Ad
އިންޑިއާއިން އުފައްދާފައިވާ އެސްޓްރާޒެނެކާގެ "ކޮވިޝީލްޑް" (ކ) އަދި ޔޫކޭގައި އުފައްދާފައިވާ އެސްޓްރާޒާޒެނެކާ ގެ ކޮވިޑް ވެކްސިން (ވ)-: ފޮޓޯ: އޭޕީ

ދެތިން ދުވަހެއްގެ ތެރޭގައި ރާއްޖޭގައި ކޮވިޑް-19 ވެކްސިންދޭން ފަށަނީ

ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދޭން ފަށާނެކަމަށް ޑރ. އަޙްމަދު ފައިޞަލް ހާމަކުރައްވައިފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރަށްވާ އަދި ކޮވިޑް-19 ގެ ކަންތަކާ ގުޅިގެންވެސް އިސްކޮށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޑރ. ފައިޞަލް މިފަދައިން ހާމަކުރައްވާފައި މިވަނީ މިރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ.

"ރައްކާތެރިކަމާއެކު ވެކްސިނެއް ޖަހަން ލައްކަ މަސައްކަތް ކުރަންޖެހޭ އެ މަސައްކަތް އެދަނީ ކުރިޔަށް، ދެދުވަހެއްތެރޭ މާތް ﷲ އިރާދަކުރެއްވިއްޔާ ފެށޭނެ" ޑރ. ފައިޞަލް ކުރެއްވި މި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ކޮވިޑް-19 ބައްޔަށް ޚާއްޞަކޮށްގެން ދުނިޔޭގައި މިހާތަނަށް އުފެއްދި ބޭނުންކުރެވެން ފަށާފައިވާ 4 ވެކްސިންގެ ތެރެއިން ރާއްޖޭގައި މިހިނދު ދެވޭނީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީއާއި، އެޤައުމުގެ އިތުރުން ސްވިޑެންގެ ކުންފުންޏެއްކަމުގައިވާ އެސްޓްރާޒެނެކާ އިން ގުޅިގެން އުފަންކުރުވި، އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިނެވެ.

އަވައްޓެރި އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި "ކޮވިޝީލްޑް" ވެކްސިންގެ 1 ލައްކަ ޑޯޒް މިހާރު ރާއްޖެވެސް ގެނެވިފައި ވާއިރު، އެސްޓްރާޒެނެކާގެ ވެކްސިން ބޭނުންކުރުމަށް ޑަބްލިޔުއެޗްއޯ އިން އަދި ހުއްދަ ދީފައި ނުވި ނަމަވެސް އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި ވެސް އިމަޖެންސީ ޙާލަތުގައި ޢާންމު ބޭނުންތަކަށް މިވެކްސިން ބޭނުންކުރުމުގެ ހުއްދަ މީގެކުރިން ދީފައި ވެއެވެ. އަދި އިއްޔެގެ ވަގުތެއްގައި އީޔޫ އިން އެޖަމާޢަތުގެ ޔޫރަޕިއަން މެޑިސިން އޭޖެންސީ (އީއެމްއޭ) އިން ވެސް އެސްޓްރާޒެނަކާ ވެކްސިން އަށް ހުއްދަ ދީފައި ވީނަމަވެސް އެމެރިކާ އިން އަދި މި ވެކްސިނަށް ހުއްދަ ދީފައި ނުވެއެވެ.

އެސްޓްރާޒެނެކާ ގެ ކޮވިޑް ވެކްސިން އަށް އީޔޫ އިން ހުއްދަދީފައި ވަނީ "ކަންޑިޝަނަލް މާކެޓިން އޮތޮރައިޒޭޝަން" ގެ ދަށުންނެވެ. ކަންޑިޝަނަލް މާކެޓިންގ އޮތިރައިޒޭޝަން (ސީއެމްއޭ) އަކީ ވެކްސިންގެ އެންމެހައި ޓެސްޓްތަކާއި ތަޙްލީލުތަކުގެ ހުރިހާ މަރްޙަލާތަކެއް ފުރިހަމަކޮށް ނަތީޖާ ލިބިފައި ނުވި ނަމަވެސް އެހައިތަނަށް ހެދިފައިވާ އެކަށޭނަ ތަޙްލީލުތަކާއި ޓެސްޓްތަކުގެ މައްޗަށް ބިނާކޮށް ވަކި ޝަރުޠުތަކާއެކު ހުއްދަ ދިނުމެވެ.

އެސްޓްރާޒެނެކާގެ ވެކްސިނަށް އީޔޫ އިން ހުއްދަދީފައި ވާއިރު އީޔޫގެ މެމްބަރު ޤައުމުތަކުގެ ލީޑަރުންވެސް "ޕްރެޝަރ" ކުރަމުންގެންދަ ވަނީ އެސްޓްރާޒެނެކާ އިން އިނގިރޭސި ވިލާތުގައި އުފައްދަފައިވާ ވެކްސިންމެނުވީ އެގައުމުތަކަށް އެކުންފުނިން އަލަށް ގެނެވޭ ޝިޕްމަންޓްގެ ގޮތުގައި ނުގެނައުމަށް ކަން ވެސް ބައިނަލް އަޤްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައި ވޭމެއެވެ.

އިންޑިއާގައި އުފައްދާފައިވާ އެސްޓްރާޒެނެކާގެ ވެކްސިން ކަމުގައިވާ "ކޮވިޝީލްޑް" ގެ 1 ލައްކަ ޑޯޒް އެޤައުމުން ރާއްޖެއަށް ހަދިޔާއަކަށް ދީފައި ވާއިރު، ރާއްޖޭގެ ޞިއްޙީ ބައެއް މާހިރުންވެސް އެންމެ ފުރަތަމަ އިރުޝާދުދެއްވީ ފައިޒާގެ ކޮވިޑް ވެކްސިން ރާއްޖޭގައި ދިނުމަށް ކަން މިނޫހަށް ކަށަވަރުވެފައި ވެއެވެ.

އެހެން ނަމަވެސް ފައިޒާގެ ވެކްސިން އުފުލުމާއި ރައްކާކުރުމުގައި ވެސް އެހެން ވެކްސިންތަކާ ޚިލާފަށް އިންތިހާއަށް ދަށުގެ ފިނިމިނެއް ކަށަވަރުވާން ޖެހޭތީވެ އެވެކްސިން ރާއްޖޭގައި ރައްކާތެރިކަމާ އެކު އުފުލައި ގެންގުޅުމަކީވެސް ދަތި އުނދަގޫ އަދި އިންތިހާއަށް ޚަރަދުބޮޑު ކަމަކަށް ވާނެ ހިނދު، ފައިޒާ ވެކްސިން ގެނައުމުގައި ދެވަނަ ވިސްނުކަމަށް ކަމާބެހޭ ފަރާތްތަކުން ދިޔައީ ކަމުގައެވެ.

އެމެރިކާއާއި ޖަރުމަނުގެ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ފައިޒާ-ބަޔޯއެންޓެކް ވެކްސިނާއި، އެމެރިކާގެ މޮޑާނާ ވެކްސިނާއި އަދި ރަޝިއާގެ ސްޕުޓްނިކް-ވީ ވެކްސިން، މި 4 ވެކްސިނަށް ބަލާއިރުވެސް އަގުގެ ގޮތުން އެންމެ ހެވީ އެސްޓްރާޒެނެކާގެ ވެކްސިނެވެ. ފައިޒާ ވެކްސިންގެ އަގު 20 އެމެރިކާ ޑޮލަރަށް އަރާއިރު، މޮޑާނާ ގެ އަގު 33 ޑޮލަރަށް، އަދި ސްޕުޓްނިކް-ވީ ގެ އަގު 10 ޑޮލަރަށް އަރައެވެ. އަދި މި 4 ވެކްސިންގެ ތެރެއިންވެސް ނަތީޖާ ޙާޞިލުވާ މިންވަރުގެ އިންސައްތައިން ކާމިޔާބީގެ ނިޞްބަތް އެންމެ މަތީގައި އުޅެނީ 95 އިންސައްތައާއެކު ފައިޒާއާއި އަދި މޮޑާނާއެވެ. އަދި 92 އިންސައްތައިގައި ސްޕުޓްނިކް-ވީ އުޅޭއިރު އެސްޓްރާޒެނެކާގެ މި އިންސައްތައަކީ 60 އަކަށް އިންސައްތަ ކަން ވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *