އާވައްތަރެއްގެ މަސްތުވާއެއްޗެއް ބޮއެގެން ހަ ޒުވާނުން ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން ތައިލެންޑުގެ ކަމާބެހޭ އިދާރާތައް ކުއްލި ހާލަތަކަށް އަތުވެއްޖެއެވެ.
ތައިލެންޑުގެ މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި "ކޭ-ޕައުޑާރޑް މިލްކް" ނަމަކަށް ކިޔާ ބޮއިމެއް ބޭނުންކުރިތާ ގިނައިރުތަކެއް ނުވަނީސް ހަ ޒުވާނުން މަރުވުމާ ގުޅިގެން އެ ބުއިން އުފައްދާފައިވާ ބައިތަކާއި އެތަކެތި އެތެރެވެފައިވާ ގޮތާއި ދައުވި ގޮތް ބެލުމަށް ޚާއްސަ މަސައްކަތްތަކެއް ފުލުހުންނާއި މަސްތުވާތަކެތި ކޮންޓްރޯލްކުރުމާ ބެހޭ ގައުމީ އިދާރާތައް ގުޅިގެން ވަނީ ފަށާފައެވެ.
މަރުވި ކުދިންގެ ޕޯސްޓްމޯޓަމް ރިޕޯޓު އަދި ނުލިބޭތީ، ބައެއް ތަފްސީލްތައް ފުލުހުން ހާމަނުކުރިނަމަވެސް، އެކުދިން މަރުވި ތަނުން ފެނުނު ހުދުކުލައިގެ ކުނޑިތަކެއް ތަހުލީލު ކުރުމުން، އެއީ އެއްބާތަކަށްވުރެ ގިނަ ބާވަތްތައް އެއްކޮށްގެން އުފައްދާފައިވާ، އާވައްތަރެއްގެ މަސްތުވާއެއްޗެއްކަން ފުލުހުންނާއި ނާކޮޓިކްސް ކޮންޓްރޯލް އޮތޯރިޓީތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހާދިސާއާ ގުޅިގެން، ތައިލެންޑްގެ ޔުނިވަސިޓީއެއްގެ ޕްރޮފެސަރަކު އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވާ ގޮތުގައި "ޕައުޑާރޑް މިލްކް ކެޓަމައިން"ގެ ނަމުން ނަންދީފައިވާ އެ ބުއިން އުފައްދަނީ ކެޓަމައިން އާއި ހެރޮއިންގެ އިތުރުން އައިސް އާއި ނިދާ ބޭހެއް ކަމަށްވާ "ރޯޒް" (ރޮޒެރެމް ބްރޭންޑް) އެއްކޮށްގެން ކަމަށެވެ.
ތައިލެންޑްގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއާ ހަވާލާދީ ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ސިކުނޑިއަށް ކުއްލި ހަމަޖެހުމެއް ގެނައުމު"ގެ ނަމުގައި ޕްރޮމޯޓްކުރާ މި ބުއިމުގާ ނިދާ ބޭހާއި ހެރޮއިންގެ އިތުރުން އެނޫން ބާވަތްތަކުގެ މަސްތުވާތަކެތި އެއްކޮށްފައި ހުރުމުން ސިކުޑިއަށާއި ހަށިގަނޑަށް ލިބޭ ކުއްލި ޝޮކުގައި ފުރާނައަށް ނުރައްކާވުމުގެ 100 ޕަސެންޓް ފުރުސަތު އެބައޮތެވެ.