ރ. މަޑުއްވަރީ ފަޅުތެރޭގައި އޮތް މުށި މަސްތައް ކުއްލިއަކަށް މަރުވެއްޖެއެވެ.
މަޑުއްވަރީ މަސްްވެރިންގެ ފޭސްބުކް ޕޭޖުން ބުނީ މަޑުއްވަރީ އަލަށް ހަދާ ބަނދަރަށް ވަދެ އޮތް މުށިމަސްގަނޑު މަރުވެފައިވަނީ ރޭގެ ވަގުތެއްގައިކަމަށް ބެލެވޭ ކަމަށެވެ. މިމަސްތައް މަރުވަން ދިމާވިކަމަށް ބެލެވެނީ ދިޔަވަރު ހިކޭވަގުތު ބަނދަރު ތެރޭގައި އޮއި ދެމޭނެ ގޮތެއް ނެތުމުން ކަމަށް ލަވާ ކުރެވޭކަމަށް ރަށުގެ ދުވަސްވީ މީހުންނާ ހަވާލާދީ އެ ޕޭޖުން ބުނެފައިވެއެވެ.
މަސްވެރިން އެމްވީއަށް މަޢުލޫމާތުދިން މަޑުއްވަރީ މީހަކު ބުނީ ރަށުގެ ބަނދަރުތެރޭގައި މުށިމަސްތައް ކުނިވެގެން މައްޗަށް އަރާފައިވާކަމަށާއި ރަށުގެ އެކި ދިމަދިމާލަށް މުށިމަސްތައް ކުނިވެގެން ލައްގަމުންދާކަމަށެވެ.
،މިހާދިސާ ހިނގުމުގެ ކުރިން ޖެޓީތެރޭގައި އޮތް މުށިމަސްގަނޑުގެ ބައެއް ރޭ އިރާކޮޅު ރަށުގެ ވަށައިގެން ގޮނޑުދޮށަށް ވަނީ އަރާފައެވެ. އަދި މި މުށިމަސްތައް ހިފުމުގައި ރަށުގެ ރައްޔިތުން ހަރަކާތްތެރިވެފައިވާއިރު ގިނަ އަދަދެއްގެ މުށިމަސް ވަނީ ހިފާފައެވެ. މިގޮތުން ބައެއް މީހުން ގޯނި ގޯނީ ފުރެންދެން މުށިމަސް ހިފިއެވެ.
މަޑުއްވަރީން ވާހަކަދެއްކި މީހާ ބުނީ މަރުވެފައިވާ މުށިމަސްތަކަކީ ރޭ ބަނދަރު ތެރެއިން ނުނިކުމެވުނު މަސްތައް ކަމަށެވެ. ނަމަވެސް ދިޔަވަރު ހިކޭއިރު މީގެކުރިންވެސް ޖެޓީތެރޭގައި މުށިމަސް އުޅޭކަމަށާއި ދިޔަވަރު ހިކުމަކީ މުށިމަސްތައް މަރުވަން ދިމާވި ސަބަބު ކަމަށް ނުބެލެވޭކަމަށް އޭނާ ބުންޏެވެ.