އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިއްޔެ ކުރި މުޒާހަރާ ތެރެއިން ހައްޔަރު ކުރި މީހުން ޖޫރިމަނާކުރުމަށްފަހު ދޫކޮށްލައިފިއެވެ.
މިމުޒާހަރާ ތެރެއިން 39 މީހުން ހައްޔަރުކުރިއެވެ. ހައްޔަރުކުރި މީހުންގެ ދިފާއުގައި މަސައްކަތްކުރި ޤާނޫނީ ވަކީލަކު ބުނީ ފުލުހުން އެމީހުން ދޫކޮށްލީ ކޮންމެ މީހަކު 1000 ރުފިޔާއިން ޖޫނިމަނާ ކުރުމަށްފަހުގައި ކަމަށެވެ.
ފުލުހުން އަންނަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާއި އަންގާފައި ވާ އެންގުމާ ހިލާފުވާ ފަރާތްތަކަށް 1000 ރުފިޔާއިން ޖޫރިމަނާ ކުރަމުންނެވެ. އެއީ އެޗްޕީއޭގެ އެންގުމާ ހިލާފުވާ ފުރަތަމަ ފަހަރު އަމަލުކުރާ އުސޫލުގައި އޮންނަ ގޮތެވެ. ނަމަވެސް ތަކުރާރުކޮށް އުސޫލުތަކާ ހިލާފުވާ ނަމަ ޖޫރިމަނާ ބޮޑުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
އިއްޔެ އިދިކޮޅުން މުޒާހަރާ ކޮށްފައި ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ގްރޫޕް ހަދައިގެންނެވެ. މާލޭގެ އެކި ސަރަހައްދުތަކަށް މުޒާހަރާގެ ބައިވެރިން ނިކުތީ، އާންމުކޮށް އެމީހުން މުޒާހަރާތައް ބާއްވާ، ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދާއި، އެ އޮފީހަށް ދާން އޮތް ހުރިހާ މަގެއް ފުލުހުން ބަންދު ކޮށްފައި ވަނިކޮށެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެއްވުންތަކާއި މުޒާހަރާތައް އަދި ޖަލްސާތަކާއި ހަފްލާތައް ބޭއްވުން މަނާކޮށްފައެވެ. އަދި މާލޭ މަގުމައްޗަށް އެއްފަހަރާ ނިކުމެ އުޅެވޭނީ ގިނަވެގެން 5 މީހުންނަށް ކަމަށް ވަނީ ނިންމާފައެވެ.