ތ. ކަނޑޫދޫ ރަށު ކައުންސިލުގެ ރައީސްކަމަށް ވާދަކުރާ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ކެނޑިޑޭޓްގެ ކެނޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބާޠިލުކުރާމެކު އެކައުންސިލަށް ވާދަކުރާ، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓް އިންތިޚާބަކާއި ނުލައި އެމަޤާމަށް "ހޮވިއްޖެ" އެވެ.
އިލެކްޝަން ކޮމިޝަނުން 06 މާރޗް 2020 ގައި ކޮށްފައިވާ އިޢުލާނުގައި ބުނެފައިވާގޮތުން، ތ. ކަނޑޫދޫ ކައުންސިލުގެ ރައީސްކަމުގެ މަޤާމަށް ކުރިމަތިލާފައިވަނީ 2 ކެނޑިޑޭޓުންނެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެނޑިޑޭޓް، ތ. ކަނޑޫދޫ ރީހުއްޞަބާ އަޙްމަދު ރީޙާނާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކެނޑިޑޭޓް، ތ. ކަނޑޫދޫ އުސްގޭ ޙަސަން މޫސާއެވެ.
އެހެންނަމަވެސް، އެކޮމިޝަނުން އިއްޔެ ނިންމަވައި ކޮމިޝަންގެ ރައީސް ސޮއިކުރަށްވައި މިއަދު ފޮނުއްވާފައިވާ ނިންމެވުމަކުން ޙަސަން މޫސާގެ ކެނޑިޑެސީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގަވާއިދު ގެ 65 ވަނަ މާއްދާއިން އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައިވާ ޤާނޫނީ ބާރުގެ ދަށުން ބާޠިލުކޮށްފައި ވާކަމަށް، ކެނޑިޑޭޓް ނިޞްބަތްވާ ޕީޕީއެމް އިން ބުނެފައިވެއެވެ.
އަދި ކޮމިޝަންގެ އެ ނިންމެވުމުގެ ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިޚާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު ޙަސަން މޫސާގެ ކިބައިގައި ފުރިހަމަ ނުވާކަމަށް، ފ.ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2018/L3C/20 ޤަޟިއްޔާއާއި، ކޮމިޝަނަށް ލިބިފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކުރުމުން ސާބިތުވުން ކަމުގައިވެސް ޕާޓީއިން މައުލޫމާތު ދީފައިވެއެވެ.
"ކޯޓަތަކުން ވަނީ އޭނާގެ ރެކޯޑެއް ދަރެންޏެއް ނެތްކަމަށް ޕާރޓީއަށް ލިޔުމުން ކަށަވަރު ކޮށްދީފަ. އެލިޔުމަށް ބިނާކޮށް ޕާޓީއިން ކެނޑިޑޭޓް ވާދަކުރުވީ. އެހެންނަމަވެސް ކުއްލިއައަކަށް ދަރަންޏެއް އޮތްކަމަށް ބުނެވިގެން ކެނޑިޑެންސީ ބާޠިލުކުރަށްވައި ކޮމިޝަނުން ނިންމެވި ނިންމެވުމާ ގުޅިގެން ޕާޓީ ފަރާތުން ވަނީ ކޯޓަށް ދިއުމަށް ނިންމާފަ"
އިލެކްޝަންސް ކޮމިޝަންގެ މި ނިންމެވުމާ ގުޅިގެން ޕީޕީއެމްގެ ސްޓޭންޑް ހާމަކުރަށްވަމުން އެޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު މިނޫހަށް މައުލޫމާތު ދެއްވަމުން މިރޭގެ ވަގުތެއްގައި ވިދާޅުވިއެވެ.
އިންތިޚާބުތަކުގައި ވާދަކުރަށްވާ ފަރާތްތަކުގެ ޝަރުޠު ފުރިހަމަވާކަމަށް ބަޔާންކޮށް ކެނޑިޑެންސީ ބަލައިގަތްކަމުގެ ލިޔުން އިލެކްޝަންސް ކޮމިޝަނުން ދޫކުރަށްވައި ކެނޑިޑޭޓުންގެ ގުރުއަތު ނެގި ނަންތައްވެސް ތަރުތީބުކުރެވި، ނަންތައް އިޢުލާނުކުރެއްވުމަށް ފަހުގައި، ޝަރުޠު ފުރިހަމަވާކަމަށް ކަނޑައެޅިފައިވާ ކަނޑައެޅުމެއް ބާޠިލުކުރާކަމަށް ވާނަމަ، މީގެކުރިން ޢަމަލުކުރަށްވާފައިވާ އުޞޫލަކީ އެފަދަ މައްސަލައެއް ނަމަ އީސީގެ ފަރާތުން އެމައްސަލައެއް ސްޕްރީމް ކޯޓަށް ހުށައަޅުއްވައިގެން ގޮތްކަނޑައެޅުންކަން ފާހަގަކުރެވެއެވެ.
އަދިހަމަ ސްޕްރީމް ކޯޓުން މީގެ ކުރިން ނިންމަވާފައިވާ އެކޯޓުގެ 2011 ވަނަ އަހަރުގެ 01 ވަނަ ނަމްބަރުގެ ޤަޟިއްޔާގެ ޙުކުމުގައިވެސް، މިފަދަ ޙާލަތެއްގައި ކެނޑިޑެންސީ ބާޠިލުކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންނުވާކަމަށް ކަނޑައަޅުއްވާފައި ވެއެވެ.
ޙަސަން މޫސާގެ ކެނޑިޑެންސީ ބާޠިލުކުރުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ބަހެއް ހޯދުމަށް މި ނޫހުގެ ފަރާތުން ކުރިމަސައްކަތުގެ ތެރެއިން މިނޫހަށް މައުލޫމާތު ދެއްވަމުން އެކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފުވެސް ވަނީ، ޙަސަން މޫސާގެ ކެނޑިޑެންސީ ބާޠިލުކުރުމަށް އެކޮމިޝަންގެ ބުދަ ދުވަހުގެ ޖަލްސާއިން ނިންމަވާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
"އެ ނިންމުމަކީ އަޅުގަނޑުމެން ކޮމިޝަންގެ ބައްދަލުވުމަކުން ނިންމެވި ނިންމެވުމެއް. ކޮމިޝަންގެ ބުދަ ދުވަހުގެ މީޓިން އިން. އެމައްސަލަ އަޅުގަނޑުމެން ފުރަތަމަ ހުށައެޅީ ސްޕްރީމް ކޯޓަށް. އެކޯޓުން ކުރިން އެގޮތަށް ނިންމަވާފައި ވާތީ. އެހެންނަމަވެސް މިފަހަރު މިމައްސަލަ ސްޕްރީމް ކޯޓަށް ހުށައެޅުމުން އެކޯޓުން މައްސަލަ ބަލައި ނުގަތް. ރެޖިސްޓްރަރ ނިންމެވީ އިޚްތިޞާޞް ލިބިގެން ނުވާކަމަށް" ކޮމިޝަނުން ނިންމެވި ނިންމެވުމާ ގުޅޭގޮތުން މިނޫހަށް މައުލޫމާތު ދެެއްވަމުން ޝަރީފް ވިދާޅުވިއެވެ.
އިތުރަށް ތަފްޞީލް ކޮށްދެއްވަމުން ކޮމިޝަންގެ ރައީސް ޝަރީފް ހާމަކުރެއްވި ގޮތުގައި، ކޮމިޝަނުން ޙަސަން މޫސާގެ ކެނޑިޑެންސީ ބަލައިގަތުމަށް ކުރިން ނިންމެވީ، އޭނާގެ ކުށުގެ ރެކޯޑު ސާފުކުރި އިރު ދަރަންޏެއް ނެތްކަމަށް އެ ރެކޯޑްގައި ބަޔާންކޮށްފައި ވުމުންކަމަށާއި، އެހެންނަމަވެސް ކައުންސިލަކުން ޑިޕާރްޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށައެޅުއްވި މައްސަލައަކާ ގުޅިގެން އެ ޑިޕާރޓްމަންޓްގެ ފަރާތުން ބިލެއްދޫ ކޯޓުން މައުލޫމާތު ސާފުކުރެއްވުމަށްފަހުގައި، ޙަސަން މޫސާ ދައްކަންޖެހޭ ސާބިތު ދަރަންޏެއް އޮތްކަމަށް ބަޔާންކޮށް ޑިޕާރޓްމަންޓުން އިލެކްޝަންސް ކޮމިޝަނަށް، ހަނދާންވާގޮތުގައި ދެހަފްތާއެއްހައި ދުވަސްކުރިން، އަންގަވާފައިވުމުން ކަމަށްވެސް ވިދާޅުވެފައި ވޭމެއެވެ.
ބިލެއްދޫ ކޯޓަށް ދައްކަންޖެހޭ ސާބިތު ދަރަންޏަކާ އެއްގޮތަށް ފައިސާ ނުދައްކާކަމަށް ސާބިތުވެގެން އިލެކްޝަންސް ކޮމިޝަނުން ޙަސަން މޫސާގެ ކެނޑިޑެންސީ ބާޠިލުކުރުމަށް ނިންމެވުމާއި ގުޅިގެން، އެފަދަ ދަރަންޏެއް ނޯންނާނެކަމަށް ކެނޑިޑޭޓް ޙަސަން މޫސާ މިނޫހަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
އޭނާއަށް ކުރިން ދޫކުރެވުނު ރެކޯޑަކީ އިދާރީ އޮޅުމަކުން ދޫކުރެވުނު ރެކޯޑެއް ކަމަށާއި އަދި އޭނާގެ ދަރަންޏެއް އޮތްކަމަށް ފަހުން އެނގިފައިވާކަމަކަށް ދާދިފަހުން ޑިޕާޓުމަންޓުން އޭނާއަށް އެންގުމުން އެކަން އިތުރަށް ބެލިކަމަށާއި، އެގޮތުން ފާއިތުވެދިޔަ އަހަރުގެ ޑިސެމްބަރު މަހުގެތެރޭގައި ބިލެއްދޫ ކޯޓުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއްގައި ބަޔާންކޮށްފައިވާ ގޮތުން، ދެދަރިންގެ ޚަރަދަށް ޙަސަން މޫސާ ދައްކަންޖެހޭކަމަށް އެއްވެސް ފައިސާއެއް ނެތްކަމަށް ބަޔާންކޮށްފައިވާއިރު، ދަރިންގެ ޚަރަދުގެ ގޮތުގައި ކޯޓަށް ދައްކާފައިވާ ފައިސާ 5101.72 ރުފިޔާ އިތުރުކަންވެސް ބިލެއްދޫ ކޯޓުގެ ލިޔުމުގައި ބަޔާންކޮށްފައި ވާކަން އޭނާ މިނޫހަށް ކަށަވަރުކޮށްދިންކަންވެސް ފާހަގަކޮށްލެވެއެވެ.
2 Responses
Maa molhu gotheh. Idhikolhu candidates emmen vakikoffa shareef men beynun bayaku hovai nagaanekan yageen vegen midhanee! Keekkuran baavvaa inthikhaabah?? Katheebun ayyan kureema maa salhi. Faalhuga viyya!
"ޝަރުޠު ފުރިހަމަވާކަމަށް ކަނޑައެޅިފައިވާ ކަނޑައެޅުމެއް ބާޠިލުކުރާކަމަށް ވާނަމަ، މީގެކުރިން ޢަމަލުކުރަށްވާފައިވާ އުޞޫލަކީ އެފަދަ މައްސަލައެއް ނަމަ އީސީގެ ފަރާތުން އެމައްސަލައެއް ސްޕްރީމް ކޯޓަށް ހުށައަޅުއްވައިގެން ގޮތްކަނޑައެޅުންކަން ފާހަގަކުރެވެއެވެ."
e ee kuri. mihaaru hamaeh lamaeh noannaane. ebayakaa ebaeh. idhikolhu enmenge candidacy baathilu kamah ninman feney.