Ad
ޞިއްހީ ޚިދުމަތްތެރިއަކު ކޮވިޝީލްޑް ވެކްސިން ދައްކާލަނީ-: ފޮޓޯ: ބިޒްނަސް ޓުޑޭ
ޞިއްހީ ޚިދުމަތްތެރިއަކު ކޮވިޝީލްޑް ވެކްސިން ދައްކާލަނީ-: ފޮޓޯ: ބިޒްނަސް ޓުޑޭ

ހުއްދަ ނުލިބެނީސް ގިނަ ޢަދަދަކަށް އުފެއްދުމުން ޢުމުރު ކުރު "ކޮވިޝީލްޑް" އަށް ބޮޑު ގޮންޖެހުމެއް

ދުނިޔޭގައި އުފެއްދޭ އެންމެހައި ވެކްސިންތަކެއްވެސް ޢާންމުކޮށް ބޭނުންކުރުމުގެ ކުރިން ފުރިހަމަކުރެވޭ ތިން މަރްޙަލާ ހިމެނޭ "ކްލިނިކަލް ޓްރަޔަލްސް" ގެ ތިންވަނަ މަރްޙަލާ ނުނިމެނީސް، ގިނަވެގެން 6 މަސްދުވަހުގެ "ޢުމުރެއް" ލިބިފައިވާ "ކޮވިޝީލްޑް" ވެކްސިން ގެ އެތަކެއް މިލިއަން ޑޯޒް އިންޑިއާ އިން އުފެއްދުމާ ގުޅިގެން ގިނަ ޢަދަދެއްގެ ޑޯޒް ބޭކާރުވެދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީ އާއި ވެކްސިން އުފައްދާ ޔޫރަޕްގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ އެސްޓްރާޒެނެކާ އިން އުފަންކުރުވި މި ވެކްސިން، މުޅި ދުނިޔޭގެ ނިޞްބަތުންވެސް ވެކްސިން އުފައްދާ އެންމެ ބޮޑު އިންސްޓިޓިއުޓް ކަމުގައިވާ "ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ" އިން ގިނަ ޢަދަދަކުން އުފައްދާފައި ވާއިރު، ފަޤީރު ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އަމާޒުކޮށްގެން 1 ބިލިއަން ޑޯޒް އުފެއްދުމުގެ ހުއްދަވެސް އެސްޓްރަޒެނެކާ އިން ސީރަމް އިންސްޓިޓިއުޓް އަށް ދީފައި ވެއެވެ. އަދި، އޭގެތެރެއިން 400 މިލިއަން ޑޯޒް ގެ ވެކްސިން މިއަހަރު ނިމުމުގެ ކުރިން އުފައްދައި ޤައުމުތަކަށް ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައި ވެއެވެ.

އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އުފެއްދި "ކޮވިޝީލްޑް" ވެކްސިންގެ އެންމެ ފުރަތަމަ ބެޗްތަކުގެ ވެކްސިންގެ ތެރެއިން 20 މިލިއަން ޑޯޒް އެއިންސްޓިޓިއުޓް އިން އިންޑިއާގެ ސަރުކާރަށް ފޯރުކޮށްދިނުމާއެކު އިންޑިއާ ސަރުކާރުގެ ފަރާތުން "ވެކްސިން ޑިޕްލޮމެސީ" ގެ ދަށުން އަވައްޓެރި ޤައުމުތަކަށް "ހިލޭ" އެވެކްސިން ފޯރުކޮށްދީފައި ވެއެވެ.

ކޮވިޝީލްޑްގެ އެންމެ ފުރަތަމަ ބެޗް އުފައްދާފައިވާ ތާރީޚަކީ 2020 ވަނަ އަހަރުގެ އޮކްޓޯބަރ-ނޮވެމްބަރ ކަމަށް ވާއިރުއާއި އަދި އެވެކްސިންގެ ޢުމުރަކީ އެންމެ 6 މަސް ދުވަސް ކަމުގައި ވީހިނދު، ފުރަތަމަ އުފެއްދުނު މިބެޗްގެ މުއްދަތު އަންނަ އޭޕްރީލް-މެއި ގައި ހަމަވާނެއެވެ. އިންޑިއާގެ ކޮވިޝީލްޑް ހަދިޔާކުރެވުނު ޤައުމުތަކުގެ ތެރެއިން އަވައްޓެރި ލަންކާއިން މެނުވީ އަދި އެ ވެކްސިން ޖަހަންފަށާފައި ނުވެއެވެ. އަދިހަމަ އިންޑިއާގައި މި ވެކްސިން ޖަހަން ފެށިފައި ވީނަމަވެސް މި ވެކްސިނަށް އެހާ ބޮޑު ތަރުޚީބެއް ޢާންމުންގެ ފަރާތުން ލިބިފައި ނުވާކަމަށްވެސް އެޤައުމުގެ މީޑިއާތަކުންވެސް ރިޕޯޓްކޮށްފައި ވެއެވެ.

އިންޑިއާ އިން ރާއްޖެއަށް ވެސް ކޮވިޝީލްޑްގެ 1 ލައްކަ ޑޯޒް ހަދިޔާކޮށް ރާއްޖެ ގެނެވިފައިވެސް ވާއިރު، އެންމެ ލަސްވެގެން މިފެށޭ ފެބްރުއަރީ މަހުގައި އެވެކްސިން ރާއްޖޭގައި ބޭނުންކުރަންޖެހޭނެކަމަށް ޤަބޫލުކުރެވެއެވެ. އެހެނީ، ކޮވިޝީލްޑް އަކީ 2 ޑޯޒެއް ދެވޭ ވެކްސިނަކަށް ވާއިރުއާއި ދެވަނަ ޑޯޒް ދެވޭނީ ފުރަތަމަ ޑޯޒް ދެވުނުތާ އެންމެ އަވަސްވެގެންވެސް 4 ހަފްތާ ފަހުން 12 ހަފްތާގެ ތެރޭގައި ކަމަށްވުމުން، ވެކްސިންގެ މުއްދަތު ހަމަވުމުގެ ކުރިން ވެކްސިން ބޭނުން ނުކޮށްފި ނަމަ އިތުރަށް އެވެކްސިން ބޭނުންކުރުމަކީ ޞިއްޙީގޮތުން ކުރެވޭނެ ކަމަކަށް ނުވާނެ ހިނދުއެވެ.

އެހެނިހެންވެސް ވެކްސިންތަކެކޭ އެއްފަދައިން "ކޮވިޝީލްޑް" ވެކްސިން ދެވުމުންްވެސް ބޮލުރިހުމާއި ހުންއައުމާއި ހޮޑުލުން ފަދަ ކަންކަން ބައެއް މީހުންނަށް ވަގުތީ ގޮތުން ކުރިމަތިވެފައި ވާކަމަށް ތަޙްލީލު މަރްޙަލާގެ ބޭނުންތަކުން ދައްކާފައި ވީނަމަވެސް، އެވެކްސިނަކީވެސް ކޮވިޑް-19 އިން ރައްކާތެރިކޮށްދިނުމުގައި 60 އިންސައްތަ ކާމިޔާބު ވެކްސިނެއްކަން ކަށަވަރުކުރެވިފައިވާ ކަމަށް އެކުންފުންނީގެ އިތުރުން ކަމާބެހޭ ފަންނީ އިދާރާތަކުންނާއި މާހިރުންވެސް ހާމަކޮށްފައި ވެއެވެ.

ކޮވިޝީލްޑް ވެކްސިނާ މެދު އޮތް ޙަޤީޤީ ކަންބޮޑުވުމަކީ، ތިންވަނަ މަރްޙަލާގެ ޓެސްޓްތައް އަންނަ ފެބްރުއަރީމަހުގެ ތެރޭގައި މެނުވީ ނިމުމަކަށް ނާންނާނެއިރު، ޢާންމު އުޞޫލާ ޚިލާފަށް އަވަސް އަރުވާލައިގެން ޢާންމުކޮށް ވެކްސިން ބޭނުންކުރުމަށް ހުއްދަދެވި އެމަސައްކަތް ކުރެވެމުން ދިއުން ކަން، ކަމުގެ މާހިރުންނާއި ފަންނީ ފަރާތްތަކުގެ އިތުރުން ގިނަ ޢާންމު ރައްޔިތުންވެސް ފާހަގަކުރަމުން ދެއެވެ.

"އަހަރެމެން އެހާ އަވަސް އަރުވާލައިގެން ގޮތް ނިންމަންޖެހޭ ޙަޤީޤީ ސަބަބެއް އެބަ އޮތް ތޯ؟" ތަޙްލީލުތަކާއި ޓެސްޓުތައް ފުުރިހަމަކޮށް ނުނިމެނީސް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ކޮވިޝީލްޑް އަށް ހުއްދަދިނުމާ ގުޅިގެން އެކަމާމެދު ފާޑުވިދާޅުވެ، އިންޑިއަން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އިމިއުނޮލޮޖީގެ އިމިއުނޮލޮޖިސްޓް ވިނީތާ ބަލް އާ ޙަވާލާދީ ސައިންސް މެގަޒިންގައި ހާމަކޮށްފައި ވެއެވެ.

"މިއީ އިންޑިއާގެ ރެގިއުލޭޓަރީ ބޮޑީ އަކުން ޤަވާޢިދު ކަނޑައަޅައި ހަމަތަށް އެކުލަވާލުމަށްފަހުގައި އެޤަވާޢިދާއި ހަމަތަކާ ޚިލާފަށް ޢަމަލުކުރުމުގެ އަނެއް މިސާލު" އިންޑިއާގެ ސެންޓްރަލް ޑްރަގްސް ސްޓެންޑާރޑް ކޮންޓްރޯލް އޮގަނައިޒޭޝަން (ސީޑީއެސްސީއޯ) ގެ މި ނިންމުމަށް ފާޑުކިޔުއްވައި ބަލް އިތުރަށް ވިދާޅުވެފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *