Ad
ފޮޓޯ: ގެޓީ އިމޭޖްސް
ފޮޓޯ: ގެޓީ އިމޭޖްސް

ދީނީ ނަޒަރަކުން އިންޝުއަރެންސް / ތަކާފުލް (1 ބައި)

ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްކަމުގައި ވިޔަސް އަޅުގަނޑުމެންގެ ތެރޭގައި ކުރެވޭ ވިޔަފާރި މުއާމަލާތް ތަކާއި ކުރެވޭ އެހެނިހެން އެކިއެކި މުޢާމަލާތްތަކުގައި އިސްލާމީ ޝަރީޔަތާއި އެއްގޮތައް ކުރެވޭތޯ ބެލުމަކީ އެއްވެސް އިރެއްގައި އިސްކަމެއްދީފައިވާ ކަމަކަށް ނުވުވުމުގެ ނަތީޖާއަކަށްވީ އިސްލާމް ދީނުގެ މަތިވެރި ޙިދާޔަތުގައި 800 އަށްވުރެ ގިނަ އަހަރުފާއިތުވެ ދިޔައިރު އަދި މިއަދާޖެހެންދެން ރާއްޖޭގައި އިސްލާމީ ބޭންކްތަކާއި އިސްލާމީ ތަކާފުލްގެ މުއާމަލާތްތައް ކުރެވެން ފަށާފައިވަނީ ވަރަށް ފަހުންކަން ފާހަގަ ކޮއްލަމެވެ. އަދި މި މުޢާމަލާތް ތަކާއި ބެހޭގޮތުން އާއްމު ފަރުދުންނަށް މަޢުލޫމާލު ފޯރުކޮށްދެވިފައި ނުވާތީ އިސްލާމީ އުޞޫލުތަކާއި އެއްގޮތައް މިދެންނެވި ޙިދުމަތްތައް ހޯދުމުގެ ދުނިޔަވީ ފައިދާ އާއި އާޚިރަތުގެ ފައިދާ ނޭގިތިބެ ނުބައި މިސްރާބް ތަކަށް މުސްލިމް ގައުމެއްގެ މުސްލިމް ރައްޔިތުން ގޮސްފައިވާތީ މިކަހަލަ ގިނަގުނަ ލިޔުންތައް މި މުޖުތަމައު ބޭނުންވެފައިވާކަން އަޅުގަނޑުމެން އެއްމެންވެސް ޤަބޫލުކުރާނެކަން ކަށަވަރެވެ.

ކޮންމެ ޒަމާނެއްގައި ވެސް އެޒަމާނަކަށް ބޭނުންވާ ތަކެއްތަކާއި ކަންތަކާއި އަލަށް އުފެދޭ ކަންތައްތަކެއް ވެއެވެ. ޒަމާން ބަދަލުވެ މިފަހަކަށް އައިސް ޒަމާނުގެ މާއްދީ ކުލަވަރާއި، ފަރުދުންނާއި ޖަމާޢަތުގެ ބޭނުންތައް ގިނަވެ، ޒަމާނާއި ވަގުތު ކައިރިވެގެން ގޮސް، ދުނިޔޭގެ މި ބޮޑު ބިން ވެސް ވަނީ ނިސްބަތުން ކުޑަކުޑަ ތަނަކަށް ވެގެންގޮސްފައެވެ. އިހުގައި ދެމެދުގައި އެއްވެސްވަރެއްގެ މުޢާމަލާތެއް ނެތް މުޖްތަމަޢުތައް މިހާރުވަނީ، މާއްދީގޮތުންނާއި ފިކުރީގޮތުން، އެއް ބައެއްގެ ފުށުން އަނެއް ބަޔަކަށް އަސަރު ފޯރާ ބަޔަށްވެފައެވެ.

ޒަމާނާއިއެކު ބަދަލުތެކެއް އައުމުން އެކަންތަކަށް ފިކުރު ހިންގައި، ދިރާސާކޮށް، ގޮތްތަކެއް ނިންމަން ޖެހޭނޭކަން މިއުއްމަތުގެ ފިޤުހުވެރިންނަށް މާކުރިން ވެސް އެނގި ކަށަވަރުވެފައެވެ. އެހެންކަމާއެކު ގިނަ ފިޤްހުވެރިންގެ ނަޒަރުގައި އިޖްތިހާދީ ފަތުވާތަކަކީ ޒަމާނާއި، ތަނާއި، ޙާލަތާއި، އަދި މީހުން ބަދަލުވުމުން ބަދަލުވާ އެއްޗެކެވެ. އަދި ކޮންމެ ޒަމާނަކީ ވެސް، އެޒަމާނަކަށް ޚާއްޞަ އާ ކަންތައްތަކެއް އުފެދޭ، އެއާއި އެކަށީގެންވާ ފަތުވާ ނެރެންޖެހޭ ޒަމާނެއްކަމަށް އިސްލާމީ ޝަރުޢުތަކުގެ އަސްލުތަކަށް ރިޢާޔަތްކޮށް ގިނަ ޢިލްމުވެރިން އެއްބަސްވެއެވެ. ނަމަވެސް ވިސްނާލަންޖެހޭނެ ކަމަކީ މީގެ މާނައަކީ ފަހަރެއްގައި ވެސް ޒަމާނާގުޅޭގޮތަށް ޝަރީޢަތުގެ ޙުކުމް ބަދަލުކޮށް، ޙަރާމް ޙަލާލަށް ހެދުމެއް ނޫންކަމެވެ. އިސްލާމީ ޝަރުޢުގެ ޤައިދާތަކުގެ މައްޗަށް ރައުޔު ނެރުއްވާ ޢިލްމުވެރިން މިފަދަ ނޭއްގާނި މާނައެއް މިއިން ނުނަންގަވާކަމެދު އެއްވެސް ޝައްކެއްނެތެވެ.

މަތީގައި ބަޔާންކުރެވުނު ޙަޤީޤަތްތަކަށް ރިޢާޔަތްކޮށް، މިއަދުގެ ސުރުޙީގައިވާ މައުޟޫއާއިގެން ކުރިއަށް ޖެހިލާނަމެވެ. އެގޮތުން އިންޝުއަރެންސްގެ ބާވަތްކަތުގެ ތެރެއިން ކޮންވެންޝަނަލް ނުވަތަ ކޮމާޝަލް އިންޝުއަރެންސާއި އިސްލާމިކް އިންޝުއަރެންސް ނުވަތަ ކޯޕަރޭޓިވް އިންޝުއަރެންސްއާއި ދެމެދުގައިވާ ފިޤްހީ އަދި އިޤްތިޞާދީ ފަރަގުތައް ފާހަގަކޮށް، ފުރަތަމަ ބާވަތުގެ އިންޝުއަރެންސްގެ ޙަރާމް ކަމަށާއި ދެވަނަ ބާވަތް ހުއްދަ ކަމަށް، މިޒަމާނުގެ ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވާ ވިދާޅުވުން އިތުރަށް ކަށަވަރުކުރުމަށް ބަލައިލާނަމެވެ. އަދި ކޮމާޝަލް އިންޝުއަރެންސްގައި އެކުލެވޭ ނުރަނގަޅު ސިފަތަކުން އެއްކިބާވުމަށްޓަކައި ކޯޕަރޭޓިވް އިންޝުއަރެންސުކުރުމުގައި ހުންނަން ޖެހޭ މުހިއްމު މިންގަނޑުތަކާއި އަސާސްތަކުގެ މައްޗަށް ބަލައިލުމުގެ ކުރިން އިންޝުއަރެންސޭ މިބުނާ ބަހުގެ މާނައާއި ކޮމާޝަލް އަދި ކޯޕަރޭޓިވް އިންޝުއަރެންސްއަކީ ކޮބައިކަން  ބަޔާން ކޮށްލާނަމެވެ.

އިންޝުއަރެންސް – Insurance))

އިންޝުއަރެންސް އަކީ ތިމާއަށް ނުވަތަ ތިމާގެ މުދަލަކަށް ނުވަތަ ޢާއިލާއަށް ކުރިމަތިވެދާނެ ނުރައްކަލަކުން ދިމާވެދާނެ މާލީ ނުތަވަސް ކަމަކުން ސަލާމަތްވުމަށްޓަކައި އިންޝުއަރެންސްގެ ޚިދްމަތްދޭ ކުންފުންޏަކަށް ކަނޑައެޅޭ ވަކި މިނަވަރަކަށް އެ ނުރައްކަލެއް ހިގުމުގެ ކުރިން ފައިސާ ދައްކަމުންގޮސް، ނުރައްކަލެއް ކުރިމަތިވާ ދުވަހު އެކަމުން ދިމާވާ މާލީ ގެއްލުން ފޫބެއްދުމަށް  އިންޝުއަރެންސް ކުންފުނިން ތިމާ ދެއްކި ފައިސާ އަނބުރާ  ދޭނެ ކަމަށް އުންމީދު ކޮށް މި ގޮތަށް ދެފަރާތުން ވެވޭ އެއްބަސްވުމެކެވެ.

ކޮމާޝަލް އިންޝުއަރެންސް – ((Commercial Insurance

މާނައަކީ ، ވިޔަފާރިއެއްގެ ގޮތުގައި ދެވޭ އިންޝުރެންސް ޚިދުމަތެވެ. މިގޮތަށް ކުރެވޭ އިންޝުއަރެންސް ކުރެވެނީ ރިބާގެ މުޢާމަލާތް އެކުލެވިގެންނެވެ.

އަދި (Conventional Insurance) ގެނަމުން ވެސް ނަންދެވިފައިވެއެވެ. ރާއްޖޭގައި އިންޝުއަރެންސް ޚިދުމަތްދޭ އެލައިޑް އަދި ސެލިންކޯއިން މި ދެ ބާވަތުގެ އިންޝުއަރެންސްގެ ޚިދުމަތް ދެއެވެ.

ކޫޕަރޭޓިވް އިންޝުއަރެންސް –  ((Cooperative Insurance

މިއީ އެހީތެރިކަމާއި އެއްބާރުލުމުގެ ގޮތުން ކުރެވޭ އިންޝުއަރެންސްގެ ބާވަތެކެވެ. އިސްލާމީ އިންޝުރެންސް ޚިދުމަތް ދޭ ކުންފުނިތަކުން ޢާއްމު ގޮތެއްގައި އެ މީހުންދޭ އިސްލާމީ އިންޝުރެންސް ޚިދުމަތަށް ކިޔަނީ ތަކާފުލް އެވެ.

ތަކާފުލް ( Takaful )

ތަކާފުލްގެ މާނައަކީ "އެކަކު އަނެކަކަށް ޖާމިނުވުމެވެ." ތަޢާވުންގެ މާނައަކީ "އެކަކު އަނެކަކަށް އެހީތެރިވެ ބައިވެރިވުމެވެ." ކޮންމެ ގޮތެއް ވިޔަސް މި ދެ ބަހަކީ ވެސް އެކައްޗަކަށް ނިސްބަތްކުރަން ބޭނުން ކުރާ ދެ ބަހެކެވެ. ވީމާ ތަކާފުލް އޭ ބުންޏަސް ތަޢާވުން އޭ ބުންޏަސް މައްސަލައެއް ނެތެވެ.

ނޯޓް: މި ސިލްސިލާގެ 2 ވަނަބައި އަންނަ ހަފްތާގެ އަންގާރަ ދުވަހު ގެނެސްދެވޭތޯ ބަލާނަމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *