި އެމީހުން ބަންގުލަދޭޝްގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ހިންގާކަމަށްވެއެވެ. ބިދޭސީން ރާއްޖެއަށް ރެކްރޫޓްކުރުމާއި މަނީ ޓްރާންސްފަރކުރުމާއި ހަނގުރާމައަށް މީހުން ރެކްރޫޓްކުރުމުގެ މަސައްކަތްވެސް އެމީހުން ހިންގަމުން އެބަ ގެންދެއެވެ. އެމީހުން އަތުގައި އެވްރެޖްކޮށް އަބަދުވެސް ހަތް ގައުމެއްގެ ޕާސްޕޯޓާއި އައިޑީކާޑު ގެންގުޅެއެވެ. އަމިއްލަ ސެކިއުރިޓީން ތިބެއެވެ.

ރާއްޖޭގައި ނެޓްވޯކު އެޅީ ކިހިނެއް؟

ނަވާރަސަތޭކައިގެ އަހަރުތަކުގައި ޕާކިސްތާނާއި އިންޑިޔާގެ ބައެއް "މުސްލިމް" މަދުރަސާތަކުގެ މަންދޫބުން ރާއްޖެއައިސް ހިލޭ ކިޔަވައިދޭން ކުދިން ހޯދުމުގެ ހަރަކާތްތަކެއް ހިންގިއެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުން މައިންބަފައިން އެމީހުންގެ ދަރިންނަށް ހިލޭ ކިޔެވޭތީ އާނބަސްބުނެ އެކުދިން ބޭރަށް ފޮނުވިއެވެ. އެ ފެށުނީއެވެ. އެކުދިން އެނބުރި ރާއްޖެއައިސް އުޅެން ފެށީ މިހާރު އަޅުގަނޑުމެން މި ސިފަކުރާ "ހަރުކަށި" ވިސްނުމުގައެވެ. އެމީހުން ގަބޫލުނުކުރާ ގޮތަށް އުޅޭ މީހުން ކާފިރު ކުރުމާއި ދިވެހި ސަރުކާރުގެ ވެރިންނަކީ މުސްލިމުންގެ މައްޗަށް ވެރިކަން ހިންގަން އެކަށީގެންނުވާ ބައެއް ކަމަށް ދެކުމާއި ޝަރުއީ ނިޒާމާއި ބޭންކިން ނިޒާމުގައި "ރިބާ" ހިމެނޭތީ އެ މުޢާމަލާތްތައް ހަލާލު ނުވާނެ ކަމާއި ބޮޑު ފައިދާގައި ވިޔަފާރި ކުރުން ހަރާންކަމާއި މޫނު ބުރުގާ އަޅައި މުޅި ހަށިގަނޑު ކުރުން ނޫން ގޮތެއް އަންހެނުންނަށް ނެތްކަމާއި ފިރިހެނުން ހެދުން އަޅަން ޖެހޭނީވެސް ވަކި ގޮތަކަށް ކަމަށް އެމީހުން ޤަބޫލުކުރެއެވެ.

ބައެއް މީހުންގެ މަރު

ހަނގުރާމައަށް ދިޔަ ބައެއް މީހުން މަރުވެއްޖެއެވެ. ބައެއް މީހުން މަރުވީ އަމިއްލައަށް ޖާނުން ފިދާވެގެން ކަމަށްވެއެވެ. އަނެއް ބަޔަކު ހަނގުރާމައިގައި ލިބުނު އަނިޔާތަކުގައި މަރުވެދިޔައީއެވެ. އަނެއްބައި މީހުން ވަނީ ނެޓްވޯކުގެ އިސްމީހުންވެގެން މަރާލާފައެވެ. އެމީހުންގެ އަމިއްލަ ޖަމާއަތްތައް ހަދަން އުޅުމާއި ޖާސޫސްކޮށްދޭން އުޅުމާއި އާއިލާ ގޮވައިގެން ފިލަން އުޅުމުގެ ސަބަބުންނެވެ. އެކަންކަމުގެ ހަގީގަތްތައްވެސް އެމީހުންނާއެކު ވަނީ މަރުވެ ގޮސްފައެވެ. ބައެއް އިންޓެލިޖެންސް ރިޕޯޓުގައި ބުނާ އެއްޗެއް ފިޔަވާ ކަށަވަރު ހެކިތައް ދިރާސާކޮށްލަން ބަލާއިރު ފެންނާކަށް އަދި ނެތެވެ. ނުވަތަ އެތަކެތި ހުރީ ޤައުމުތަކުގެ ސަލާމަތަށްޓަކައި ސިއްރުގެ ގޮތުގައި ހިފެހެއްޓިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. Hama ekani jalegga noon thiby kee mikamah meehunge hihthah lanbaa meehun… tv thakun ves fennan eba thibi eyge bodethi meehun mashooru myhunha

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *