ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވި 162 މީހުންނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޢަދަދު 20 ހާހުން މައްޗަށް ހިނގައްޖެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 20،144 އަށް އަރާފައެވެ.
އެޗް.ޕީ.އޭއިން ބުނީ އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 6:00 އާއި ހަމައަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވީ 162 މީހުން ކަމަށެވެ. މީގެތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 132 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 13 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 19 މީހުންގެ އިތުރުން ސިނާޢީ ރަށްރަށުން ޕޮޒިޓިވްވި މީހެކެވެ.
ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 127 މީހުން ވަނީ ވޭތުވެދިޔަ ގަޑިއިރުތެރޭގައި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 17،470 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،605 މީހުންނެވެ.