މާލޭގައި ކޮވިޑް-19 ގެ ބަލިމަޑުކަން ވަރަށް ބޮޑަށް ފެތުރިގެން އަންނަ އިރު، މާލޭގެ ހާލަތު މިހާރު އޮތީ ފުރަބަންދު ކުރާ ހާލަތެއްގައި ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ޓުއާ އެޖެންސީތަކާއި ޓުއާ އޮޕަރޭޓަރުންގެ ޚާއްސަ ގާނޫނު އެކުލާވާލުމަށް މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ މަސައްކަތު ބައްދަލުވުމުގައި މިނިސްޓަރު ނަސމް ވިދާޅުވީ މާލޭގެ ހާލަތު ފުރަބަންދު ކުރަން ޖެހޭ ހާލަތެއްގައި އޮތް ނަމަވެސް ވީހާވެސް ބޮޑަކަށް މަސައްކަތް ކުރަމުން ދަނީ ފުރަބަންދަކަށް ނުގޮސް ހިފެހެއްޓުމަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަތޮޅުތެރޭގައި އަދި ރިސޯޓުތަކުގެ ހާލަތަށްވުރެ މާލޭގެ ހާލަތު ކަންބޮޑުވާ ވަރަށް ގޯސްވެފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ.
މިނިސްޓަރު ނަސީމް ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް މާލޭގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ގޮތުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް އިތުރަށް ހަރުދަނާ ކުރުމާއި ޓީވީ ޕްރޮގްރާމްތައް މެދުވެރިކޮށް ރައްޔިތުން އިތުރަށް ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.
މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކު، މާލެ ލޮކްޑައުން ކުރީ އޭޕްރީލް 15 ވަނަ ދުވަހުއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރ އަދި ޑިސެމްބަރު މަހު ކޮވިޑް ކޭސްތައް މަދުވި ނަމަވެސް ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވީ މިދިޔަ ޖެނުއަރީ މަހުއެވެ. ޖެނުއަރީ މަހު ކޮވިޑްގެ ހާލަތު ގޯސްވީ ސްކޫލްތައް ހުޅުވުމަށް މާލެއަށް މީހުން ޖަމާކުރުމުން ކަމަށް ސިއްޚީ ބައެއް ތަޖުރިބާކާރުން ބުނެއެވެ.