Ad

ޢަބްދުއްރަޙީމާއި ޝުޖާޢު ދޫނިދޫއަށް ގެންދަނީ

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނަވާ އެކޯލިޝަންގެ ރައީސް ޢަބްދުއްރަޙީމާއި އެކޯލިޝަންގެ ނައިބު ރައީސެއްކަމުގައިވާ އިބްރާހީމް ޝުޖާޢު ހައްޔަރުކޮށް ދޫނިދޫއަށް ގެންދިއުމަށް ފުލުހުން ނިންމަވައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު މީގެ ކުޑައިރުކޮޅެއް ކުރިން މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ދެބޭފުޅުންވެސް ދޫނިދޫއަށް ގެންދިއުމަށް ފުލުހުން ނިންމަވާފައި ވާކަމަށެވެ.

ޢަބްދުއްރަޙީމާއި ޝުޖާޢު ހައްޔަރުކޮށްފައި މިވަނީ އިދިކޮޅު ކޯލިޝަނުން މިއަދު ދަރުބާރުގޭ ކައިރީގައި ކުރި އިޙްތިޖާޖުގެ ތެރެއިންނެވެ.

ރައީސް ޔާމީންގެ މައްޗަށް ދަށުކޯޓުން އިއްވާފައިވާ ޙުކުމް ހައިކޯޓުގައި އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފްކުރެއްވި މައްސަލައިގެ ޙުކުމްކޮށް، ދަށުކޯޓުގެ ޙުކުމް ދެމެހެއްޓުމަށް ހައިކޯޓުގެ ބެންޗުގެ އަޣްލަބިއްޔަތުން ނިންމެވުމާ ގުޅިގެން އެޙުކުމަކީ ސިޔާސީ ނުފޫޒު އިންތިހާއަށް ވަދެފައިވާ ޙުކުމެއްކަމަށް އިދިކޮޅު ކޯލިޝަނުން ބުނެ، އެކޯލިޝަންގެ ކައުންސިލުގެ ކުއްލި ބައްދަލުވުމަކުން ސީދާ ޙަރަކާތަށް ނުކުތުމަށް ނިންމުމާ އެކު، ސިލްސިލާ އިޙްތިޖާޖުތަކެއް ކުރަމުން ގެންދެއެވެ.

އަދި މިއިޙްތިޖާޖުގެ ތެރެއިން ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުންވެސް ހިމެނޭގޮތުން ގިނަ ބަޔަކު ކުރިންވެސް ހައްޔަރުކޮށްފައި ވީނަމަވެސް ބަންދު މުއްދަތަށް ކޯޓަށްވެސް ނުގެންގޮސް ދޫކޮށްލާފައިވެއެވެ.

އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއިންވެސް ޢަބްދުއްރަޙީމާއި ޝުޖާވެސް ފުލުހުންގެ ބަންދަށް ގެންގޮސް ކުޑައިރުކޮޅަކަށް ފަހު ދޫކޮށްލާފައި ވީނަމަވެސް މިއަދު އެދެބޭފުޅުން ދޫނިދޫއަށް ގެންދެވެނީ ހައްޔަރު ދެމެހެއްޓުމަށް ބޭނުންވާތީކަމަށް ބެލެވޭއިރު، ފުލުހުން އެގޮތަށް ޢަމަލުކުރަށްވަނީ ހުކުރުދުވަހު އިދިކޮޅުން ބޭއްވުމަށް އިޢުލާންކޮށްފައިވާ ބޮޑު އިޙްތިޖާޖަށް ހުރަސްއެޅުމުގެ ގޮތުންކަމަށް އެކޯލިޝަނުން ބުނަމުން ގެންދާ ކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *