Ad

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އައްޑޫސިޓީން ހައްޔަރުކުރި މީހުންގެ ބޭސް ފަރުވާއާމެދު އިހުމާލުވާ ކަމުގެ ޝަކުވާ!

އައްޑޫސިޓީ ކަނޑުތެރެއިން ފުލުހުން އަތުލި ޑްރަގްގެ ބޮޑު މައްސަލާގެ ބަންދުމުރާޖަޢާކުރުމުގެ އަޑުއެހުމުގައި ދަޢުވާ ލިބޭ ފަރާތްތަކުގެ ބޭސް ފަރުވާއާމެދު އިހުމާލުވާކަމުގައިބުނެ ޝަކުވާ އޮއްސާލައިފިއެވެ.

މިދިޔަ އަހަރު ފަހުކޮޅު އައްޑު އަތޮޅު ހިތަދޫ ކަނޑުތެރެއިން ފުލުހުން ހިންގި މަސްތުވާތަކެތީ ބޮޑު އޮޕަރޭޝަނެއްގައި އަތުލައިގަތް ގިނަ ޢަދަދެއްގެ މަސްތުވާތަކެތީގެ މައްސަލާގައި ދަޢުވާކޮށްފައިވާ ފަރާތްތަކުގެ ބަންދު މުރާޖަޢާކުރުމުގެ އަޑުއެހުމުގައި، ބަންދުގައި ތިބި ދަޢުވާލިބޭ މީހުންގެ ބޭސް ފަރުވާއާމެދު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން އިހުމާލުވާކަމުގައިބުނެ އެފަރާތްތަކުން ޝަކުވާކޮށްފިއެވެ.

ދައުލަތުން އެމައްސަލާގައި 6 މީހެއްގެ މައްޗަށް އައްޑޫސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ. ޖިނާޢީ އިޖުރާއާތުގެ ޤާނޫނަށް ގެނެވުނު ފުރިހަމަ އިޞްލާޙުތަކާއެކު، ޤާނޫނުގައިވާ ފަދައިން ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުގައިތިބޭ ފަރާތްތަކުގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރަންޖެހެއެވެ. މިފަދައިން މުރާޖަޢާކުރުމުގެ މައިގަނޑު ބޭނުމަކީ، ބަންދުގައި ހުންނަ މީހާގެ ޙާލަތު ދެނެގަނެ ވަޒަންކުރުމެވެ. ސަބަބަކީ، ޝަރީޢަތްތަށް ނުނިމި ދިގުލައިގެންދިޔުމާއެކު، ޤާނޫނީ ގޮތުން ބަންދުގައި ހުންނަ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ޙައްޤުތަށް ރައްކާތެރިކުރުމަށެވެ.

އައްޑޫސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި އިއްޔެ ހެނދުނު ބޭއްވި ބަންދު މުރާޖަޢާކުރުމުގެ އަޑުއެހުމުގައި، ބަންދުގައި ތިބި ފަރާތްތަކުންވަނީ، ޞިއްހީ ގޮތުން އެފަރާތްތަކަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ޝަކުވާ ކޯޓާއި ޙިއްސާކޮށްފައެވެ. ދައުލަތުން ބުނެފައިވަނީ، އެފަރާތްތަކުގެ ޞިއްޙީ މައްސަލަތަކަށް ބޭސްފަރުވާކުރަމުން އަންނަ ކަމަށެވެ. ދަޢުވާލިބޭ ފަރާތެއްގެ ދިފާޢީ ވަކީލު ޝަޛީމު ވަޙީދު ކޯޓުގައި ބުނެފައިވަނީ، ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުގައިތިބޭ މީހުންގެ ތެރެއިން ސީރިޔަސް ޙާލަތުގައި ތިބޭ ބަލި މީހުން ޚާއްޞަ ޑޮކްޓަރުންނަށް ދައްކަންޖެހިއްޖެ ހިނދަކު، އެޕޮއިންޓްމެންޓް ހަމަޖެހުމުގައި ވަކި ޚާއްޞަ އިސްކަމެއް ދިނުމެއް ނޯންނާތީ، އެމީހުންނަށް ރަނގަޅު ފަރުވާ ލިބުން ލަސްވެ މީހާ ނުރައްކަލަށް ހުށަހެޅުމަށް މަގުފަހިވެގެންދެއެވެ.

މިފަހުން، ދިވެހިރާއްޖޭގެ ހައިކޯޓުންވަނީ ބަންދުގައި ހުންނަ މީހެއްގެ ބޭސް ފަރުވާއާމެދު ޢަމަލުކުރަންޖެހޭނެ ފުރިހަމަ އުޞޫލުތަކެއް އެކޯޓުން ނިންމި ޤަޟިއްޔާތަކެއްގައިވަނީ ކަނޑައަޅާފައެވެ. މިއުޞޫލުތަކަށް ބަލާއިރު، ބަންދުގައި ހުންނަ މީހެއްގެ ބޭސް ފަރުވާއާމެދު ޤަޞްދުގައި އިހުމާލުވެއްޖެނަމަ، ބަންދުން ދޫކޮށްލުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *