Ad

މުޅި އެމެރިކާ ފެންކަޅި ކޮށްލި ޒުވާން އަންހެން ކުއްޖާގެ ވާހަކަ

ސީއެންއެންއިން އޭނާއަށް ތައުރީފުކުރިއެވެ. ޚާއްސަ އިންޓަވިއުއެއްވެސް ގެނައެވެ. ސީއެންބީސީގެ ނޫސްވެރިޔާ ފެންކަޅި ކޮށްލިއެވެ. އޭބީސީ ނިއުސްގެ ޚާއްސަ ކަވަރޭޖުގައި އޭނާއަށް ޚާއްސަކުރިއެވެ. ޖުމްލަކޮށް އެމެރިކާގެ ދަ ގާޑިއަން އާއި ވޮޝިންޓަން ޕޯސްޓުގެ އިސް ސަފުހާއިން ޖާގަ ހޯދިއެވެ. މަޝްހޫރު އޯޕެރާ އާއި މިޝޭލް އޮބާމާ، ހިލަރީ ކްލިންޓަން ފަދަ މަޝްހޫރު އެތައް ސަހުސިއްޔަތެއްގެ ތަޢުރީފާއި އުންމީދުތައް ޓްވީޓާގައި އަޑު ހިއްޕާލިއެވެ. އެ ދައްކަނީ ކާކުގެ ވާހަކައެއް ހެއްޔެވެ؟ އޭނާ އެހާ މުހިއްމުވީ ކީއްވެގެން ހެއްޔެވެ؟

އެއީ އުމުރުން 22 އަހަރުގެ އަމަންޑާ ގޯމަންގެ ވާހަކައެވެ. އެފްރިކަން އެމެރިކަން ދަރިކޮޅުގެ އާދައިގެ އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ ހުވާ ކިރެއްވުމުގެ ރަސްމިއްޔާތުގައި ހުނަރުން ފުރިފައިވާ މި ޒުވާނާ އެމެރިކާގެ ޒުވާން އުންމީދުތަކާއި ތަސައްވުރުގެ މައްޗަށް ތަގުރީރުކުރިއެވެ. "ދަ ހިލް ވީ ކްލައިމްބު"ގެ މައިގަނޑު ނަމުގައި އެކުލަވާލާފައިވާ ފަށުވި ބަސްތަކާއި އަޒުމާއި އުންމީދާއި މާދަމާގެ ވިސްނުމާއި ބައިބައިވެފައިވާ ގައުމުގެ ވިސްނުން އެކަތިގަނޑަކަށް ހެދުމުގެ މަސައްކަތްތައް ވެސް ހިމަނައިގެން އޭނާ ދެއްކި ވާހަކަތަކަށް މުޅި އެމެރިކާގެ ނަޒަރު ހުއްޓުނެވެ. މީޑިޔާތަކުގެ ކެމެރާތައް ފޯކަސްވިއެވެ.

އެމެރިކާގެ ބައެއް ނޫސްތަކުން ސިފަކޮށްފައިވާ ގޮތުގައި އެމެރިކާގެ ރައީސަކު ހުވާކުރެއްވުމުގެ ރަސްމިއްޔާތެއްގައި މިހާތަނަށް ފެނުނު އެންމެ އަސަރުގަދަ އަދި އެންމެ އުންމީދީ، އެންމެ ޖޯޝް ހުރި ޕޮއެޓްރީ އަކީ އަމަންޑާ ގޯމަންގެ ސްޕީޗެވެ.

އެތައް ހާސް ކެންޑިކޭޓުންނާ ވާދަކޮށް އޭނާ ޕޯޑިއަމުން ޖާގަ ހޯދީ، ގިނަ ބަޔަކު ހައިރާންކޮށްލާފައެވެ؛ އޭނާގެ ބޮޑީ ލޭންގުއޭޖާއި ވާހަކަތައް ފިސާރި ގުޅެއެވެ. ބަސްމަގު ގެންގުޅޭ ގޮތާއި ހުށަހަޅައިދޭ ފަށުވި އަދި ސާބިތު ގޮތްތަކުން އަޑުއަހާ މީހުންނަށް އިންތިހާއަށް އަސަރު ކުރެއެވެ. ސާދާ އިބާރާތްތަކުން ވަރުގަދަ މެސެޖްތައްދީ އެމެރިކާ ފެންކަޅިކޮށްލިއެވެ.

އެންމެ ގިނަ ބަޔަކު އަޅައިގަތީ ޒުވާން އަމަންޑާ އެމެރިކާގެ ރައީސްކަމަށް ވާދަކުރުމުގެ އުންމީދު ފާޅުކުރުމުންނެވެ. އެ ކެރުމާއި އެ އަޒުމާއި އެ އުންމީދުގައި ކުލަ ޖެހިގެން ދިއުމަށް އެތައް ބަޔަކު ސޯޝަލް މީޑިޔާގައި އެދިފައިވެއެވެ؛ އަމަންޑާއަށް ތަޢުރީފުކުރަމުންނެވެ.

ހިލަރީ ކްލިންޓަން އޭނާގެ ޓްވީޓުގައި ބުނެފައިވަނީ އެމެރިކާގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އަމަންޑާ ދެކެން އެންމެ ބޮޑަށް ބޭނުންވާ އެކަކީ އެކަމަނާ ކަމަށެވެ.

މަޝްހޫރު އޮޕެރާ ބުނެފައިވަނީ އެމެރިކާގެ އުންމީދުތަކާ ގުޅިފައިވާ އާތަރިއެއް އެފެދިއްޖެ ކަމަށާއި އެކަމާ ފަޚުރުވެރިވާ ކަމަށެވެ.

މިޝޭލް އޮބާމާ ވިދާޅުވީ، އެމެރިކާގެ މިހާރުގެ ހާލަތާއި އަމިއްލަ ދިރިއުޅުމުގެ ހަގީގަތްތަކާއި މުސްތަގުބަލުގެ އުންމީދުތަކާ ގުޅިފައިވާ ސްޕީޗް އަމަންޑާ ދެމުން ދިޔައިރު، ކޮންމެ ލަފްޒެއް، ކޮންމެ ޖުމްލައެއް ކަނުލާ އަޑުއެއްސެވީ، ހައިރާންކަމާއި އަސަރުން ފުރިފައިވާ ހާލަތެއްގައި އިންނަވައިގެންނެވެ. އެއީ އެފަދަ މުހިއްމު މުނާސަބަތެއްގައި އުމުރުން އެހާ ޅަ ކުއްޖަކު އެހާ ވަރުގަދަ ވާހަކަތަކެއް ދެއްކީމައެވެ.

މަޝްހޫރު ވާހަކަ ދެއްކުންތެރިޔާ އަދި އެމެރިކާގެ ކުރީގެ ރައީސް ބަރަކު އޮބާމާ އަމަންޑާއަށް އިޝާރާތްކޮށް ވިދާޅުވީ "ހަމަ އެއްވަނަ" ކަމަށެވެ.

ޖޯބައިޑަން ހުވާކުރުމުގެ ރަސްމިއްޔާތަށް ފަހު އެމެރިކާގެ އެންމެ މަޝްހޫރު އެއް ނަމަށް ވެފައިވަނީ އަމަންޑާ ގޯމަންއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *