ތ.ވަންދޫ ކުއްޖަކަށް މިޔަރެއް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
އިރުވަރު އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޤިޔާސް ވިދާޅުވީ، މިއަދު މެންދުރު ހިނގި މިހާދިސާގައި މިޔަރު ދަތް އަޅާފައިވަނީ އެ ކުއްޖާގެ އަތުގެ އުޅަނބޮއްޓާއި ކުޑަހުޅާ ދޭތެރޭގައި ކަމަށެވެ. މި ކުއްޖާ އަކީ 10 އަހަރުގެ ކުއްޖެކެވެ. މިހާދިސާގައި ކުއްޖާގެ އަތް ވަރަށް ބޮޑަށް ޒަހަމްވެ ވަންދޫ ސިއްޚީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އެއަތޮޅު ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ގިޔާސް ވިދާޅުވިއެވެ.
މިހާދިސާ ހިނގީ ރަށުގެ އަތިރި މަތީ އެކުއްޖާ މަސް ބާނަން އުޅުމުގެ ތެރޭގައި ރޯލުގައި ގަތް މިޔަރެއް މަރާނުލާ ބުޅި ނައްޓަން އުޅުމުގެ ތެރޭގައި ކަމަށް ގިޔާސް ވިދާޅުވިއެވެ.
"މެކުނު ބާނަން ގޮސް އުޅެނިކޮށް ގަތް މިޔަރެއް އެއީ. އެ މިޔަރު ނަގައިގެން އޭނާ އުޅުނީ ބުޅި ނައްޓާފަ ދޫކޮށްލަން. އެހެން އުޅެނިކޮށް މިޔަރު އެނބުރިފަަ އަތުގަ ހިފީ. އަތް ވަރަށް ބޮޑަށް ޒަހަމް ކޮށްލާފަ ހުރީ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މި ކުއްޖާއަކީ އިމާދުއްދީން ސްކޫލްގައި ތަޢުލީމް ހާސިލްކުރަމުންގެންދާ ކުއްޖެކެވެ. މިވަގުތު އެކުއްޖާ ރަށުގައި ހުރީ ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދުވުމުގެ ސަބަބުން ކަމަށް މަޢުލޫމާތު ލިބެއެވެ.