ކޮވިޑް-19 އާ ގުޅިގެން އަހަރަކަށްވުރެ ގިނަދުވަސް ފާއިތުވުމަށް ދާއިރުވެސް ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރެވިފައި ވީނަމަވެސް އިތުރު އެހެން އެއްވެސް ފަރާތަކަށް އެ އިންތިޚާބަށް ކުރިމަތި ނުލެވޭގޮތަށް ޚާއްޞަ ޤާނޫނަކުން ކަނޑައަޅާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އެދި ހުށައެޅުނު ދުސްތޫރީ މައްސަލަ ހައިކޯޓުގައި މާދަމާއަށް ތާވަލުކޮށްފިއެވެ.
މިއަދުގެ ހަވީރުގެ ވަގުތެއްގައި ހައިކޯޓުގެ ރަސްމީ ޓްވިޓަރ އެކައުންޓުން ޢާންމުކޮށްފައިވާ މާދަމާގެ ތާވަލުގައި އެމައްސަލަ ހިމަނާފައި ވާއިރު، އެމައްސަލައިގެ ފުރަތަމަ މި އަޑުއެހުން ބޭއްވުމަށް ތާވަލުކޮށްފައި ވަނީ މާދަމާ މެންދުރުފަހުގެ 2:00 އަށެވެ.
Mohamed Thasleem Vs AGO (2020/HC-DM/06) Live streaming on https://t.co/Wd99JDm16U pic.twitter.com/xgD1O8aMng
— High Court of the Republic of Maldives (@mvhighcourt) January 17, 2021
ޤާނޫނީ ވަކީލެއް އަމިއްލަ އިސްނެންގެވުމުގެ މަތިން އެ ވަކީލު އަމިއްލައަށް ހުށައަޅުއްވާފައިވާ ދުސްތޫރީ މި މައްސަލައާ ގުޅޭގޮތުން މިނޫހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވިގޮތުގައި، މި މައްސަލައަކީ ލޯކަލް ކައުންސިލް އިންތިޚާބު 2020 ގައި ވާދަކުރުމުގެ ފުރުޞަތު 2020 ފެބްރުއަރީ 20 ވަނަދުވަހަށް ފަހު އެންމެހައި ރައްޔިތުންގެ ކިބައިން އެއްކޮށް ނަފީކޮށްފައިވާ، ޤާނޫނު ނަންބަރު 2020/3 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު، ބާޠިލު އަކުރެއްކަމުގައި ކަނޑައަޅައިދެއްވުން އެދި ހައިކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލައެއް ކަމުގައެވެ.
މި މައްސަލަ ހައިކޯޓަށް ހުށައަޅަން ޖެހުނު ސަބަބު ނުވަތަ މަޤްޞަދާ ބެހޭގޮތުން ވާހަކަދައްކަވަމުން މައްސަލަ ހުށައެޅުއްވި ޤާނޫނީ ވަކީލު ތަސްލީމް އިތުރަށް ހާމަކުރެއްވި ގޮތުގައި، ކޮވިޑް-19 އާ ގުޅިގެން ސަންސެޓް ޢާންމު ޤާނޫނެއްގެ ދަށުން ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުނެގުން އަހަރެއްހާ ދުވަހުގެ ދިގު މުއްދަތަކަށް ފަސްވެގެން ދާއިރު، އިތުރު އެއްވެސް ފަރާތަކަށް އެ އިންތިޚާބަށް ކުރިމަތިނުލެވޭ ގޮތަށް އެ ޤާނޫނުގައި ކަނޑައަޅާފައި ވުމުން، އިންތިޚާބު ލަސްކުރެވި ފާއިތުވެގެން މިދާ ދިގު މުއްދަތުގައި އަލަށް 18 އަހަރުފުރޭ 5000 އެއްހައި މީހުންނަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދީ ލިއްބައިދީފައިވާ، ޢުމުރުން 18 އަހަރު ހަމަވާ ކޮންމެ މީހަކަށްމެ އިންތިޚާބުތަކުގައި ވާދަކުރުމުގެ އެންމެ އަސާސީ ޙައްޤުން އެ ރައްޔިތުން މަޙްރޫމް ވެގެންދެއެވެ.
އަދި، ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 100 އަށްވުރެ ގިނަ ޢަދަދެއްގެ ކެނޑިޑޭޓުން މިހާރުވެސް ނަން އަނބުރައި ގެންގޮސްފައި ވީނަމަވެސް، އެއިން އެއްވެސް މަޤާމަކަށް ވާދަކުރުމުގެ އެއްވެސް އިތުރު ފުރުޞަތެއް ސިޔާސީ ޕާޓީތަކަށާއި ޢާންމު ފަރުދަކަށްވެސް ނެތުމުން، ބައެއް މުހިންމު މަޤާމުތަކަށް "އޮޓަމެޓިކުން" އިންތިޚާބުވަމުން ދާކަމަށެވެ.
އަދިހަމަ، ކޮވިޑް-19 އާއެކު ފާއިތުވެގެންދިޔަ މި ދިގު މުއްދަތުގައި ކެނޑިޑޭޓުންގެ ދިރިއުޅުމުގެ ޙަލަތަށާއި އަދާކުރަން ޖެހުނު ވަޒީފާއަށްވެސް އައިސްފައިވާ ބޮޑެތި ބަދަލުތަކުގެ ސަބަބުން، އިންތިޚާބުގައި ވާދަކުރަން މިހިނދު ހެޔޮހިތުން ބޭނުން ނުވާ އެތަކެއް ފަރާތްތަކަށްވެސް، އެ ފަރާތްތަކުގެ ނަން ނަގައިފި ނަމަ ބަދަލުގައި އެހެން ފަރާތެއް ކުރިމަތި ނުލެއްވޭނެތީވެ، ސިޔާސީ ޕާޓީތަކުގެ އެދުމާއެކު "މަޖްބޫރީ" ޙަލަތެއްގައި ތިބެގެން އިންތިޚާބުގައި ވާދަކުރަމުންދާ ފަރާތްތައް ގިނަކަމަށްވެސް މައްސަލަ ހުށައެޅުއްވި ވަކީލު ފާހަގަކުރެއްވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ތަފާތު ދިމިޤްރާތީ ނިޒާމުތަކުގައި އިންތިޚާބު ފަސްކުރެވިފައި ވާއިރު، އެފަދަ އިންތިޚާބުތަކަށް ކުރިމަތިލުމަށް ދެވުނު ފުރުޞަތު އިތުރުކޮށްފައި ވާކަމަށާއި، ރާއްޖޭގައި އެންމެފަހުން ބޭއްވުނު 2017 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބުވެސް ތަފާތު ސަބަބުތަކާހުރެ އެތަކެއް ފަހަރެއްގެ މަތިން، ޚުދު އެޗް1އެން1 ރޯގާއާ ގުޅިގެން ފަސްކުރެވުމުންވެސް އެއިންތިޚާބަށް ކުރިމަތިލުމަށް އެއިން ކޮންމެފަހަރަކުމެ އިތުރު ފުރުޞަތުތައް ހުޅުވާލާފައި ވާކަމަށްވެސް ތަސްލީމް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ދިމިޤްރާތީ ނިޒާމުގައި ބޭއްވޭނެ އެންމެ ބޮޑު، އަދި އެންމެ ގިނަ ރައްޔިތުންނާ ގާތުން ގުޅިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަކީ، ޤާނޫނުއަސާސީން ކަނޑައަޅައި ބަޔާންކޮށްފައިވާ ފަދައިން ދިމިޤްރާތީ ހަމަތަކުގެމަތިން ބޭއްވޭ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއްކަން ކަށަވަރުވެގެން ދިއުމަށްޓަކައި، ފަސްކުރެވިފައި މިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ އިތުރު ފުރުޞަތެއް ލިބެންޖެހޭ ކަމަށް ޤަބޫލުކުކުރެއްވޭ ކަމަށްވެސް މައްސަލަ ހުށައެޅުއްވި ވަކީލް ތަސްލީމް ފާހަގަކުރެއްވިއެވެ.
ކައުންސިލް އިންތިޚާބު ފަސްކުރެވުނު ޚާއްސަ ޤާނޫނަށް އިޞްލާޙުތަކެއް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އިން މިހާރު ހުށައަޅާފައި ވީނަމަވެސް، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ލިބިގެންދާނޭ އިޞްލާޙެއް ހުށައެޅިފައި ނުވެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްޞަ ޤާނޫނަށް ހުޅުމާލޭ ދާއިރާގެ މަޖްލިސް މެންބަރު ނިޔާޒު އިޞްލާޙު ހުށައެޅުއްވި ބޭނުމަކީ، ކޮވިޑް-19 އާ ގުޅިގެން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ދިމާވެފައިވާ ޤާނޫނީ ހުރަސްތަކަށް ހައްލެއް ހޯދައި، ވީ އެންމެ އަވަހަކަށް އެ އިންތިޚާބު ބޭއްވުންކަމަށް އެބިލުގައި ބުނެފައި ވީނަމަވެސް، އެ އިޞްލާޙުތައް ފާސްކުރެވިގެން ޤާނޫނަކަށް ވެދިއުމުންވެސް ލޯކަލް ކައުންސިލް އިންތިޚާބު ފަސްވެގެން ދިއުމުގެ ފުރުޞަތު އެބަ އޮތްކަމަށް ޚުދު ބިލު ހުށައެޅުއްވި މެންބަރުވެސް ބިލަށް ބަހުސްކުރަށްވަމުން ވިދާޅުވެފައި ވާއިރު، މި އިޞްލާޙުގެ ސަބަބުން އިންތިޚާބުގެ ޞައްޙަކަން ކަށަވަރުކުރެވުމަށް ހުރަސްއެޅިގެން ދިއުން ނޫން، ޤާނޫނީ އެހެން ނަތީޖާއެއް ނުނިކުންނާނެކަމަށްވެސް އިދިކޮޅު ކޯލިޝަންގެ މެމްބަރުން މިއަދު ވިދާޅުވެފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.