Ad
އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއްކަމުގައިވާ ޑރ. މުޙައްމަދު ޢަލީ ކޮވިޑް ވެކްސިން ޖައްސަވަނީ-: ފޮޓޯ: ޑރ. މުޙައްމަދު ޢަލީ
އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއްކަމުގައިވާ ޑރ. މުޙައްމަދު ޢަލީ ކޮވިޑް ވެކްސިން ޖައްސަވަނީ-: ފޮޓޯ: ޑރ. މުޙައްމަދު ޢަލީ

ކޮވިޑަށް ފައްސިވީ 4 މަހުގެ ކުއްޖެއް ހޮޑުލަނީ އެހެން ދެކުދިން ނޭވާލާން އުނދަގޫވާތީވެ އެނދުމަތިކޮށްފި

"ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން، އެބަލިން ޝިފާދެއްވުމަށް މާތް ﷲ ގެ ޙަޟްރަތުގައި އެދެމާއެކު އެއިލާހަށް ތަވައްކަލުކުރާ ޙާލު ސަބަބުތަކުގައި ހިފުމުގެ ގޮތުން، ޞިއްޙީ މާހިރުންނާއި ފަންނުވެރިން ކަނޑައަޅުއްވައި ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ތަބާވުން މެނުވީ އަހަރެމެން ޢާންމުންނަށް، ޝަރުޢީ އަދި ޢަޤްލީ ހަމަތަކުން ބެލިނަމަވެސް، އަމުރުވެވިގެން ނުވާނެކަން ކަށަވަރު ނޫންހެއްޔެވެ"

ކޮވިޑް-19 ގެ އައުވައްތަރު ރާއްޖެއިންވެސް ފެނި ބަލިފެތުރުން އަނެއްކާވެސް އިތުރުވެފައިވާ މިދަނޑިވަޅުގައި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މިބަލީގެ ނުރައްކާ ކުޑަކުދިންނަށް ކުރިމަތިވާ މިންވަރު އިތުރުވެއްޖެއެވެ.

މިކަން ހާމަވެފައި މިވަނީ، ކޮވިޑް-19 ބަލި ކުޑަކުދިންނަށް ޖެހެމުންދާ މިންވަރާއި އެބަލީގެ ސަބަބުން އެކުދިންނަށް ދިމާވަމުންދާ ޞިއްޙީ މައްސަލަތަކުގެ މައުލޫމާތާއި ތަފާސްހިސާބު ހާމަކުރަށްވައި ޑރ. ފައިޞަލް މިއަދު ކުރެއްވި ޓްވީޓަކުންނެވެ.

ދައުލަތުގެ ހަސްފަތާލު އައިޖީއެމްއެޗް ގައި މަސައްކަތް ކުރަށްވާ ކުޑަކުދިންގެ ޚާއްޟަ ޑޮކްޓަރު އަޙްމަދު ފައިޞަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި؛ ކޮވިޑު ޖެހިގެން 4 މަހުގެ ތުއްތުކުއްޖަކު ހޮޑުލާން ފަށާފައި ވާއިރު ބައްޔަށް ފައްސިވެފައިވާ އެހެން ދެކުދިން ނޭވާލާން އުނދާގޫވާތީވެ އެނދުމަތިކުރެވިއްޖެ ކަމަށާއި، ތެލަސީމިއާ ކުއްޖެއްގެ އިތުރުން ވިހެއި މަޔަކުވެސް ފައްސިވެފައި ވުމުން ދަރިފުޅު ޓެސްޓް ކުރެވެމުންދާކަމަށެވެ. އަދި ހަމަ އެއް ޢާއިލާއެއްގެ ތިން ކުދިންގެ ތެރެއިން ދެކުދިން ފައްސިވެފައި ވާއިރު، ފައްސިނުވާ ކުއްޖާވެސް އުޅެންޖެހިފައި ވަނީ ފައްސިވެފައިވާ ކުދިންގެ ތެރޭގައި ކަމަށްވެސް ޑރ. ފައިޞަލް ފާހަގަކުރަަށްވާފައި ވެއެވެ.

https://twitter.com/Faisalnaifaru/status/1357544676451049473?s=20

ޑރ. ފައިޞަލްގެ މި ޓްވީޓުން ރާއްޖޭގައި، ޚާއްޞަކޮށް މާލޭ ސަރަޙައްދުގައި، ބަލި ފެތުރެމުންދާ މިންވަރާއި ބަލީގެ ނުރައްކާތެރިކަން އިތުރުވެގެންދާކަން ފާހަގަކުރެވެއެވެ. އަދި ރާއްޖެއަށް މިހިނދު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ މި ތިންވަނަ ރާޅުގައި ފުރާނަތަކެއް "ހޮޅިދަށުލައި" ގެއްލިގެން ހިނގައިދާނެކަމުގެ ރަނގަބީލުގެ އަޑުވެސް އިވޭކަހަލައެވެ.

މުޅި ދުނިޔޭގެ ޙަޔާތްވެސް އެކުލެވިގެންވަނީ އިމްތިޙާނުތަކުގެ މައްޗަށް ކަމަށް ވާއިރު، ބަލި މަޑުކަމަކީވެސް ދުނިޔޭގެ ޙަޔާތުގައި އިންސާނާއާ ކުރިމަތިވާ އިމްތިޙާނެއްކަމަށް ޤަބޫލުކުރުމަކީ ތެދުކަން ކަށަވަރު ޙައްޤުކަމުގައިވާ އަހަރެމެން މުސްލިމުންގެ ޢަޤީދާއެވެ. އަދި އެފަދަ ކަންކަމުގައި ހިމެނޭ މަތިވެރި އިލާހީ ޙިކުމަތްތަކުގެ ތެރޭގައި، އިންސާނާއަށް ކުރެވޭ ކުށްފާފަތަކަށް އުޚްރަވީ ހަޔާތުގައި ވޭންދެނިވި ޢުޤޫބާތެއް ލިބުމުގެ ބަދަލުގައި ދުނިޔޭގައި ކުރިމަތިވާ ބަލިތައް އެކަމުގެ ކައްފާރާއަކަށްވެގެން ދިއުމުގެ އިތުރުން، މާތް ﷲ މިންވަރުކޮށްދެއްވި ފުރިހަމަ ޞިއްޙަތުގެ އަގުބޮޑު ނިޢުމަތުގެ މަތިން ހަނދާންވެގެންގޮސް އެއިލާހުގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތުން އެއިލާހަށް ކިޔަމަންތެރިވުން އިތުރުކުރުމުގެ ސަބަބަކަށް، އެފަދަ ކަންކަން ވެގެން ދިއުންވެސްމެއެވެ.

އިސްލާމް ދީނަކީ އެންމެފުރިހަމަ ދީންކަމުގައިވާ ހިނދުއާއި އަދި ﷲ ސުބްޙާނަހޫ ވަތަޢާލާއަކީ އެންމެ އޯގާވަންތަ އިލާހުކަމުގައި ވާހިނދު، އިމްތިޙާނުކުރެއްވުމުގެ ގޮތުން ބަލިތަައް ލައްވަވާފައި ވީނަމަވެސް، އެބަލިތަކަށް ޝިފާވެސް އެއިލާހު ލައްވަވާފައި ވާނެކަމީ ނަބަވީ އިރުޝާދުގެ ބަޔާންކުރެއްވުމެކެވެ.

ބައްޔަށް ޝިފާއެއްކަމުގައި މާތް ﷲ ލައްވާފައިވާ ފަރުވާ އިންސާނުންނަށް ހޯދައިގަނެވި ތަޖުރިބާ ކުރެވިފައިވާނަމަ ބަލިތަކުން ރައްކާތެރިކޮށްދޭ ސަބެއްގެ ގޮތުގައި އެފަރުވާއެއް ބޭނުންކުރަން ލާޒިމްވާނެކަމީ އިސްލާމީ ޝަރީޢަތުގެ މަޤާޞިދުތަކާއި އަދި ނުޞޫޞުތަކުގެވެސް މަޤްޞޫދު މަފްހޫމުވެސް މެއެވެ.

ވީހިނދު، ފުރާނައަށް ނުރައްކާ ކުރުވަނިވި ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން އެބަލިން ޝިފާދެއްވުމަށް މާތް ﷲ ގެ ޙަޟްރަތުގައި އެދެމާއެކު އެއިލާހަށް ތަވައްކަލުކުރާ ޙާލު ސަބަބުތަކުގައި ހިފުމުގެ ގޮތުން، އަމުރު މައުރޫފް ލިބިގެންވާ ޞިއްޙީ މާހިރުންނާއި ފަންނުވެރިން ކަނޑައަޅުއްވާ ހަމަތަކާ އަދި ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ތަބާވުން މެނުވީ އަހަރެމެން ޢާންމުންނަށް، ޝަރުޢީ އަދި ޢަޤްލީ ހަމަތަކުން ބެލިނަމަވެސް، އަމުރުވެވިގެން ނުވާނެކަން ކަށަވަރު ނޫންހެއްޔެވެ!

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *