Ad

ކޮމިޝަންގެ އިސްނެގުމުގެ މަތިން 17 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށް ޖޭއެސްސީން ނިންމައިފި

ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޤާނޫނީ ބާރު ދެވިގެންވާ ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ގެ އަމިއްލަ އިސްނެގުމުގެ މަތިން، ރާއްޖޭގެ ތަފާތު ކޯޓުތަކުގެ 17 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށް އެކޮމިޝަނުން ނިންމައި ފިއެވެ.

ޖޭއެސްސީން މިކަން ހާމަކޮށް ޢާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ސުލޫކީ މައްސަލަ ބެލުމަށް އެކޮމިޝަނުން ނިންމާފައިވާ ފަނޑިޔާރުންގެ ތެރޭގައި، ސްޕީރިއަރ ކޯޓުތަކުގެ 2 ފަނޑިޔާރަކާއި އަދި ދަށު ކޯޓުތަކުގެ 15 ފަނޑިޔާރެއް ހިމެނެއެވެ.

އެގޮތުން، ސްޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، ސިވިލް ކޯޓުގެ ޤާޞީ އަލްއުސްތާޛް އާދަމް އިބްރާހީމް އިސްމާޢީލް އާއި އަދި ޑްރަގް ކޯޓުގެ ޤާޞީ އަލްއުސްތާޛް ޙުސައިން ޝަހާމަތު މާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމަވާފައި ވެއެވެ.

ޖޭއެސްސީން މައްސަލަ ބެލުމަށް މިހިނދު ނިންމެވި ދަށު ކޯޓުތަކުގެ މެޖިސްޓްރޭޓުންނަކީ، ޅ.ކުރެންދޫ މެޖިސްޓްރޭޓްކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް ޙުސައިން އިބްރާހީމް އާއި،. ދ.މީދޫ މެޖިސްޓްރޭޓްކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ ޝަފީޤު ގެ އިތުރުން އެއަތޮޅު ބަނޑިދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ޢާމިރާއި، މ. މުލީ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ޝަރީފާއި، .ކ. ދިއްފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު އަޙްމަދާއި އެއަތޮޅު ގުޅީ މެޖިސްޓްރޭޓްކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް ޙައްމާދު ނަސީމް ޢަލީއާއި، ލ. ކުނަހަންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުލް މަޖީދާއި، ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ޝަރީފާއި، ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޙަސަންމަނިކާއި، ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ސަޢީދު ޢަލީއާއި، އެއަތޮޅު ހެނބަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޝަރީފާއި، ރ. ވާދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް ނަޛީރު މުޙައްމަދާއި، ރ. އުނގޫފާރު އިސް މެޖިސްޓްރޭޓް އަލްއުސްތާޛް މުޙައްމަދު ޞާދިޤު ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި، އަދި ރ. ކިނޮޅަސް މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އިބްރާހީމް ޒާހިރެވެ.

ޖޭއެސްސީން ހާމަކޮށްފައިވާ ގޮތުގައި މި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ އިޖްމާލީ ސަބަބަކީ، ކޮމިޑް-19 ޕެންޑަމިކާ ގުޅިގެން ރައްޔިތުންނަށް ކޯޓުތަކުން ލިބޭ ޚިދުމަތްތައް މެދުނުކެނޑޭ ގޮތަށް ޚިދުމަތް ދިނުމަށް އަންގަވާފައިވާ އެންގެވުންތަކާ ޚިލާފަށް ޢަމަލުކޮށްފައި ވާކަން އެކޮމިޝަނަށް ފާހަގަވެގެން ދިއުމެވެ.

އެގޮތުން، ކޮވިޑް-19 އާ ގުޅިގެން ސުޕްރީމްކޯޓުން ނެރުއްވާފައިވާ 3 ސާކިޔުލާއަކާއި، އެ ކޮމިޝަނުން ޢާންމުކޮށްފައިވާ "އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާގުޅޭ ގޮތުން ފަނޑިޔާރުން އަމަލުކުރައްވަންޖެހޭ ޚާއްޞަ އުޞޫލުތައް" އާއި، އަދި ކޮވިޑް-19 އާ ގުޅިގެން ކަނޑައެޅޭ އައު ޢާންމު ޙާލަތުގައި ޝަރުޢީކޯޓުތަކާއި، އިދާރާތަކުގައި މަސައްކަތްކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި، މުވައްޒަފުން ޢަމަލުކުރަންޖެހޭ ގޮތުގެ އުޞޫލުތަކާ، ޚިލާފަށް ޢަމަލުކޮށްފައިވުން ހިމެނެއެވެ.

އަދި، އެ 17 ފަނޑިޔާރުންގެ ކިބައިން ފާހަގަކުރެވުނު މުޚާލަފާއާ ގުޅިގެން އެފަނޑިޔާރުންތަކުގެ ސުލޫކީ މައްސަލަ ބަލަން ފެންނަކަމަށް "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ނިންމާފައިވާތީވެ އެމައްސަލަތައް ތަހުގީގުކުރުމަށް ތަޙްޤީޤު ކޮމިޓީއެއް އެކުލަވާލުމަށްވެސް އެކޮމިޝަނުން ނިންމާފައި ވާކަމަށްވެސް ހާމަކޮށްފައި ވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *