Ad
ފޮޓޯ: ގެޓީ އިމޭޖްސް
ފޮޓޯ: ގެޓީ އިމޭޖްސް

ދީނީ ނަޒަރަކުން އިންޝުއަރެންސް/ތަކާފުލް (2 ވަނަބައި)

އިޞްތިލާޙީ ނަޒަރަކުން އިންޝުއަރެންސް

"އިންޝުއަރެންސްއަށް ޢަރަބި ބަހުން  'ތައުމީން' (تأمين) ކިޔައެވެ" (މުޙައްމަދު އައްޔޫބު، 2007). އަދި އިސްމާޢީލް ނާޖީ (2008) ލިޔުއްވާފައިވާ ގޮތުގައި، "ތައުމީން" މި ޢަރަބި ލަފްޒަކީ "އަމްނު" މި ލަފްޒުން އުފެދިފައިވާ ބަހެކެވެ. އަމްނު ގެ މާނައަކީ އަމާންކަމެވެ. ވީމާ، "ތައުމީން" އަކީ އަމާންކަމާއި ހިތްހަމަޖެހުން ހޯދުމެވެ.

އިޞްތިލާޙު ގައި އިންޝޫއަރެންސުގެ މާނަ އަކީ" އެއާ އެއްގޮތްވާ ގޮތުގެ މަތިން، އިންޝުއަރެންސު ކުރެވުނު ފަރާތަށް (مؤمن له އަށް) ޙާދިސާއެއް ކުރިމަތިވުމުން  ނުވަތަ އަޤްދު ގައި ބަޔާންކޮށްފައިވާ ނުރައްކާ ކުރިމަތިވުމުން ފައިސާގެ ވަކި މިންވަރެއް ނުވަތަ ބަދަލެއް ދިނުމަށް އިންޝުއަރެންސް ކޮށްދޭ ފަރާތް (މުއައްމިން) އެއްބަސްވާ އެއްބަސްވުމެކެވެ. މިއީ އިންޝުއަރެންސް ކޮށްދޭ ފަރާތަށް އިންސްޓޯލްމެންޓްގެ ގޮތުގައި ދައްކާ ފައިސާގެ ބަދަލުގައި ދޭ ބަދަލެކެވެ" (އިބްރާހީމް ރަޝީދު މޫސާ، 2009).  އަދި "މިޞްރުގެ މަދަނީ ޤާނޫނުގެ 747 ވަނަ މާއްދާގައި ތައުމީން ނުވަތަ އިންޝުއަރެންސް މާނަކޮށްފައި ވަނީ، ކުރެވޭ ޢަޤުދެއްގެ ދަށުން، ތައުމީނުކޮށްދޭ ފަރާތް، ތައުމީނުކުރެވޭ ފަރާތް، ނުވަތަ ތައުމީނުކުރެވޭ ވަގުތު ފައިދާ ލިބޭނެކަމަށް ނަންގަނެވިފައިވާ އެހެން ފަރާތަކަށް، ވަކި މިންވަރެއްގެ ފައިސާ، ނުވަތަ ދާއިމީ ގޮތަކަށް ލިބޭ ވަކި މިންވަރެއްގެ ފައިސާއެއް، ނުވަތަ އެ ނޫންވެސް މާލީ ބަދަލެއް، ޢަޤުދުގައި ކަނޑައެޅޭ ޙާދިސާއެއް ކުރިމަތިވުމުން، ނުވަތަ ބަޔާންކުރެވިފައިވާ ނުރައްކަލެއް ކުރިމަތިވުމުން (އިންޝުއަރެންސުކުރާ ފަރާތް، އިންޝުއަރެންސްކޮށްދޭ ފަރާތަށް، އެއްފަހަރާ ނުވަތަ ވަކިވަކިން ދައްކާ ފައިސާގެ ބަދަލެއްގެ ގޮތުން) ދިނުމެވެ. ކުވައިތުގެ މަދަނީ ޤާނޫނުގެ މާއްދާ 773، ސޫރިޔާގެ މަދަނީ ޤާނޫނުގެ މާއްދާ 713، ލީބިޔާގެ މަދަނީ ޤާނޫނުގެ މާއްދާ947، ޢިރާޤުގެ މަދަނީ ޤާނޫނުގެ މާއްދާ983 ގައިވެސް، އިންޝުއަރެންސްކުރުމުގެ ތަޢާރަފަކަށް ބުނެފައި ވަނީ މި ތަޢާރަފެވެ" ( ހަސަން މުޙައްމަދު ހަސަން ޑަރވިޝް 2012 ).

މަތީގައި ބަޔާންކުރެވުނު ތަޢާރަފުން، އިންޝުއަރެންސްގެ ރުކުންތަކާއި، އިންޝުއަރަރ އާއި އިންޝުއަރޑް އާއި ދެމެދު އޮންނަ ގުޅުން އެބަ ސާފުކޮށްދެއެވެ. ހަމަ އެހެންމެ މި ދެމެދުގައި އޮންނަ ގުޅުމަކީ ބަދަލު ދިނުމުގެ ޢަޤުދެއްކަން އެނގެއެވެ. އަދި އިންޝުއަރކުރުމުން ފަހުން ލިބޭ ފައިސާއަކީ ބަދަލުގައި ދޭ އެއްޗެއްކަން ވެސް އެބަ އެނގެއެވެ. ނަމަވެސް މިތަޢާރަފުގައި،  އިންޝުއަރެންސްގެ ފަންނީ އަސާސްތަކުގެ މުހިއްމު ކަމާ އެކު ވެސް، އޭގެ މައްޗަށް އަލި އަޅުވާފައިވާނެއެވެ. ވުމާއެކު ގިނަބައެއް އެއްބަސްވާ ތަޢާރަފަކީ ފަރަންސޭސި ޢިލްމުވެރިއެއް ކަމުގައިވާ ހެމާރް ކޮށްފައިވާ ތަޢާރަފެވެ. އެއީ އިންޝުއަރކުރުމަކީ: "ބައިތައް ދެއްކުމުގެ ބަދަލެއްގެ ގޮތުން، ޢަޤުދުގެ ދެފަރާތުން ކުރެ އެއްފަރާތް ކަމުގައިވާ ކުރެވޭފަރާތަށް ނުވަތަ އެހެން ފަރާތެއްގެ ފައިދާއަށް، ޢަޤުދުގެ ދެވަނަ ފަރާތް ކަމުގައިވާ އިންޝުއަރެންސް ކުރާފަރާތް، ވަކި ނުރައްކަލެއް ކުރިމަތިވުމުން، ކަނޑައެޅޭ ފައިސާއެއް ދައްކަން އެއްބަސްވުމެވެ. އަދި އެއީ ފަހުން މިބުނި ފަރާތުގެ ކޮނޑުގައި އެތަކެއް ނުރައްކަލެއްގެ ޒިންމާ އަޅައި، ތަފާސްހިސާބުގެ ޤާނޫނޫތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރާ ކަމެކެވެ." މި ތަޢާރަފް ފެތިގެންދަނީ ކޮމާޝަލް އިންޝުއަރެންސް ނުވަތަ ފިކްސްޑް ޕްރީމިއަމް ދައްކައިގެން ކުރެވޭ އިންޝުއަރެންސްގެ ބާވަތަށެވެ.

ކޯޕަރޭޓިވް އިންޝުއަރެންސް އިސްލާމީ މިންގަނޑުތަކަށް ފެތޭ އިންޝުއަރެންސްކުރުމުގެ ތަޢާރަފެއް، އެއާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު ގެންނާނެމެވެ. މި ތިންވައްތަރުގެ އަމާންކުރުން ވެސް ޝާމިލްވާ ޢާއްމު ތަޢާރަފެއް ގެންނަންޏާ މި ގޮތަށް އަހަރެމެންނަށް، އިންޝުއަރެންސްގެ މާނަ ކުރެވިދާނެއެވެ.

މުބްޝިރު މުނައްވަރު ޚާން، ހަސަން މުބީން އާލަމް، ނަވީދު އަހުމަދު، މުހައްމަދު ޞަބީހް އިޤްބާލް އަދި ސަލާމަތު އަލީ (2010) ހާމަކޮއްފައިވާގޮތުން އެއީ "ކުރިމަތިވާ ގެއްލުންތަކާއި އޭގެ އަސަރު އެކަކަށް ވުރެ ގިނަ ބައެއްގެ މެދުގައި ބަހާލަން، ދެ ފަރާތް ނުވަތަ އެއަށް ވުރެ ގިނަ ފަރާތެއްގެ މެދުގައި ވެވޭ އެއްބަސްވުމެކެވެ. އެ އެއްބަސްވުމަކީ ބަދަލުދީގެން ކުރެވޭ އެއްބަސްވުމަކަށް، ނުވަތަ ހަމަހިލޭ ކުރެވޭ އެއްބަސްވުމަކަށް، ވެސް ވެދާނެއެވެ."

އިންޝުއަރެންސްގެ އަޤްދު ބިނާވެފައިވާގޮތް

ބަންގަލަދޭޝްގެ ޕްރައިމް އިސްލާމީ ލައިފް އިންޝުއަރެންސް ލިމިޓެޑްގެ އިސްވެރިއެއް ކަމުގައިވާ ކޭ.އެމް މުރުތަޟާ އަލީ (2014) ޕީޑީއެފް ބުކްލެޓެއްގެ ސިފައިފައި އިންޓަނެޓްގައި ޝާއިޢު ކޮށްފައި ދިރާސާ ކަރުދާހެއް  ކަމުގައިވާ އިންޓްރޮޑަކްޝަން ޓު އިސްލާމިކް އިންޝުއަރެންސްގައި ތައުމީނުގެ އަޤުދު ސިފަކުރައްވާފައިވަނީ އެއީ ދެފަރާތެއްގެ ދެމެދުގައި ރުހިގެން ކުރެވޭ، އަދި  އެޢަޤުދު ހެދުމަށް ކަނޑައެޅިފައިވާ ވަކި ސިފައެއް ނެތް  ޢަޤުދެކެވެ. އަދި ޢަޤުދުކޮށް ނިމުމުން، މިއީ ދެފަރާތަށް ވެސް ލާޒިމު ޢަޤުދެއް ކަމުގައިވެ. އެގޮތުން ދެ ފަރާތުން ކުރެ ފަރާތަކަށް އެފަރާތަކުން ވެފައި އޮތް އިލްތިޒާމުން ވަތްކެއް ނުވެވޭނެ ކަމަށެއެވެ. ނަމަވެސް ޢަމަލީ ޢުރުފުގައި އޮންނަ ގޮތުން، ތައުމީނުކޮށްދޭފަރާތުން، އަނެއް ފަރާތަށް ވަކި މުއްދަތެއް ކުރިން އެންގުމަށް ފަހު، ތައުމީނުކުރުމުގެ ޢަޤުދު ނުވަތަ އިންޝުރެންސް ޕޮލިސީ އުވާލެވިދާނެ ކަމަށް ކުންފުނިތަކުގެ ތައުމީނުކުރުމުގެ އެއްބަސްވުން ނުވަތަ އިންޝުއަރެންސް ޕޮލިސީގައި އެއްބަސްވެވޭކަމަށެވެ.

ސައޫދީ އަރަބިއާގެ ޖިއްދާގެ ކިންގ އަބްދުލް އަޒީޒް ޔުނިވާސިޓިގެ އިންޝުއަރެންސް ލެކްޗަރަރއެއް ކަމުގައިވާ އާސިފް އަހުމަދު ޤުރެއިޝީ (2011). އިންޓަރޑިސިޕްލިނަރީ ޖާނަލް އޮފް ކޮންޓެމްޕޮރަރީ ރިސާޗް އިން ބިޒްނަސްގެ އަދަދެއްގައި އެނަލައިޒިންގ ޝަރީޢާ ކޮމްޕްލަޔަންޓް އިޝޫޒް ކަރަންޓްލީ ފޭސްޑް ބައި އިސްލާމިކް އިންޝުއަރެންސްގެ ސުރުޚީގެ ދަށުން ލިޔުއްވާފައިވަނީ ތައުމީނުގެ އަޤްދުގެ މައިގަނޑު އަސާސް ބިނާވެފައިވަނީ ޣަރަރު ނުވަތަ ވާނޭގޮތް ނޭގުމުގެ ނުރައްކަލުގެ މައްޗަށް ކަމަށެވެ. ވީމާ، ވާނެ ފައިދާއެއް ނުވަތަ ގެއްލުމެއް ވެސް، ދެ ފަރާތުންކުރެ ކުރެ ފަރާތަކަށް ޙަޤީޤަތުގައި ނޭނގޭ ކަމަށެވެ. މީރް މުސްތާޤް ހުސައިން، އަހުމަދު ތިސްމާން ޕާޝާ (2011). ކޮންސެޕްޗުއަލް އެންޑް އޮޕަރޭޝަނަލް ޑިފަރެންސަސް ބިޓްވީން ޖެނެރަލް ތަކާފުލް އެންޑް ކޮންވެންޝަނަލް އިންޝުއަރެންސް، އޮސްޓރޭލިއަން ޖާނަލް އޮފް ބިޒްނަސް މެނޭޖެމެންޓް އެންޑް ރިސާޗް.  އެހެންކަމުން، ޢަޤުދުގެ ދެފަރާތުން ކުރަން ޖެހޭ ކަންތައް ކުރުން ހުއްޓިފައި މިއޮންނަނީ މިޣަރަރު އޮތުމުގެ މައްޗަށެވެ. ހާދިސާއެއް ކުރިމަތިވުމުން ލިބޭނެ މިންވަރާއި، ލިބޭނެ ވަގުތަކީ ވެސް ޣަރަރު ހިމެނޭ އެއްޗެކެވެ. ފިޤުހުވެރިންގެ ރައުޔުގައި، ޣަރަރުގެ މައްޗަށް ބިނާވެފައިވާ ޖުވާކުޅުމާއި ބާޖުމެރުން ޙަރާމް ކަމަކަށްވުމުގެ މަޤްޞަދަކީ، ވާނެގޮތް ނޭގުމުގެ ނުރައްކަލުގެ މައްޗަށް ފައިސާތަކެއް ހޭދަކޮށް، އެއްޗެއް ހޯދަން އުޅޭ އުޅުމެވެ.

ތައުމީނުކުރުމުގެ އަޤްދުގައި ކަނޑައެޅިފައިވާ ވަކި މުއްދަތެއް ހިމެނިފައިވުމުން ޒަމާނަކީ މި ޢަޤުދުގެ އަސާސީ ބައެއްގެ ގޮތުގައިވަނީ ބެލެވިފައެވެ އިސްމާއިލް ނާޖީ (2009). ވީމާ މިގޮތުން ބަލާއިރު، އިންޝުއަރެންސް ކޮށްދޭ ފަރާތުން ގެއްލުން ތަޙައްމަލު ކުރާނީ ވަކި ތާރީޚަކުން ފެށިގެން ގޮސް ވަކި މުއްދަތެއް ހަމަވަންދެނެވެ.

ދެފަރާތުގެ ނިޔަތް ރަނގަޅު ކަމަށް ބެލުމަކީވެސް އިންޝުއަރެންސް ޢަޤުދުގެ އެއް އަސާސެވެ. ނިޔަތް ރަނގަޅު ކަމަށް ބެލުމަކީ، ހުރިހާ ޢަޤުދުތަކަށް ފެތޭ ޢާއްމު ބައެއް ނަމަވެސް، އިންޝުއަރެންސްކުރުމުގެ ޢަޤުދުގައި، މިކަން އޮންނަލެއް ބޮޑުވެފައި އަދި ޢަޤުދު ކުރުމުގެ މުހިއްމު ދައުރެއް ކުޅެއެވެ. އެގޮތުން، އިންޝުއަރެންސްކުރާމީހާ ދޭ މައުލޫމާތު ތަކަކީ ތެދު މައުލޫމާތެއް ކަމަށާއި އަދި އޭނާގެ ނިޔަތް ރަނގަޅު ކަމަށް ޢަޤުދު ފެށުމުގައި އަދި ޢަޤުދު ތަންފީޒު ކުރުމުގައިވެސް ތައުމީނުކޮށްދޭ ފަރާތުން ބަލާ ބެލުމަކީ އަޤްދުގެ ޢާއްމު އުސޫލެވެ.

މައުސޫމް އަބްދުﷲ (2014) ލިޔުއްވާފައިވާ ގޮތުގައި އިންޝުއަރެންސްގެ އަޤުދަކީ ބަދަލުދީގެން ކުރެވޭ އަޤުދެއް ކަމަށްވުމާއެކު، ޢަޤުދުގައި ހިލޭސާބަހަށް އެއްޗެއް ދިނުމެއް ނުހިމެނޭނެއެވެ. ތައުމީނުކޮށްދޭ ފަރާތުން ފައިސާ ދޭން ޖެހޭނީ، ތައުމީނުކުރެވިފައި އޮތް ގެއްލުމެއް ކުރިމަތިވުމުންނެވެ. އަދި ތައުމީނުކޮށްދެވުނު ފަރާތަށް ފައިސާ ލިބޭނީ އޭނާ ދައްކަން ޖެހޭ މިންވަރުތައް ދެއްކުމުންނެވެ. ވީމާ، ތައުމީން އަޤްދު ބިނާވެގެންވަނީ މަދަނީ އަސާސެއްގެ މައްޗަށެވެ. ނަމަވެސް ތައުމީނުކޮށްދިނުމުގެ ޚިދުމަތް ދޭ ކުންފުންޏެއްގެ ސިފައިގައި މި ޚިދުމަތް ފޯރުކޮށްދޭނަމަ މި ޢަޤުދަކީ ވިޔަފާރު ޢަޤުދަކަށް ބަދަލުވެގެންދެ އެވެ. އެ ގޮތުން އެ ކުންފުނި ކުރާ ހުރިހާ ކަމަކީ ވެސް ވިޔަފާރި ޢަމަލުތަކެކެވެ.

*ނުނިމޭ*

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *