Ad
ފެމިލީ ކޯޓުގެ ކައުންޓަރުން ބަޔަކު ޚިދުމަތްހޯދަނީ-: ފޮޓޯ: ފެމިލީ ކޯޓް
ފެމިލީ ކޯޓުގެ ކައުންޓަރުން ބަޔަކު ޚިދުމަތްހޯދަނީ-: ފޮޓޯ: ފެމިލީ ކޯޓް

ނުރަސްމީ ގަޑީގައާއި ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުން މެދުކަނޑާލައި ފެމިލީ ކޯޓުން ޚިދުމަތްދިނުމުގައި ބަދަލުތަކެއް

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ކަމާބެހޭ އިދާރާތަކުން އެންގެވުމާ ގުޅިގެން ފެމިލީ ކޯޓުން ކައިވެނިކޮށްދިނުން ހަމައެކަނި ރަސްމީ ގަޑިއަށް ބަދަލުކޮށް ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުންވެސް ވަގުތީގޮތުން މެދުކަނޑާލުމުގެ އިތުރުން ޚިދުމަތްތައް ފޯރުކޮށްދިނުމުގައިވެސް ބަދަލުތަކެއް ގެނެސްފިއެވެ.

ފެމިލީ ކޯޓުން ގެނައި މިބަދަލުތައް އެކޯޓުގެ ވެބްސައިޓުގައި ޢާންމުކޮށްފައި ވާއިރު، ހަފްތާގެ ބަންދަށް ފަހުގައި ހުޅުވޭ ފުރަތަމަ ދުވަސް ކަމުގައިވާ 07 ފެބްރުއަރީ 2021 ން ފެށިގެން އެބަދަލުތަކާ އެއްގޮތަށް ޢަމަލުކުރެވޭނެކަމަށްވެސް އެކޯޓުން ހާމަކޮށްފައި ވެއެވެ.

ފެމިލީ ކޯޓުން ކައިވެނި ކޮށްދޭ ވަގުތު ހަމައެކަނި ރަސްމީ ގަޑިއަށް ހަނިކުރުމުގެ އިތުރުން ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުންވެސް މެދުކަނޑާލާފައި ވީނަމަވެސް، ކޯޓަށް ޙާޟިރުވެގެން ނާއި އޮންލައިންކޮށްވެސް ރަސްމީގަޑީގައި ކައިވެނިކޮށްދިނުމުގެ ޚިދުމަތް މިމުއްދަތުގައިވެސް ކުރިއަށް ގެންދާނެކަމަށް އެކޯޓުން ބުނެފައި ވެއެވެ.

ޚިދުމަތްތައް ދިނުމުގައި ފެމިލީ ކޯޓުން ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި، ކޯޓަށް ހުށައެޅޭ އެންމެހައި ފޯމުތައް ކައުންޓަރުން ބަލައިގަތުން ހުއްޓާލައި، ކައިވެނީގެ ފޯމުތައް ކާވެނި ސެކްޝަންގައި ބެހެއްޓިފައިވާ ޑްރޮޕް ބޮކްސް މެދުވެރިކޮށް އަދި ކާވެންޏާ ގުޅޭ އެހެނިހެން ފޯމުތައްވެސް އެ ޑްރޮޕް ބޮކްސްގެ އިތުރުން އެކޯޓުގެ marriage @familycourt.gov.mv އީމެއިލް މެދުވެރިކޮށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރު 13:00 އަށް ހުށައެޅޭގޮތަށް ހަމަޖައްސާފައި ވާއިރު، ޝަރީޢަތާ ގުޅުންހުރި އެންމެހައި ފޯމުތައް ޖަސްޓިސް ބިލްޑިން ފުރަތަމަ ފަންގިފިލާގައި ބެހެއްޓިފައިވާ ޑްރޮޕް ބޮކްސްގެ އިތުރުން އެކޯޓުގެ [email protected] އީމެއިލް މެދުވެރިކޮށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:00 ން މެންދުރު 13:00 އަށް ހުށައެޅޭގޮތަށް ބަދަލުކޮށްފައި ވެއެވެ.

ޑްރޮޕްބޮކްސް މެދުވެރިކޮށް ފޯމާއި ލިޔެކިޔުން ހުށާހަޅާއިރު އެހުށައެޅުން ޑްރޮޕްބޮކްސްއަށް ލާންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ކަމަށާއި އަދި އެ ސިޓީއުރައިގެ ބޭރުގައި، ހުށަހަޅާ ފަރާތުގެ ނަމާއި ގުޅޭނެ ނަންބަރުގެ އިތުރުން ކޮންކަމަކަށް އެދި ހުށަހަޅާ ފޯމެއްކަން ބަޔާންކޮށްފައި އޮންނަން ވާނެކަމަށްވެސް ފެމިލީ ކޯޓުން އިރުޝާދު ދީފައިވެއެވެ.

ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުން އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން މެދުކަނޑާލުމަށް ފެމިލީ ކޯޓުން ނިންމާފައި ވާއިރު، އެތާރީޚުގެ ފަހުން ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމަށް މިހާރުވެސް ހުށައަޅާފައިވާ ފަރާތްތަކުން ޢަމަލުކުރަންވީ ގޮތުގެ އިރުޝާދުދިނުމަށް އެކޯޓުން ގުޅަމުން ގެންދާނެކަމަށްވެސް ފެމިލީ ކޯޓުން ހާމަކޮށްފައި ވޭމެއެވެ.

މުޅިދުނިޔޭގައިވެސް ހަލުވިކަމާއެކު ފެތުރެމުން ގޮސްފައިވާ ކޮވިޑް-19 ގެ އައު ވައްތަރުތަކެއް ބައެއް ޤައުމުތަކުން ދާދިފަހުން ފެނުމާއެކު އެބަލި ފެތުރޭ ނިޞްބަތް ދުނިޔޭގައިވެސް އަނެއްކާވެސް ހަލުވިވެފައި ވާއިރު ރާއްޖޭގައިވެސް ބަލިފެތުރުން އިންތިހާއަށް މިހިނދު އިތުރުވެފައި ވުމުގެ އެއްސަބަބަކީ ކޮވިޑް-19 ގެ އައު ވައްތަރު ރާއްޖޭގައިވެސް ފެތުރެންފަށާފައި ވުންކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަނުން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ސީނާ ވިދާޅުވެފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *