Ad
އިންތިޚާބުތަކާބެހޭ ޤައުމީ ލަފާދޭ ކޮމިޓީއާއެކު އީސީ އިން މިއަދު ބޭއްވި ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް ޝަރީފް ވާހަކަދައްކަވަނީ-: ފޮޓޯ: ލައިވް ފީޑް ސްކްރީން
އިންތިޚާބުތަކާބެހޭ ޤައުމީ ލަފާދޭ ކޮމިޓީއާއެކު އީސީ އިން މިއަދު ބޭއްވި ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް ޝަރީފް ވާހަކަދައްކަވަނީ-: ފޮޓޯ: ލައިވް ފީޑް ސްކްރީން

މެލޭ އަދި ޔޫކޭގައި ފޮށި ނުބަހައްޓަން ނިންމުމާއެކު 2000 އެއްހާ މީހުނަށް ވޯޓު ނުލެވިދާނެކަމުގެ ބިރުހީވެއްޖެ

ކޮވިޑް-19 އާ ގުޅިގެން އަހަރަކަށްވުރެ ގިނަދުވަސް ފަސްވެގެންދާ ލޯކަލް ކައުންސިލް އިންތިޚާބު2020 ގެ ވޯޓުނެގުން އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމަވާފައި ވާގޮތަށް އެއިންތިޚާބު ބާއްވާ ނަމަ މެލޭސިއާގެ އިތުރުން އިނގިރޭސިވިލާތުގައި ވެސް ވޯޓު ފޮށި ނުބެހެއްޓޭނެކަން މިއަދު ކަށަވަރުވެގެން ދިއުމާއެކު އެޤައުމުތަކުގައި ދިރިއުޅެމުންދާ 2000 އެއްހާ ރައްޔިތުންނަށް ވޯޓުނުލެވިދާނެކަމުގެ ބިރު ހީވެއްޖެއެވެ.

ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ މެލޭސިއާގެ އިތުރުން އިނގިރޭސިވިލާތުގައި ވެސް ވޯޓު ފޮށި ނުބަހައްޓާނެކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައި މިވަނީ، އެކޮމިޝަނަށް ލަފާދޭ ޤައުމީ ކޮމިޓީއާއެކު ކޮމިޝަންގެ ފަރާތުން މިއަދު ބޭއްވި ބައްދަލުވުމުގައި ވާކަދައްކަވަމުން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފެވެ.

އީސީގެ ރައީސް ޝަރީފް މިފަދައިން ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އެޤައުމުތަކުގައި މިހާރު ޢަމަލުކުރުމުން ގެންދާގޮތުގެ ސަބަބުން ވޯޓުފޮށި ބަހައްޓައިގެން ވޯޓުލެވޭނެ ގޮތް ހަމަޖެއްސެން ނެތްކަމަށް އެޤައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ޙަވާލާދީ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީން ހާމަކުރުމުންނެވެ.

ޤައުމީ ލަފާދޭ ކޮމިޓީއާއެކު އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި މިބައްދަލުވުމުގައި މިމައުޟޫޢަށް ވާހަކަދައްކަވަމުން ޝަރީފް އިތުރަށް ހާމަކުރެއްވި ގޮތުގައި، މެލޭސިއާގައި 2 ވޯޓުފޮށި ބެހެއްޓުމަށް މީގެ ކުރިން ނިންމާފައި ވާއިރު އެއިން ކޮންމެ ފޮށްޓަކަށްވެސް 700 އެއްހާ މީހުން ރެޖިސްޓްރީ ވެފައި ވާކަމަށާއި، އިނގިރޭސިވިލާތުގައި ބެހެއްޓުމަށް ހަމަޖެހުނު ވޯޓުފޮށްޓަށް ވޯޓުލުމަށް ވެސް 400 އެއްހާ މީހުން ރެޖިސްޓްރީ ކޮށްފައި ވާކަށެވެ. އެހެންނަމަވެސް، އެ ދެޤައުމުގައި ވޯޓުފޮށި ނުބެހެއްޓުމަށް ނިންމެވުމާއެކު ފޮށި ބެހެއްޓޭ ޤައުމަކަށް ދަތުރުކޮށްގެން މެނުވީ އެފަރާތްތަކަށް، އޭޕްރީލް 10 ވަނަ ދުވަހު ބޭއްވޭ މިއިންތިޚާބުގައި ވޯޓު ނުލެވޭނެކަން ވެސް ޝަރީފް ފާހަގަކުރެއްވި އެވެ.

ކޮވިޑް-19 ގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބު2020 އަހަރަކަށްވުރެ ގިނަދުވަސް ފަސްވެގެންދާއިރު އެއިންތިޚާބުގައި ވާދަކުރުމަށް ނިންމަވާފައިވާ 130 އަށްވުރެ ގިނަ ކެނޑިޑޭޓުން މިހާރުވެސް އަނބުރާ ނަންނަގާފައި ވާއިރު، މިމަހުގެ 11 ވަނަ ދުވަހަށް އެފުރުޞަތު އޮތްއިރު މިހާރުވެސް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 25 އަކަށް ކެނޑިޑޭޓުން ނަންނަގަމުން ގެންދާކަމަށް ވެސް އީސީގެ ރައީސް މިއަދު ހާމަކުރަށްވާފައި ވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާ މެދު މިހިނދުވެސް ގިނަ ކަންބޮޑުވުންތަކެއްގެ އިތުރުން ޤަނޫނީގޮތުންވެސް ނުކިއްސަރު ކަންތައްތަކެއް ހުރިކަމުގެ ޝަކުވާތައް މިހިނދުވެސް ކުރެވެމުންދެއެވެ.

އަދިހަމަ، ރިޔާސީ އިންތިޚާބާއި މަޖްލިސް އިންތިޚާބާ ވެސް ޚިލާފަށް ލޯކަލް ކައުންސިލް އިންތިޚާބަކީ މަދު އަދެދެއްގެ ރައްޔިތުންގެ މައްޗަށް އެކުލެވޭ ވޯޓިންގ ރެޖިސްޓްރީއެއްގައި ހިމެނޭ ފަރާތްތަކަކުން ވޯޓުލައިގެން ރަށްފުށުގެ ކައުންސިލްތަކަށް ވެސް މީހުން އިންތިޚާބުކުރެވޭނެ އިންތިޚާބަކަށް ވާއިރުއާއި، މިހާތަނަށް ބޭއްވުނު ކައުންސިލް އިންތިޚާބުތަކުގައިވެސް އެންމެ ވޯޓަކަށް ނަތީޖާ ބަރޯސާވާ ގިނަ ދާއިރާތަކެއް ހުރުމާއެކު، އެންމެ މީހަކަށް ވެސް ވޯޓުލުމުގެ ޙައްޤު މަޙްރޫމްވެގެންދާ ގޮތަށް މި އިންތިޚާބު ބޭއްވިއްޖެ ނަމަ، އިންތިޚާބުގެ ވޯޓުނަގައި ނަތީޖާ އިޢުލާނުކުރުމަށް ފަހުގައި ވެސް އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެވަރުގެ ޝަކުވާތަކާއި ޙުއްޖިއްޔަތުތަކާއެކު ކޯޓުކޭސްތަކަށް ދިއުމުގެ ފުރުޞަ އޮންނާނެ ހިނދު، 2000 އެއްހާ މީހުނަށް ވޯޓުލުމުގެ ފުރުޞަތު ގެއްލިގެންދާ ގޮތަށް މިއިންތިޚާބު ކުރިއަށް ގެންގޮސްފި ނަމަ އީސީއަށް ފަހުން ކުރިމަތިވެދާނެ ގޮންޖެހުންތައްވެސް އިންތިހާއަށް ބޮޑުވެދާނެކަމަށް ލަފާކުރެވެއެވެ.

އެހެނީ އެފަދަ މައްސަލައެއް ކޯޓަކަށް ހުށައެޅިއްޖަ ނަމަ، ވޯޓު ދިނުމުގެ ޙައްޤު ހިފެހެއްޓުނީ ނުވަތަ ހަނިކުރެވުނީ ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް އަދި ދިމިޤްރާތީ މުޖުތަމަޢުގައި އެފަދަ ޙާލަތެއްގައި އެޙައްޤު ހިފެހެއްޓިފައިވާ ބީދައިންކަން ޝަރީޢަތައް ސާބިތުކޮށްދިނުމުގެ ބުރަ އިލެކްޝަންސް ކޮމިޝަން ނުވަތަ ދައުލަތުން އެޙާލަތުގައި އުފުލަންޖެހޭނެ ހިނދުވެސްމެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *