Ad
"ރައްޔިތުންގެ އިއްތިޙާދު" ގައި ހިމެނޭ މަދަނީ ޖަމިއްޔާ ޖަމާޢަތްތަކުގެ ލޯގޯ-: ފޮޓޯ: ރައްޔިތުންގެ އިއްތިހާދު

ރައްޔިތުންގެ އިއްތިޙާދުން އިސްލާމިކް މިނިސްޓަރަށް ވަރުގަދަ އިންޒާރެއް

"އެއާ ޚިލާފަށް ފެންނަމުން ދަނީ، މަނިކުފާނުގެ މޭންޑޭޓާ ނުވެސް ގުޅޭ، ކަމާ ނުވެސް ބެހޭ ބޭރުގެ ފަރާތްތަކާއި އެނޫން މީސްމީހުންނާއި އިރުއިރުކޮޅާ ބައްދަލު ކުރެއްވުމަށް ވަގުތު ހުސްކުރައްވަން އަވަސްވެވަޑައިގެން އެފަރާތްތަކާ ބައްދަލު ކުރައްވާ މަންޒަރެވެ." 

ރައްޔިތުންގެ އިއްތިހާދުން އިސްލާމިކް މިނިސްޓަރާ ބައްދަލުކުރުމަށް މިހާތަނަށް ކުރި މަސައްކަތްތައް ނާކާމިޔާބުވުމުން، އެ އިއްތިހާދުން އިސްލާމް މިނިސްޓަރަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

"މިދުނިޔެ މަތީގައި ފިއްލަވައިވަޑައިގެން އުޅުއްވެވުނަސް ޢާލަމްތަކުގެ ވެރި އިލާހުގެ ޙަޟްރަތަށް އަޅުގަނޑުމެން އެންމެން ޙާޟިރު ކުރެވިގެންދާ ޤިޔާމަތް ދުވަހުން އެހެން އެކަން ނުވާނެކަން އެއީ ޔަޤީން ކަމެއްކަމަށް ހަނދާންކޮށްދެން،" ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިންނާއި އެތަކެއް މަދަނީ ޖަމިއްޔާތަކެއް އެއްވެގެން އުފެދިފައިވާ "ރައްޔިތުންގެ އިއްތިހާދު" ކޯލިޝަންގެ މިފަދަ އިންޒާރެއް އިސްލާމިކް މިނިސްޓަރަށް އަމާޒުކުރަށްވާާފައި މިވަނީ، އެމް.ޑީ.އެން އާއި އުތެމަގެ މައްސަލައިގައި އިސްލާމިކް މިނިސްޓަރާ ބައްދަލުކުރަން އެޕޮއިންޓްމަންޓް ހޯދަން އާދޭސް ކުރަން ޖެއްސުން ހުއްޓާލުމަށް އެދި އެއިއްތިހާދުގެ ފަރާތުން އިސްލާމިކް މިނިސްޓަރަށް މިއަދު ފޮނުއްވި ސިޓީއެއްގައިބުނެފައިވެއެވެ.

އިސްލާމްދީނާ ޚިލާފަށް ރާއްޖޭގައި "ރޭވިގެން" ހިންގޭ ކަންކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރާ މަޝްވަރާކުރުމަށް ތަކުރާރުކޮށް އެދުމުންވެސް މިނިސްޓްރީގެ ފަރާތުން އެކަމަށް އެއްވެސް ޖަވާބައެއް ދެއްވާފައި ނުވާތީވެ ރައްޔިތުންގެ އިއްތިހާދުން މިއަދު ފޮނުވި ސިޓީގައި އިންތިހާއަށް ކަންބޮޑުވުންފާޅުކޮށް އިސްލާމިކް މިނިސްޓަރަށް ފާޑުކިޔާފައި ވެއެވެ.

އެމް.ޑީ.އެން އާއި އުތެމަ ގެ ރިޕޯޓާ ގުޅޭ ތަޙްޤީޤުތަކާއި އެނޫން ކަންކަމުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ބައްދަލުކުރުމާއި، މަޢުލޫމާތު ބަދަލުކޮށް ހިއްސާކުރުމާއި، ކަމާ ބެހޭ ފަރާތްތަކަށް އެފަރާތްތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި ފުލުހުންނާއި ޕީ.ޖީ އާއި ރައީސުލްޖުމްހޫރިއްޔާ އާ ދެމެދު ވެސް މުޢާމަލާތް ކުރެވިފައި ވީނަމަވެސް، އިސްލާމިކް މިނިސްޓަރުގެ ކިބައިން މި ވީހާ ތަނަށް ފެނިގެން ގޮސްފައި ވަނީ، ޚުދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުވެސް ސާފުކޮށް ބުނެދެއްވާފައިވާ ސަރުކާރުގެ ދެފުށް ފެންނަ ޓްރާސްޕޭރަންޓް ސިޔާސަތުގެ އިތުރުން އެމަނިކުފާނުގެ އެންމެ އިސް ޥަޢުދުފުޅު ކަމުގައިވާ، އިސްލާމް ދީނާ ދެކޮޅަށް ކުރެވޭ އެންމެހާ ކަންކަމަށް ފިޔަވަޅު އެޅުއްވުމުގެ ވަޢުދުފުޅުތަކާ މުޅިން އިދިކީލި ޢަމަލުތަކެއް ކަމުގައި ބުނަން ޖެހުމަކީ ހިތާމަހުރި ކަމެއްކަމަށް އެސިޓީގައި ބުނެފައިވެއެވެ.

"އެއާ ޚިލާފަށް ފެންނަމުން ދަނީ، މަނިކުފާނުގެ މޭންޑޭޓާ ނުވެސް ގުޅޭ، ކަމާ ނުވެސް ބެހޭ ބޭރުގެ ފަރާތްތަކާއި އެނޫން މީސްމީހުންނާއި އިރުއިރުކޮޅާ ބައްދަލު ކުރެއްވުމަށް ވަގުތު ހުސްކުރައްވަން އަވަސްވެވަޑައިގެން އެފަރާތްތަކާ ބައްދަލު ކުރައްވާ މަންޒަރެވެ. އިސްލާމް ދީނާއި، މާތް ނަބިއްޔާ صلى الله عليه وسلم އަށް ފުރައްސާރަކޮށް، ދީނުގެ ޙުކުމްތަކަށް އިންކާރު ކުރާ މީހުންގެ މައްސަލައިގައި ވާހަކަ ދެއްކުމަށް އަޅުގަނޑުމެން އާދޭސްކޮށް ސަލާން ޖަހަން ޖައްސަވާ މަންޒަރެވެ. މިދުނިޔެ މަތީގައި އަޅުގަނޑުމެންނަށް ތިޔަހެން ފިއްލަވައިވަޑައިގެން އުޅުއްވެވުނަސް ޢާލަމްތަކުގެ ވެރި އިލާހުގެ ޙަޟްރަތަށް އަޅުގަނޑުމެން އެންމެން ޙާޟިރު ކުރެވިގެންދާ ޤިޔާމަތް ދުވަހުން އެހެން އެކަން ނުވާނެކަން އެއީ ޔަޤީން ކަމެކެވެ."

އިސްލާމްދީނާ ޚިލާފަށް ހިންގޭ ޢަމަލުތަކާއި ގުޅިގެންނާއި ވަކިން ޚާއްޞަކޮށް އެމް.ޑީ.އެން އާއި އުތެމަ ގެ މައްސަލައިގައި އިސްލާމިކް މިނިސްޓަރުގެ ފަރާތްޕުޅުން ފެނި އަޑުއިވިގެން ގޮސްފައި ވަނީ ބޮނދައި ފިއްލަވައިވަޑައިގެން ޖަވާބުދާރީ ނުވާން އުޅުއްވާފަދަ ފިނޑިކަމުގެ ޢަމަލުފުޅުތަކަކާއި ބަސްފުޅުތަކެކެއްގެ އިތުރުން އުތެމަގެ ރިޕޯޓުތަކުގެ ތަޙްޤީޤަށް ވެސް އެންމެ އެކަށީގެންވާ ގޮތުގައި ޒިންމާ ނުއުފުއްލަވާތަންކަންވެސް ފާހަގަކޮށް ބޮޑެތި ފާޑުކިޔުންތަކާއި "ހޫނު" އިންޒާރުގެ ހަނދާންކޮށްދިނުންތައް ހިމެނޭ މިސިޓީގައި ބުނެފައި ވޭމެއެވެ.

"މަނިކުފާނު އިސްލާމިކް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނަވަނިކޮށް، އިސްލާމް ދީނާއި މިޤަޥްމުގެ އިސްލާމީ ޥަޙްދަތަށް ލިބެމުން މިދާ ނިކަމެތިކަމާއި ގެއްލުމާ ދެކޮޅު ހެދުމުގެ ގޮތުން އިތުރު ވިސްނުމަކަށް ދިވެހި ރައްޔިތުން ދާން މަޖުބޫރުވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި އަޅުގަނޑުމެން ޤަބޫލު ކުރާތީ، މަނިކުފާނު މިކަމާ ނިކަން ފުންކޮށް ވިސްނާވަޑައިގެން، ކޮނޑުފުޅުގައި އެޅުވިފައިވާ ތިވާ އެންމެހާ މަސްއޫލިއްޔަތުތަކާ ގުޅޭ މިފަދަ ހައްސާސް ބޮޑެތި ކަންކަމުގައި ނަންގަވަން ޖެހިވަޑައިގަންނަވާ ދީނީ، ޤަޥްމީ އަދި ޤާނޫނީ ޒިންމާ ނެންގެވުމުގައި މިހިނދުން މިހިނދަށް ފަރުވާތެރިވެ ޒިންމާދާރު ވުމަށް އިލްތިމާސްކުރަމެވެ" 

ރައްޔިތުންގެ އިއްތިޙާދަކީ މިދިޔަ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު ޢާއްމުކޮށް އިޢުލާނު ކުރެވިގެން ރާއްޖޭ ހުރިހާ ކަންކޮޅުތަކުން ހެން އެތައް ބައިވަރު މަދަނީ ޖަމްޢިއްޔާއެއްގެ މައްޗަށް އެކުލެވިގެން އަދި ރާއްޖޭގެ ދީނީ ގިނަ ޢިލްމުވެރީންތަކެއްގެ އެއްބާރުލުމާއި ތާޢީދުވެސް ލިބިގެން، އެމް.ޑީ.އެން އާއި އުތެމައިގެ ލާދީނީ އަދި ލާޤާނޫނީ ޖަރީމާތަކާ ދެކޮޅަށް މަސައްކަތްކުރަމުން އަންނަ މަދަނީ ޙަރަކާތެއްކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *