Ad
ރައީސް ޔާމީން: ފޮޓޯ/ސަން
ރައީސް ޔާމީން: ފޮޓޯ/ސަން

ރައީސް ޔާމީން ޖަލަށް ލާން ކުރި ހުކުމަށް ހައިކޯޓުން ތާޢީދުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައިކޯޓުން ތާޢީދުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޙުކުމާއި ގުޅިގެން، އެ މައްސަލަ އިސްތިޢުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވަނީ ޖުމްލަ 75 އިސްތިޢުނާފީ ނުކުތާއާއި އެކުއެވެ.

މައްސަލައިގެ ޙުކުމަށް ވާޞިލްވުމުގައި ފަނޑިޔާރުންނަށް ފާހަގަކުރެވުނު ކަންތަކާބެހޭގޮތުން ވާހަކަދައްކަވަމުން ފަނޑިޔާރު މުޙައްމަދު ނިޔާޒު ވިދާޅުވީ، ޖިނާޢީ މައްސަލަތަކުގައި ކުށް ސާބިތު ކުރުމުގެ މިންގަނޑު، ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ކަމަށާއި، އެގޮތުން، މަނީލޯންޑްރިން އަދި ޓެރެރިޒަމަށް ފައިނޭންސް ހުއްޓުވުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، އެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ ރައީސް ޔާމީންނަށް އެނގިގެންކަން، ދަޢުލަތުން ސާބިތުކޮށްދޭން ނުޖެހޭ ކަމަށާއި، ދަޢުލަތުގެ ޒިންމާއަކީ، އެ ފައިސާ އަކީ، ޝައްކު އެކުލެވޭ ފައިސާއެއްކަން ނުވަތަ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެކަށީގެންވާ މިންވަރަށް ސާބިތުކޮށްދިނުން ކަމަށެވެ.

އަދި އެ ފައިސާ ޖަމާކުރި އެސްއޯއެފަކީ ރައީސް ޔާމީން ދަންނަ ކުންފުންޏެއް ނޫން ކަމާއި، އެ ކުންފުނީގައި މަސައްކަތް ކުރާ އެއްވެސް މީހަކުވެސް ރައީސް ޔާމީނަށް ނޭނގޭކަމަށް ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވެފައިވާއިރު، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު، މިހާ ގިނައަދަދެއްގެ ފައިސާ، ނުވެސް ދަންނަ ކުންފުންޏަކުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރުމަކީ، އެކަމުގައި ސުވާލު ނުއުފައްދާ ދޫކޮށްލެވޭނެ ކަމެއް ނޫންކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި އެކަމުގައި ސުވާލު ނުއުފައްދާ ދޫކޮށްލުމަކީ، މަނީ ލޯންޑްރިންގެ އުންސުރުތައް އެކަމުގައި އެކުލެވޭނެކަމެއް ކަންވެސް، އެ ޤާނޫނުގެ ބޭނުމަށް ބެލުމުން އެނގޭކަމަށްވެސް، ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ޖަމާކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ފުލުހުންނަށް ހުށަހަޅާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 18 ވަނަ ދުވަހުއެވެ.

މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވެ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު، ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން އެމެރިކާ ޑޮލަރު (77.1 މިލިއަން ދިވެހި ރުފިޔާ) އިން އެމަނިކުފާނު ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ، 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ ފަރާތުން މީގެ ކުރިން ވަނީ އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށާއި އަދި ހުކުމް ތަންފީޒްކުރުން ފަސް ކުރުމުގެ އަމުރަކަށް ހައިކޯޓުގައި އެދިފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީޢަތުގެ މަޖިލީހުގައި، ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ޙުކުމް ތަންފީޒު ކުރުން ފަސް ނުކުރެވޭނެ ކަމަށާއި އަދި ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރެވެން ވެސް ނެތް ކަމަށް ހައިކޯޓުން ނިންމިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *