Ad

"ގިނަ މައްސަލަތަކުގެ ހައްލަކީ އަދުލުވެރި ފަނޑިޔާރު ގެއެއް"

އެމެރިކާގެ އައު ނައިބް ރައީސް ކަމަލާ (ފޮޓޯ)ގެ ނަޒަރުގައި އެމެރިކާއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކުގެ ހައްލަކީ އެންމެ ކަމެކެވެ؛ އެއީ އަދުލުވެރި ފަނޑިޔާރު ގެއެކެވެ. ހަމަހަމަ ކަމާއެކު ހުކުމްތައް ނެރޭނެ އަދުލުގެ ނިޒާމެކެވެ. މުއްސަނދިންނާއި ފަގީރުންނާއި ބޮޑުންނާއި ބާރުވެރިންނާއި ސިޔާސީ މީހުންނާއި އާދައިގެ މަސްކަތު މީހުންނަށް ވެސް ގާނޫނުގެ ހުކޫމަތު ހަމަހަމަކޮށް ހިންގުމާއި އަދުލުގެ ނިޒާމަށް އެޅިފައިވާ އަނދިކަން ފިލުވާލުމެވެ.

ކުރީގެ ރައީސް ޑޮނަލްޑް ޕްރަމްޕުގެ ހަރުކަށި ސަޕޯޓަރުން އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް، ކެޕިޓަލް އަށް ދިން ހަމަލާތަކާ ގުޅިގެން އާންމުކުރި ވީޑިއޯ މެސެޖެއްގައި އެކަމަކާ ވިދާޅުވެފައިވަނީ އެމެރިކާގެ ޑިމޮކްރަސީގެ ގުނަންތަކުގެ ބާރުކަނޑުވާލުމުގެ އަމަލުތައް ހިންގުމާ މީހުންނާ ވީއެންމެ އަވަހަކަށް ގާނޫނު އަރާ ހަމަކޮށް، މުޅި ދުނިޔެއަށް އެމެރިކާގެ ނިޒާމުތަކުގެ ވަރުގަދަކަން ސާބިތުކޮށްދޭން ޖެހޭ ކަމަށެވެ.

"އެމެރިކާގެ އަދުލްއިންސާފުގެ ދާއިރާ އޮތީ ގަޑުބަޑުކޮށްފަ. ހަމަހަމަކަން ގެއްލިފަ. އެކަން ރަނގަޅު ނުކޮށް އެމެރިކާ އަށް އެއްވެސް ހެވެއް، ރަނގަޅެއް ނެތް. ހުރިހާ ކަމެއްގެ ހައްލަކީ ވެސް އަދުލްއިންސާފު،" ކަމަލާގެ ކުރު އެހެނަސް މާނައިން ފުރިފައިވާ ވީޑިއޯ މެސެޖުގައި ވިދާޅުވެފައި ވެއެވެ.

މި މިސާލު ދިވެހި ރާއްޖެއާ ހަމައަށް ގެނެސް ބަލާލަމާ ހެއްޔެވެ؟ ތަފާތެއް ނެތެވެ. އަދުލުގެ ނިޒާމު ރަނގަޅު ވެއްޖެނަމަ ވަރަށް ގިނަ ކަންކަމަށް ހައްލު ލިބޭނެއެވެ؛ ކުށްކުރުން މަދުވާނެއެވެ. މާރާމާރީ އާއި ޑްރަގްސް އަދި ފޭރުން ފަދަ ބޮޑެތި މައްސަލަތަކަށް ހައްލަކީ އަދުލްއިންސާފެވެ. ބިރެއް ނެތި، ވިކުމެއް ނެތި، ވަކި ފަރާތަކަށް ބެލުމެއް ނެތި ހުކުމަށް ވާސިލްވުމެވެ. އަދުލްއިންސާފު ދެމެހެއްޓުމެވެ.

ގާނޫނީ މާހިރުން ވިދާޅުވެއެވެ. ފަނޑިޔާރުގޭގެ އިންސާފުވެރިކަން ބިނާވަނީ އާންމުން އެތަނާމެދު ދެކޭ މިންގަނޑެއްގެ މައްޗަށެވެ. އަދި ތިލަކޮށްލަމާހެއްޔެވެ؛ ދިވެހި އަދުލުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު އެބައޮތް ހެއްޔެވެ؟ ފަނޑިޔާރުންނަކީ ވަކި ބައެއްގެ މަސްލަހަތު ދަމަހައްޓާ ބައެއް ކަމަށް ދެކޭ ހެއްޔެވެ؟ އެވިސްނުން ބަދަލުނުވާހާ ހިނދަކު އަދުލުވެރިކަމެއް ނެތެވެ. އާންމު ރައްޔިތު މީހާ ހިތުން އަދުލްގެ ނިޒާމަށް އިތުބާރު ނުކުރާނަމަ، ކަމަލާ ވިދާޅުވި ފަދައިން އެއްވެސް ކަމަކަށް ހައްލެއް ނެތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *