Ad
ރިސޯޓެއްގައި މީގެކުރިން މުވައްޒަފުންތަކެއް ކުރި އިޙްތިޖާޖެއްގެ ތެރެއިން 
ރިސޯޓެއްގައި މީގެކުރިން މުވައްޒަފުންތަކެއް ކުރި އިޙްތިޖާޖެއްގެ ތެރެއިން 

އެންމެ މަސައްކަތްތެރިޔަކަށް އިންސާފު ގެއްލުމަކީ އެންމެހައި މަސައްކަތްތެރިންނަށް އިންސާފު ނުލިބުން: ބީކޭއެމްޔޫ

މަސައްކަތްތެރިންނަކީ އެއްބައެއް ކަމަށާއި އެންމެ މަސައްކަތްތެރިޔަކަށް އިންސާފު ގެއްލުމަކީވެސް މުޅި ގައުމުގެ އެންމެހައި މަސައްކަތްތެރިންނަށް އިންސާފު ނުލިބުން ކަމުގައި ދެކޭކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ހާމަކޮށްފިއެވެ.

ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންގެ އިތުރުން އޮޑިވެރިންގެ ހައްގުގައި މަސައްކަތްކޮށް އެފަރާތްތަކުގެ ކަންބޮޑުވުންތަކާއި އަޑުތައް އުފުލުމުގެ ބޭނުމުގައި އުފައްދާފައިވާ މަދަނީ ޖަމާޢަތެއްކަމުގައިވާ ބީކޭއެމްޔޫ އިން މިފަދައިން ހާމަކޮށްފައި މިވަނީ، ކޮންރެޑް މޯލްޑިވްސް އިން ޤަވާޢިދާ ޚިލާފަށް ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ މައްސަލަ އަހަރުތަކަކަށް ފަހުގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ފައިޞަލާކުރަށްވައި ނިންމެވި ނިންމެވުމަށް އިޝާރާތްކޮށް އެނިންމެވުމަކީ ބޭއިންސާފު އަދި ޢަދުލުވެރިކަމެއް ނެތް، ވަކިއަތަކަށް ބުރަވެ ނުފޫޒް ފޯރައި ކޮށްފައިވާ ޙުކުމެއްކަމަށް ބުނެ ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ނެރެފައިވާ ބަޔާން ހިމަނައި މިއަދުގެ ވަގުތެއްގައި ކޮށްފައިވާ ޓްވީޓެއްގައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރުގައި ކޮންރެޑް މޯލްޑިވްސް މުވައްޒަފުންތަކެއް ސާރވިސް ޗާޖު މައްސަލާގައި އެރިސޯޓުގައި އިޙްތިޖާޖުކޮށް އަޑުއުފުލައި މުޒާހަރާކުރުމާ ގުޅިގެން އެކަމުގައި އިސްކޮށް ޙަރަކާތްތެރިވި ކަމަށް ބެލެވޭ 22 މުވައްޒަފަކު ރިޑެންޑަންސީގެ "ޙުއްޖިއްޔަތު" ގައި ވަޒީފާއިން ވަކިކޮށްފައި ވެއެވެ.

އެމުވައްޒަފުން ވަޒީފާއިން ވަކިކުކުރުމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުގައި ވަކާލާތުކޮށް އަޑުއުފުލާ ޖަމިއްޔާ ޓީމްގެ އެހީތެރިކަމާއެކު އެމުވައްޒަފުންގެ ފަރާތުން އެމައްސަލަ ޓްރައިބިއުނަލަށް ހުށައެޅުމުން މުވައްޒަފުންނާއި އެއްކޮޅަށް ޓްރައިބިއުނަލުން ކުރި ޙުކުމް، ކުންފުނީގެ ފަރާތުން ހައިކޯޓުގައި އިސްތިޢުނާފްކުރުމުން ހައިކޯޓުން އެންމެފަހުން ނިންމަވާފައި ވަނީ އެ 22 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ ޤާނޫނާ ޤަވާޢިދާ ޚިލާފަށްކަމަށާއި އެމުވައްޒަފުންނަށް އަނބުރާ ވަޒީފާ ދިނުމަށާއި އަދި އެމުވައްޒަފުންނަކީ ވަޒީފާއިން ވަކިވެފައިވާ ބައެއްކަމުގައި އެއްވެސް ޙާލެއްގައި ނުބެލުމަށެވެ.

ހައިކޯޓުގެ މިޙުކުމް ކްރައުން ކޮމްޕެނީގެ ފަރާތުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި 2018 ވަނައަހަރު އިސްތިޢުނާފްކުރި މައްސަލާއިގެ ޙުކުމް ފާއިތުވެދިޔަ ހަފްތާގައި އިއްވަމުން ސްޕްރީމް ކޯޓުންވެސް ކަނޑައަޅުއްވާފައި ވަނީ، އެމުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން (އެބްސްޓެރެކްޓިވް ފެއަރނަސް) އަދި އިޖްރާއި ޢަދުލުވެރިކަން (ޕްރޮސީޖަރަލް ފެއަރނަސް) ވެސް ނެތްކަމަށާއި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ ކަނޑައެޅިގެން ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށެވެ.

އެހެންނަމަވެސް، ހައިކޯޓުގެ ޙުކުމްގައި ވަޒީފާ އަނބުރާ ދިނުމަށާއި ގެއްލިގެންދިޔަ ދުވަސްތަކުގެ މުސާރަ އަނބުރާ ދިނުމަށް ޙުކުމުގައިވާ ބަޔަށް ސްޕްރީމް ކޯޓުން އިޢުތިރާޟުކުރަށްވައި، ޤާނޫނާ ޚިލާފަށް އެމުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވީނަމަވެސް އަނބުރާ ވަޒީފާ އިޢާދަކުރުމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ޙުކުމްކުރަށްވާފައި ވަނީ، އިންތިހާ ދިގު މުއްދަތެއް ފާއިތުވެގެން ގޮސްފައިވުމުގެ އިތުރުން އެމުވައްޒަފުންނާއި ކުންފުންޏާ ދެމެދު އިތުބާރު ގެއްލިފައިވާތީވެ، އަނބުރާ ވަޒީފާ އިޢާދަކުރުމަކީ ދެފަރާތަށްވެސް އެންމެ މަޞްލަޙަތުހުރި ގޮތްކަމުގައި ނުވާނެކަމަށް ޤަބޫލުކުރެވޭކަމަށް ބުނުއްވައެވެ.

އަދި، ޢަދުލުވެރިކަމެއް ނެތި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ދޭންޖެހޭ ޢަދުލުވެރި ބަދަލެއް ނަގައިދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައި ވަނީ، މުވައްޒަފުން ވަޒީފާއިން ވަކިކުރާއިރު ދިނުމަށް މަޖުބޫރުވާ ނޯޓިސްގެ ބަދަލުގައި ކުންފުނިން ފައިސާ ދީފައިވުމުގެ އިތުރުން ޤާނޫނުން ލާޒިމުނުކުރާ ދެމަސް ދުވަހުގެ މުސާރަވެސް ކުންފުނިން މުވައްޒަފުންނަށް ދީފައި ވާކަން އެނގުމުގެ މައްޗަށް ބިނާކުރަށްވައި، ޢަދުލުވެރިކަން ނެތުމުގެ ބަދަލު ކުންފުނީގެ ފަރާތުން މުވައްޒަފުންނަށް ލިއްބައިދީފައި ވާކަމަށް ޤަބޫލުކުރެވޭކަމަށް ބުނުއްވައެވެ.

ޓީމްގެ އިތުރުން ބީކޭއެމްޔޫ އިން ވެސް ސްޕްރީމް ކޯޓުގެ ޙުކުމާ މެދު ކަންބޮޑުވުން ފާޅުކުރަށްވާފައި ވަނީ، އެމުވައްޒަފުން ވަޒީފާއިން ވަކިކުރީ ޤަވާޢިދާ ޚިލާފަށްކަމަށް ޝަރުޢީ ތިން މަރްޙަލާއިންވެސް އިއްތިފާޤުވާއިރު، އެންމެ ފަހު މަރްޙަލާ ސްޕްރީމް ކޯޓުގެ ޙުކުމުގައި ވަޒީފާ އިޢާދަކުރަން ނުޖެހޭކަމަށް ކަނޑައެޅުއްވި އިރު އެކަނޑައެޅުއްވުން ބިނާކުރަށްވާފައިވާ މައިގަނޑު ސަބުކަމުގައިވާ ވަޒީފާއިން ވަކިކުރުމާއި ޙުކުމްކުރުމާ މެދު ގިނަ ދުވަސްތަކެއް ވެފައިވުމަކީ، މުވައްޒަފުންގެ އިހްމާލަކާއި އަދި އިރާދަތަކާއި ޤުދުރަތުގެވެސް ބޭރުން ހިނގާފައިވާ ކަމަކަށްވާއިރު އެކަމުގެ ސަބަބުން މުވައްޒިފުންގެ ޙައްޤެއް ގެއްލިގެން ދިއުމީ ޤަބޫލުކުރެވޭނެ ކަމަކަށް ނުވާކަމަށް ބުނެކަންވެސް ފާހަގަކޮށްލެވެއެވެ.

އަދިހަމަ މިޙުކުމަކީ ޝަރުޢީ މަރްޙަލާގެ އެންމެމަތީ ހަރުފަތުގެ ނިންމެވުމަކަށް ވުމުން، މީގެ ފަހުން އުފެދޭ މިފަދަ އެންމެހައި މައްސަލަތަކުގައި ވެސް މަރްޖިޢަކަށްވެސް މިޙުކުމުގައި ފާހަގަކުރަށްވައި ނިންމަވާފައިވާ ނުކުތާތަށް ވެގެންދާނެ ހިނދު ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ އެތަކެއް އަސާސީ ޙައްޤުތަކެއް ތަފްޞީލީ ގޮތެއްގައި ބަޔާންކުރެވިފައިވާ ވަޒީފާއާ ބެހޭ ޤާނޫނުން މުވައްޒަފުންނަށް ކަށަވަރުކޮށްދެވިފައިވާ އެންމެހައި ޙައްޤުތައްކުގެ ފޮނިމީރުކަން ސްޕްރީމް ކޯޓުގެ މިޙުކުމުގެ ސަބަބުން ދާއިމަށް ގެއްލުމުގެ ދޮރުހުޅުވިގެން ދިއުމުން ކަންވެސް، ޓީމްގެ ބަޔާންނުން ފާހަގަކުރެވެއެވެ.

ސްޕްރީމް ކޯޓުގެ ނިންމެވުން އަލުން މުރާޖަޢާކޮށްދެއްވުން އެދި ދައުލަތުގެ އެންމެ އިސްވެރިޔާ ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދޭނެކަމަށާއި އަދި މަސައްކަތްތެރިންގެ ޙައްޤުޤައި މަސައްކަތްކުރާ ބައިނަލް އަޤްވާމީ ގޮތުން ނުފޫޒުގަދަ ޖަމާޢަތްތައްކަމުގައިވާ އިންޓަރނޭޝަނަލް ޔޫނިއަން އޮފް ފުޑް، އެގްރިކަލްޗުރަލް، ހޮޓެލް، ރެސްޓޯރަންޓް، ކޭޓަރިން، ޓޮބޭކޯ އެންޑް އެލައިޑް ވޯކާރސް އެސޯސިއޭޝަން (އައިޔޫއެފް) ފަދަ ޖަމާޢަތްތަކުގެ މަދަދާއެކު އދ ގެ ގުނަވަނެއްކަމުގައިވާ އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައިއެލްއޯ) އަށްވެސް މިމައްސަލަ ހުށައަޅުއްވައިގެންވެސް އެމުވައްޒަފުންނާއި ދިވެހި މަސައްކަތްތެރިންގެ ޙައްޤުގައި ކުރަމުންގެންދާ މަސައްކަތްތައް ކާމިޔާބުކުރަން މަސައްކަތް ކުރާނެކަމަށް މިނޫހަށް މައުލޫމަތުދެއްވަމުން "ޓީމުން" ހާމަކޮށްފައި ވޭމެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *