ފުވައްމުލަކަށް ގިނަ އަދަދަކަށް ފުޅަނގި އަރަން ފަށައިފިއެވެ.
އިރުވަރު އޮންލައިނަށް މަޢުލުމާތު ދިން ފުވައްމުލަކު މީހަކު ބުނީ، ކޮންމެ އަހަރެއްގެ އިރުވައި މޫސުން ފެށޭ ދުވަސްވަރަކީ ފުވައްމުލަކަށް "ފުޅަނގި" އަރާ ދުވަސް ވަރެއް ކަމަށެވެ. ނަމަވެސް އެހެން އަހަަރު ތަކާ އަޅާ ބަލާއިރު މިއަހަރު ގިނައިން ފުޅަނގި އަރަމުންދާކަމަށް އޭނާ ބުންޏެވެ. ފުޅަނގި އަރާ ދުވަސްވަރު ފާހަގަ ކުރެވިފައިވަނީ އެރަށަށް އަންނަ އީދެއްގެ ގޮތުގައެވެ.
މި މޫސުމުގައި ފުޅަނގިތައް ފުމެމުން އައިސް އެރަށު ގޮނޑުދޮށަށް އަރައެވެ. ބައެއް މަސްތައް އުދުހިފަ އެއްގަމަވެސް އަރައެވެ. ފުޅަނގި ހިފުމުގައި މިއީ އެންމެންނަށް އަންނަ އީދެއްފަދަ އެވެ. އެއްބަޔަކު ފުޅަނގި ހިފަން ގޮނޑުދޮށުގައި އުޅޭއިރު މިމަންޒަރު ބަލަން އެތައް ބަޔަކު އެސަރަަހައްދަށް ޖަމާވެ ފޯރި ނަގައެވެ.
އާންމުކޮށް ފުޅަނގި އަރަނީ އިރު އަރާގަޑިއާއި އިރު އޮއްސޭ ގަޑީގައެވެ. ޚާއްޞަކޮށް އިރު އޮއްސޭ ގަޑީގައެވެ.
"ރަށުގެ އަންހެންވެރިން ނަލަ ހެދިގެން ދަނީ ހުޅަމަހާ ހޮވަން (ފުޅަނގި ހިފަން). ވަރަށް މަޖާ ކަމެއްމީ. ކުދިންނަށްވެސް ވަރަށް މަޖާ." ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެހެން އަހަރު ތަކާ ހިލާފަށް މިއަހަރު ފުޅަނގި އަރާ މިންވަރު ގިނަކަމަށް އެރަށު މީހުން ބުނެއެވެ. މިދުވަސްވަރު އެވްރެޖްކޮށް 700 ވަރަކަށް މީހުން ފުޅަނގި ހިފަން ގޮނޑުދޮށުގައި ހަރަކާތްތެރި ވެއެވެ.
"އަޅުގަނޑުމެން ފުރަތަމަ ދިޔައީ ފުޅަނގި ލައްގައޭ ބުނީމަ އެތަން ބަލާލަން. އަތިރިމައްޗަށް ދިޔަ ތަނުން އޭތި އުދުހިފަ އައިސް އަޅުގަނޑުމެ މޭމަތީގަ ޖެެއްސީ. އެ ހުޅަމަހާ ނެގިތަނުން އަނެއްކާ އަނެއް މަސް އުދުހިފަ އެރިތަން ފެނުނީމަ އޭތިވެސް ނެތީ. ދެން އަޅުގަނޑުވެސް އަމަލީގޮތުން ހުޅަންމަހާ ހިފަން އުޅުނީ. އޭގެ ފަހުން ކޮންމެ ދުވަހަކުވެސް ހުޅަންމަހާ ހިފަން ދަން." ފުވައްމުލަކު އަންހެން ކުއްޖަކު ބުންޏެވެ.
ފުޅަންގަކީ މީރު މަހެކެވެ. ފުވައްމުލަކު މީހުން އާންމުކޮށް ފުޅަނގި ކަނީ ތެލުލައިގެންނެވެ. ބައެއް މީހުން ގަދުދިޔަ ނުވަތަ ރިހަވެސް ކައްކައެވެ.
ފުޅަންޖަކީ މޫދުގައި އުޅޭ އުދުހޭ މަހެކެވެ. މި މަސް ލޮނުގަނޑުމަތިން ސަތޭކަ ވަރަކަށް ފޫޓު ދުރަށް އުދުހިފަ ދާކަމަށް ވެއެވެ. މިމަހަކީ ހިމަ ކަށިތަކެއް އެކުލެވޭ މަހެކެވެ. އެންމެ ފަސޭހައިން މި މަސް ކެވެނީ ތެލުލައިގެން މުރަނު ކޮށްގެންނެވެ.
ފުޅަނގި ހިފުމުގައި ވަރަށް ފޯރީގައި އެންމެން ހަރަކާތްތެރި ވެއެވެ. ވަކި އުމުރެއް ނެތެވެ. މިކަމަކީ އިޖުތިމާޢީ ގުޅުންވަރުގަދަކޮށްދޭ މަޖާ ކަމެއް ކަމަށް އެރަށު މީހުން ބުނެއެވެ.