Ad
އެމެރިކާގެ ކެޕިޓޯލް ހިލްގައި ހިންގި ހަމަނުޖެހުން ހަންމަތަކުރުމަށް އެމެރިކާގެ ޢަސްކަރިއްޔާ ޙަރަކާތްތެރިވަނީ-: ފޮޓޯ: ގެޓީ އިމޭޖް
އެމެރިކާގެ ކެޕިޓޯލް ހިލްގައި ހިންގި ހަމަނުޖެހުން ހަންމަތަކުރުމަށް އެމެރިކާގެ ޢަސްކަރިއްޔާ ޙަރަކާތްތެރިވަނީ-: ފޮޓޯ: ގެޓީ އިމޭޖް

ނޭޝަނަލް ގާޑުގެ ސިފައިން "ނެރުނީ" ރައީސް ޓްރަންޕް އެއް ނޫން، ނާއިބު ޕެންސް

އެމެރިކާގެ ޤާނުނުހަދާ މަޖްލީހުގެ ގެ، ކެޕިޓޯލް ހިލްގެ ތެރެއަށް ޓްރަމްޕްގެ ސަޕޯޓަރުން ގަދަކަމުން ވަދެގަނެ ހިންގި ހަމަނުޖެހުންތައް ހަންމަތަކުރުމަށް އެމެރިކާގެ ނޭޝަނަލް ގާޑުގެ ސިފައިން ނުކުތުމުގެ "ހުއްދަ" ލިބި އެސިފައިން ނުކުމެފައިވަނީ، އެމެރިކާގެ ނާއިބުރައީސް އަދި ސެނެޓްގެ ރައީސް މައިކް ޕެންސް ގެ ނިންމެވުމާއި "އަމުރު" އަށް ކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައި މިވަނީ ކޮންގްރެސް ހިނގަމުންދަނިކޮށް ކެޕިޓޯލް ހިލްގައި ޓްރަމްޕްގެ ވަފާތެރިން ހިންގި "ޓެރަރިސްޓް" ޢަމަލަށްފަހުގައި ޚުދު ޓްރަމްޕް ނިޞްބަތްވާ ޕާޓީގެ ސެނެޓަރުންވެސް މިއަދު ދެއްކެވި ވާހަކަތަކުގެ އިތުރުން ޓްރަމްޕްގެ ސެކިޔުރިޓީ އެޑްވައިޒަރުންނާ ޢަސްކަރިއްޔާގެ ބައެއް އިސް އޮފިޝަލުންގެ ކުއްލި އިސްތިޢުފާއަށްފަހުގައި ފެންމަތި ވަމުން ނިއުޅެމުންދާ ކަންކަމުންނެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ އިލެކްޓޯރަލް ވޯޓު ރަސްމީކޮށް ފައިނަލްކުރުމުގެ އެންމެ ފަހު މަރްޙަލާ ކޮންގްރެސްގައި ކުރިއަށް ގެންދަން ފެށުމުގެ ކުޑަ އިރުކޮޅެއް ކުރިން، އިންތިޚާބުން ބަލިވި ޓްރަމްޕް ވަނީ އޭނާގެ އެތަކެއް ހާސް ސަޕޯޓަރުން ވެރިރަށް ޑީސީގެ މަގުތަކަށް ނުކުމެ ކުރަމުންދިޔަ މުޒާހަރާގައި ޢަމަލީގޮތުން ބައިވެރިވެފައެވެ.

އަދި، މޭޑޭ2015 ގައި އޭރުގެ އިދިކޮޅުން ރާއްޖޭގައި ބޭއްވި މުޒާހަރާގައި ބައެއް ސިޔާސީ ލީޑަރުން ޢަމަލުކުރެއްވި ގޮތްތައް ހަނދާން އާކޮށްދޭ ބީދައަކަށް، އެމެރިކާގައިވެސް ރޭގައި ހިނގާދިޔަ މިކަންކަން ހިނގައިދިޔަކަހަލައެވެ. އެއްވެސް އަސާސެއް ނެތް ތަފާތު ތުހުމަތުތަކާއި ދޮގާއި މަކަރާއި ޙީލާތުން ފުރިގެންވާ ވާހަކަތަކާއެކު އެއްވެތިބި އެތަކެއް ހާސް ސަޕޯޓަރުންނާ މުޚާޠަބުކޮށް، "ރިގްޑ އިލެކްޝަން" "ސޭވް އެމެރިކާ" "މޭކް އެމެރިކާ ގްރޭޓް އަގެއިން" ފަދަ ޝިޢާރުތަކާއެކު މުޒާހަރާގެ ބައިވެރިންނާ މުޚާޠަބުކޮށް އެއުރެން ކައްކުވާލުމަށްފަހު، ކެޕިޓޮލް ހިލް އާ ދިމާލަށް ހިނގައިގަތުމަށް އިރުޝާދު ދިނުމަށްފަހު ޓްރަމްޕް ދިޔައީ "ފިލާއޮވެ" ޓްވީޓް ކުރަމުންނެވެ.

މާގިނައި އިރުތަކެއް ނުވަނީސް އެމެރިކާގެ ޤާނޫނުހަދާ މަޖްލިސްކުރާ ގެ، ކެޕިޓޮލް ހިލް އަށް ޓްރަމްޕްގެ ސަޕޯޓަރުން ގަދަކަމުން ވަދެގެންފައި ވެއެވެ. ޢިމާރާތުގެ ސެކިޔުރިޓީ ކަންކަން ބަލަހައްޓަން ތިބި ފުލުހުންގެ ސަފުތަށް ފޫއަޅުވާލުމަށްފަހު ޢިމާރާތުގެ ފާރުތައް މަތިން އަރައި ދޮރުތައް ސުންނާފަތިކޮށްގެން ޢިމާރާތުގެ ތެރެއަށް ޓްރަމްޕްގެ ސަޕޯޓަރުން ވަދެގަނެގެން ގޮސް، ރައީސްގެ ގޮނޑިއަށް އަރައި ޕެލޯސީގެ އޮފީހަށް ވަދެ ސެލްފީނަގައި އިންޓަރނެޓްގައި ޢާންމުކޮށް ހެދިއެވެ.

އެންމެ ޒަމާނީ ހަތިޔާރާއި ތަޖުރިބާކާރު އިންސާނީ ވަޞީލަތްތަކުންވެސް މުއްސަނދި އެމެރިކާގެ ވެރިރަށް ޑީސީގެ "ގްރީން ޒޯން" ސަރަހައްދެއްގައި ހިނގާދިޔަ އެފަދަ ނުރައްކާތެރި ކަންތައްގަނޑެއް އެފަދަ ދަރަޖައަށް ދިޔައިރުވެސް ކޮންޓްރޯލް ކުރެވިފައި ނުވިނަމަވެސް، އެމެރިކާގެ ފުލުހުންތަކެއްވެގެން މަރާލި ކަޅު ނަޞްލުގެ މީހާ ޖޯޖް ފްލޮއިޑް ގެ މަރާ ގުޅިގެން ދިގުދެމިގެންދިޔަ މުޒާހަރާތަކުގައި ވައިޓްހައުސް ކައިރިއަށް އެއްވެފައި ތިބި އެތަކެއްހާސް ރައްޔިތުންނެއް، ޓްރަމްޕް ސެލްފީއެއްނެގުމަށް ފައްޅިދިޔަށް ދިއުމަށްޓަކައި، ހިނދުކޮޅެއްގެ ތެރޭގައި ވިއްސި ވިހާލިކޮށް، މުޅިތަން ސާފުކޮށްފައި ވެއެވެ.

"ހަރުކަށި" ފިކުރުގެ ޓްރަމްޕްގެ ގޮތްދޫނުކުރުމުގެ ސިޔާސަތުތަކާއި ޚިޔާލީ ދޮގުތަކުގެ ސަބަބުން ކޮންގްރެސްގައި ރޭ ހިނގައިދިޔަ ހަމަނުޖެހުމަކީ ފާއިތުވެދިޔަ 200 ވަރަކަށް އަހަރުގެ ތެރޭގައިވެސް، ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރެސީ އަދި "ސްޕަރ ޕަވަރ" ކަމަށްބުނެވޭ އެމެރިކާގެ އެންމެ މުހިންމު އެއް މުއައްސަސާގެ ތެރޭގައި ހިނގައިދިޔަ އެފަދަ އެންމެ ނުރައްކާތެރި ހަމަނުޖެހުންކަންވެސް ފާހަގަކޮށްލެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *