Ad

ސޯޝަލް މީޑިއާގެ ސަބަބުން ވަރި ގިނަވަނީ

ގިނަ ބައެއްގެ ދިރިއުޅުމުގައި، އަދި ހާއްސަކޮށް ޒުވާނުންގެ މެދުގައި  ފޭސްބުކް ފަދަ މީސް މީޑިއާގެ ވަސީލަތްތައް އެއީ ވަރަށް މުހިއްމު އެއްޗަކަށްވަނީ ވެފައެވެ. ކައިވެނިކޮށްގެން އުޅެމުންދާ ދެމަފިރިންގެ މެދުގައިވެސް މީސްމީޑިއާގެ މަގުބޫލުކަން ބޮޑެވެ. ގިނަ ބަޔަކު ފޭސްބުކް ހިތްހަމަ ޖައްސާލާ މަޖާކޮށްލަން ބޭނުންކުރި ކަމުގައިވިއަސް ފޭސްބުކް ފަދަ މީސްމީޑިއާގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް ނުރަނގަޅު އަސަރުތަކެއް ކުރަމުންދާކަމީ ޤަބޫލުކުރަން ޖެހޭ ހަޤީޤަތެކެވެ.

ވަރިއާއި މީސްމީޑިއާގެ ގުޅުމާ ގުޅޭގޮތުން އިނިގރޭސި ވިލާތުގެ ކުރެވުނު ދިރާސާއެއްގައި، ފޭސްބުކްއާއި ގުޅުންހުރި 'ވަރި' މެދުވެރިކުރުވާ މައިގަނޑު ތިން ސަބަބެއް ފާހަގަކޮށްފައިވެއެވެ. އޭގެތެރޭގައި ކައިވެނިކޮށްގެން އުޅޭ ފިރިހެނުން އަންހެނުންނަށް ނުވަތަ ކައިވެނިކޮށްގެން އުޅޭ އަންހެނުން ފިރިހެނުންނަށް ފޮނުވާ މެސެޖްތަކުގެ ޒާތުންނާއި ދުރުގައި އުޅެމުންދާ ދެމަފިރިން އެކަކު އަނެކަކަށް ކުރާ ކޮމެންޓުތަކުގެ ސަބަބުންނާއި ފޭސްބުކުގައި އެކުވެރިން ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާއޭ ކިޔައިގެން ތިމާ ގާތު ދައްކާ ވާހަކަތަކުގެ ސަބަބުން ވަރިކުރުން އިތުރުވެފައިވާ ކަން ފާހަގަކޮށްފައިވެއެވެ.

މިދިރާސާ ކުރި ފަރާތުން މައުލޫމަތު ދިން އޮފިޝަލަކު ބުނެފައިވާ ގޮތުގައި މީހަކު އެމީހެއްގެ އަނބި ނުވަތަ ފިރި ހައްދާލަން ބޭނުންނަމަ އެކަންކުރަން އެންމެ ފަސޭހަ ތަނަކީ ފޭސްބުކް ކަމުގައެވެ. ހަމައެއާއެކު ތިމާ ކުރީގައި އިނދެގެން އުޅުނު މީހާ އާއި ދިމާލަށް ރަޙްމަތްތެރިން މެދުވެރިކޮށްގެން ފާޑު ފާޑުގެ ކޮމެންޓްކުރުމުގެ އިތުރުން ތިމާ ކުރީގައި އިނދެގެން އުޅުނު މީހާގެ ފިރިމީހާ ނުވަތަ އަނބި މީހާ އަށް ރައްދުކޮށް ފާޑު ފާޑުގެ ކޮމެންޓްކުރުންވެސް ފޭސްބުކް ތެރޭގައި ހިމެނޭކަމަށްވެސް އެ އޮފިޝަލު މައުލޫމާތުދީ ފައިވެއެވެ.

އަދި ހަމަ މިކަމާ ގުޅޭ ޔޫކޭގެ އެހެން ދިރާސާ ރިޕޯޓެއް ބުނާގޮތުން އެޤައުމުގައި ކުރެވޭ ވަރިތަކުގެ ތެރެއިން ތިންބައިކުޅަ އެއްބައިވަރިއަށް ވުރެ ގިނަ ވަރިއަކީ ފޭސްބުކް، ޓްވިޓަރ، ވަޓްސްއަޕް، އިންސްޓަގްރާމް، ސްނެޕްޗެޓް ފަދަ މީސް މީޑިއާގެ އެކި ވަސީލަތްތަކުގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން ކުރެވިފައިވާ ވަރިތަކެވެ.

ދާދި ފަހުން ސައޫދީ އަރަބިޔާގައި ދިމާވި ހާދިސާއެއްގައި ވަޓްސްއަޕް މެސެޖަކަށް ޖަވާބު ނުދީގެން އެގައުމުގެ ދެމަފިއަކު ވެސް ވަނީ ވަރިވެފައެވެ. މިހާދިސާ ގައި ފިރިމީހާ އަނިބިމީހާއަށް ފޮނުވި މެސެޖަކަށް ޖަވާބު ނުދީ ވަރިކުރި މައްސަލައިގައި އަނބިމީހާ ބުނެފައިވަނީ އެމެސެޖް އޭނާ ނުކިޔާ ކަމަށެވެ. އެހެންނަމަވެސް ފިރިމީހާ ބުނެފައިވަނީ އޭނާ ފޮނުވިމެސެޖް ވަޓްސްއަޕްގެ ބުލޫޓިކް ނުވަތަ ސީން ސްޓޭޓަސް ގެ ސަބަބުނ އޭނާގެ އަންހެނުންކީ ކަން ސާބިތުވާ ކަމަށެވެ. ވަޓްސް އަޕްގައި އަންރެޑް މެސެޖްތައް ހުންނާނީ އަޅިކުލައިގެ ޓިކްގައި ކަމަށްވާއިރު، މެސެޖެއް ކިޔައިފިނަމަ ބްލޫކުލައަށް އެމެސެޖެއްގެ ޓިކް ބަދަލުވެއެވެ. މި ޚަބަރު ފަތުރާފައިވާ ނޫސްތަކުންބުނެފައިވާ ގޮތުން އަނބިމީހާއަށް އެމެސެޖަށް ރިޕްލައި ނުދެވުނީ އޭނާއަށް އައިސްފާހުރި އެހެނިހެން ފޯންކޯލް ތަކަށާއި، މެސެޖްތަކަށް ޖަވާބު ދިނުމުގައި ބިޒީވެގެންނެވެ. ވަރިއާއި މީސްމީޑިއާއި އޮތް ގުޅުމުގެ މައްޗަށް މަޝްހޫރު ރިސަރޗް ސެންޓަރަކުން ކުރި ދިރާސާއެއްގެ ނަތީޖާ ދައްކާގޮތުން ކޮންމެ ހަތަރު ފިރިއެއްގެ ތެރެއިން އެކަކު ބުނާގޮތުން ސްމާޓްފޯނަކީ އޭނާގެ ބައިވެރިޔާއާއި، ދުރުކޮށްދޭ އެންމެ ބޮޑު ވަސީލަތެވެ.

މީސްމީޑިއާއަށް އެޑިކްޓް ވުމުގެ ސަބަބުން ދިމާވާ މައްސަލަތައް އަޅުގަނޑުމެންގެ ތެރޭގައިވެސް މަދެކޭ ދެންނެވޭކަށް ނެތްކަމަށް ހިތާމައާއެކު ބުނަން ޖެހެއެވެ. މިބާވަތުގެ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި އޮތް ހަމައެކަނި ހައްލަކީ ތިމާގެ ނަފްސް ތިމާގެ ކޮންޓްރޯލްގެ ދަށަށް ގެނެސް ބޭކާރު ކަންތައްތަކުގެ ސަބަބުން ތިމާގެ ވަގުތުތައް ބޭކާރުވިޔަ ނުދީ ތިމާއަށާއި، ތިމާގެ އާއިލާއަށް ފައިދާ ހުރި ރަގަޅު ގޮތުގައި ހުސްވަގުތުގެ ބޭނުންހިފުން ކަމުގައި ދަންނަވަންޖެހެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *