ހާލު ދެރަވެގެން ރޭ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ދެ މީހަކު ނިޔާވުމުން ހެދި ޓެސްޓްތައް ކޮވިޑްއަށް ޕޮޒިޓިވް ވެއްޖެއެވެ.
ރޭ ފުރަތަމަ ނިޔާވީ އައިޖީއެމްއެޗަށް ގެންދިޔަ އުމުރުން 78 އަހަރުގެ އަންހެނެކެވެ. އޭނާ ނިޔާވުމަށްފަހު ކޮވިޑް-19 އަށް ޓެސްޓް ކުރުމުން ނަތީޖާ ވަނީ ޕޮޒިޓިވް ވެފައެވެ. އެޗްޕީއޭއިން މިހާރު ވަނީ އެއީ ކޮވިޑް މަރެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.
ދެ ވަނައަށް ނިޔާވެފައިވަނީ 59 އަހަރުގެ މީހެކެވެ. އޭނާވެސް ރޭ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައީ ހާލުދެރަވެގެންނެވެ. އޭނާ ނިޔާވެގެން ކޮވިޑް-19 އަށް ޓެސްޓް ހެދި އިރު ނަތީޖާ ވަނީ ޕޮޒިޓިވް ވެފައެވެ. ނަމަވެސް އެއީ ކޮވިޑް މަރެއްގެ ގޮތުގައި އަދި ކަނޑަނާޅައެވެ.
މިއީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19ގައި ނިޔާވި ދެ ވަނަ މީހާއެވެ.
ރާއްޖެއިން މި ބަލީގައި 57 މީހުން ވަނީ ނިޔާވެފައެވެ. މިހާރު އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 200 އަށް ވުރެ މައްޗަށް އަރައެވެ. އޭގެ ތެރެއިން ތިން މީހުންނަށް ފަރުވާދެމުން ދަނީ އައިސީޔޫގައެވެ. މިއީ ރާއްޖޭގައި ކޮވިޑްގެ އެންމެ ނުރައްކާ ހާލަތުކަމަށް އެޗްޕީއޭއިން ބުނެއެވެ.