Ad

މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިޤްތިޞާދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެ: ރައީސުލްޖުމްހޫރިއްޔާ

މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިޤްތިޞާދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވަނީ މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މިއަހަރުގެ ކުރީކޮޅު ރިޒޯޓުތައް ބަންދުކޮށް، މުޅިރާއްޖެ ފުރަބަންދުކުރުމާ ގުޅިގެން، މަސްވެރިކަމުގެ ޞިނާޢަތަށްވެސް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވިކަމަށެވެ. އަދި މިހާރުގެ މަސްވެރިކަމުގައި އެންމެ ބޮޑު ނަފާއެއް ހޯދައިދޭ، ބޮޑުކަންނެލީގެ މަސްވެރިކަން މުޅިންހެން ހުއްޓުމަކަށް އައިކަމަށާއި ރިޒޯޓް މާކެޓަށް އަމާޒުކޮށް، އަތޮޅުތަކުގައި ކުރަމުން އައި ފަރުމަހުގެ މަސްވެރިކަންވެސް ހުއްޓިގެންދިޔަކަމަށް ރައީސް ވިދާޅުވިއެވެ.

މިކަންކަމުން އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ، ރާއްޖެފަދަ ވަސީލަތްތައް މަދު ޤައުމެއްގައި، އެއް ޞިނާޢަތެއްގެ މައްޗަށް މުޅި އިޤްތިޞާދު ބިނާކުރުމުގެ ގެއްލުމާއި ނުރައްކާތެރިކަން ބޮޑުކަންކަމަށާއި ކޯވިޑްގެ އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް، ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ފަށާފައިވާ މިދަނޑިވަޅުގައި، މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކުރުމާއި، މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމުގެ މުހިންމުކަން އެނގިގެން ހިނގައްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކާނާގެ ޔަޤީންކަން ދެމެހެއްޓުމަށާއި، ބޭރު ފައިސާ ހޯދުމަށް ދަތިވާ ކޮންމެ ވަގުތެއްގައިވެސް، މަސްވެރިކަމުގެ ޞިނާއަތުގެ މުހިއްމުކަން ވަޒަންކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ރާއްޖޭގެ ޤައުމީ އާމްދަނީގައި އެންމެ ބޮޑު ޙިއްޞާއެއްވާ ޞިނާޢަތަކީ ފަތުރުވެރިކަން ކަމުގައިވިޔަސް، ކޯވިޑްގެ ފުރަބަންދު ތެރޭގައިވެސް، މުޅިން ހުއްޓުމަކަށް ނައިސް ހިނގަހިނގާ އޮތީ، އިޤްތިޞާދީ ދެވަނަ ޞިނާޢަތުގެ ގޮތުގައި މިހާރު ބެލެވޭ ދިވެހި މަސްވެރިކަމެވެ. ނަމަވެސް ދުނިޔެއަށް އަންނަ އިޤްތިޞާދީ އަދި ޞިއްޙީ، ކުއްލި ލޮޅުންތަކުން ސަލާމަތްވުމަށްޓަކައި، މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިޤްތިޞާދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެ ކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެފަދަ ވަސީލަތްތައް މަދު ޤައުމެއްގައި، އެއް ޞިނާޢަތެއްގެ މައްޗަށް މުޅި އިޤްތިޞާދު ބިނާކުރުމުގެ ގެއްލުމާއި ނުރައްކާތެރިކަން ބޮޑުކަން އެނގިގެން ހިނގައްޖެކަމަށެވެ.

"މި ފެށޭ 2021 ވަނަ އަހަރުގެ ތެރޭގައި، ދިވެހި މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެއެވެ. އައިސް ލިބުމުގެ ދަތިކަން ފިލުވައިދިނުމަށްޓަކައި، މުޅިން އައު، ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް މި އަންނަ އަހަރު ފެށޭނެއެވެ. އަދި ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް އިތުރުކުރެވޭނެއެވެ. ހަމައެފަދައިން، މަސް ކިރުވުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން، މަސް ގަންނަ އިތުރު ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތްވެސް، މާތް ﷲގެ ވާގިފުޅާއެކު، މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެއެވެ. މެރިކަލްޗަރގެ ޒަރީޢާއިން މަސްވެރިކަމުގެ ޞިނާޢަތު ސިންދަފާތުކުރުމުގެ މަސައްކަތްވެސް، މި އަންނަ އަހަރުގެ ތެރޭގައި އިތުރަށް ހަރުދަނާކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެކެވެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އަންނަ އަހަރު ކުރުމަށް ހަމަޖެހިފައިވާ ކަންތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ޚިއްޞާ ކުރައްވާފައެވެ.

"މަސްވެރިންނަށް މިވަގުތު ކުރިމަތިވެފައިވާ، މަސް ކިރުވުމުގެ ދަތިތަކަށް އަވަސް ޙައްލެއް ހޯދައިދިނުމަށްޓަކައި، 460 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫޢުތަކެއް، މި އަންނަ އަހަރުގެ ތެރޭގައި ފެށުމަށް މި އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން، ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުޚާނާ އިތުރަށް ތަރައްޤީކޮށް، މަސް ރައްކާކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރުކުރުމުގެ ޢަމަލީ މަސައްކަތް މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެއެވެ. އަދި ގދ. ތިނަދުއާއި މ. މުލަކުގައި، މަސް ގަންނަ މަރުކަޒެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުތައް ނިމުމުން، މަސްވެރިންގެ ވަރަށް ގިނަ ޝަކުވާތަކަށް ޙައްލު ލިބިގެންދާނެއެވެ." ރައީސް ސޯލިހުގެ ހިތާބުގައި ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، މަސްވެރިކަން މިހާރަށްވުރެ ފުޅާކޮށް، މަސްވެރިކަމުގެ އުފެއްދުންތެރިކަން ސިންދަފާތުކުރުމުގައި، އެންމެ ބޮޑަށް ބޭނުންވަނީ، ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުމާއި އިސްނެގުންކަމަށެވެ. މަސްވެރިކަން އިތުރަށް ފުޅާކޮށް، އިޤްތިޞާދަށް ދިރުން ގެނައުމަށްޓަކައި، މަސްވެރިންނާއި މަސްވެރި ޢާއިލާތަކުން ނަގާ ކޮންމެ އިސްނެގުމަކަށް، ސަރުކާރުން މަރުޙަބާ ކިޔާނެކަމަށާއި އަދި އެކަމުގައި ވެދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ސަރުކާރުން ވެދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މީގެ 40 އަހަރު ކުރިން، ރާއްޖޭގައި ފުރަތަމަ ފަހަރަށް، ޤައުމީ ފެންވަރުގައި މަސްވެރިންގެ ދުވަހެއް ފާހަގަކުރަން ފެށީ، ވަރަށް މުހިންމު މަޤްޞަދެއްގައިކަމަށެވެ. އެއީ، ރެޔާއި ދުވާލު، އަތްވާއި ވާރޭގައި، މަސްވެރިން ކުރަމުން އައި ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، މުޖުތަމަޢުގައި މަސްވެރިންގެ ޤަދަރާއި ޢިއްޒަތް ހިފެހެއްޓުމަށްކަމަށާއި، ޤައުމުގެ އިޤްތިޞާދުގައި މަސްވެރިކަމުގެ ޙިއްޞާ އިތުރުކުރުމަށްޓަކައި، މަސްވެރިންނަށް ހިތްވަރުދީ، މަސްވެރިކަމަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *