ސަރުކާރުގެ ސިޔާސަތަކީ، މަސްވެރިންނަށް އެންމެ ފައިދާ ހުރި ގޮތަށް މި ޞިނާޢަތު ބައްޓަންކުރުން ކަމަށް ރައީސުލްޖުމްހޫއިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް މިކުރާ މަސައްކަތުގައި، އެންމެ އިސްކަމެއް ދޭންޖެހިފައިވާ އެއް ދާއިރާއަކީ މަސްވެރިކަންކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމެކޭ އެއްގޮތަށް، ރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީވެސް، މިހާރަށްވުރެވެސް ބޮޑަށް، ދުނިޔޭގެ މަޤްބޫލުކަން ހޯދޭނެ ޞިނާޢަތެއްކަމަށާއި، އެއީ ތިމާވެށްޓާ އެންމެ ރައްޓެހި ގޮތަށް ދުނިޔޭގައި ކުރެވޭ މަސްވެރިކަމަށްވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.
"މަސްވެރިކަމުގެ ޞިނާޢަތަށްވެސް އެންމެ ފައިދާ ހުރި ގޮތަކީ، ފަތުރުވެރިކަމެކޭ އެއްގޮތަށް، އެ ވިޔަފާރިން ސަރުކާރު ނުކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލުން ކަމަށް ބުނެވިދާނެ. ނަމަވެސް މިވަގުތަކީ އެކަން އެގޮތަށް ކުރަން އެންމެ ރަނގަޅު ވަގުތުކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ. މިވަގުތު އެކަންކޮށްފި ނަމަ، މަސްވެރިކަމަށް ބޮޑެތި ލޯނުތައް ނަގައި އިންވެސްޓްކޮށްގެން ތިބި އެތައް އޮޑިވެރިންނެއް ބަނގުރޫޓުވެދާނެ ކަމުގެ ބިރު އެބައޮތް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް މި ޞިނާޢަތް ދޫކޮށްލުމަށްޓަކައި، މީގެ އަހަރުތަކެއް ކުރިން ސަރުކާރުން މަސައްކަތްތަކެއް ކުރިކަމަށާއި ވަރަށް ގިނަ ލުއިތަކެއްވެސް ދިން ކަމަށެވެ. ނަމަވެސް، މަސްވެރިންގެ ޝަކުވާތައް ދިޔައީ، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންކަން ރައީސް ފާހަގަކުރެއްވިއެވެ.
"އެނގިވަޑައިގަންނަވާނެ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އޮތް ޙާލަތު. ބޮޑު ގެއްލުމެއްގައި ހިންގާތާ އެތައް އަހަރެއްވެއްޖެ. ވެއަތުވެދިޔަ ދެ އަހަރުގެ ތެރޭގައިވެސް، ސަރުކާރާއި އެސް.ޓީ.އޯ އިން މިފްކޯގެ ޚަރަދުތައް ދެކޮޅުޖެއްސުމަށްޓަކައި 571 މިލިއަން ރުފިޔާ ވަނީ ދީފައި. އެކަން އެގޮތަށް ކުރަންޖެހުނީ، މަސްވެރިންނަށް ލިބޭ އާމްދަނީ ހުއްޓުމަކަށް އަޔަނުދިނުމަށްޓަކައި." ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، މިދިޔަ އަހަރަކީ، ވޭތުވެދިޔަ 14 އަހަރު ތެރޭގައި މިފްކޯއަށް، އެންމެ ގިނައިން މަސް ގަތް އަހަރުކަމަށެވެ.
"މިދިޔަ އަހަރަކީ، މިފްކޯގެ ވެއަތުވެދިޔަ 14 އަހަރުގެ ތާރީޚުގައިވެސް، އެންމެ ގިނައިން މަސް ގަތް އަހަރު. އެއީ، 48494 ޓަނުގެ މަސް. އަދި މިފްކޯގެ މުޅި ޙަޔާތުގައިވެސް އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދީފައިވަނީވެސް މިދިޔަ 2019 ވަނަ އަހަރު. އެ އަހަރުގެ ތެރޭގައި، މަހުގެ އަގުގެ ގޮތުގައި މިފްކޯއިން މަސްވެރިންނަށް 903.7 މިލިއަން ރުފިޔާ ދޫކުރި. އާދެ، ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާއާ ގާތްކުރާ ޢަދަދެއް މިވަނީ މަސްވެރިންނަށް ދޫކުރެވިފައި. އަދި މިހިނގާ 2020 ވަނަ އަހަރުގެ މިހާތަނަށް، މަސްވެރިންގެ އަތުން 44510 ޓަނުގެ މަސް މިފްކޯއަށް ގަނެ، 840.31 މިލިއަން ރުފިޔާވަނީ މަސްވެރިންނަށް ދޫކޮށްފައި. މިސަރުކާރު ފެށުމާއެކު، މިފްކޯއަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން މިއަންނަނީ ކުރަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްހުމްހޫރިއްޔާ ވިދާޅުވީ، މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެކަމަށާއި، މަސްވެރިންގެ ޝަކުވާތައް އަޑު އައްސަވަމުން ގެންދަވާކަމަށެވެ.
"މިފްކޯގެ ދަށުގައި އޮތް ފެލިވަރު ކޭނިންގ ފެކްޓްރީއަށް އެކަނި ބެލިކަމުގައިވިޔަސް، ބަދަލުތަކެއް އަންނަކަން ގަބޫލުކުރަންޖެހޭނެ. 2018 ވަނަ އަހަރު ފެލިވަރަށްގަތީ 4000 ޓަނުގެ މަސް. 2019 ވަނަ އަހަރު، މިދިޔަ އަހަރު 9000 ޓަނުގެ މަސް. އަދި މި އަހަރުގެ މިހާތަނަށް 12000 ޓަނުގެ މަސް، ފެލިވަރަށް ގަނެފި. މިއީ މިފްކޯ ރަނގަޅު ކުރުމަށްޓަކައި މި ސަރުކާރުން ގެންނަ ބޮޑެތި ބަދަލުތައް." ރައީސް ސޯލިހު ވިދާޅުވިއެވެ.