Ad

ޗެމްޕިއަންސް ލީގު: އެއް ކުޅުންތެރިޔަކު މަދުން ކުޅުނު ޕޯޓޯއިން ޔުވެންޓަސް ކަޓުވާލައިފި

ޕޯޓޯއަށް ކުރި ލިބުނީ ރަށުން ބޭރުގައި ޖެހި ލަނޑުން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޔުވެންޓަސް ކަޓުވާލުމަށްފަހު މުބާރާތުގެ ކުއާޓާ ފައިނަލަށް ޕޯޓޯ ދަތުރުކޮށްފިއެވެ.

ޕޯޓޯއިން ކުއާޓާއިން ޖާގަ ހޯދީ މުބާރާތުގެ ދެވަނަ ބުރުގައި ކުޅުނު ދެމެޗުން އަވޭ ގޯލުން ކުރި ހޯދައިގެންނެވެ. ރޭ ކުޅުނު ދެވަނަ ބުރުގެ ދެވަނަ ލެގުން އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއަކުން ޔުވެންޓަސް މޮޅުވި ނަމަވެސް، ރަށުން ބޭރުގައި ފުރަތަމަ ލެގުން ޔުވެންޓަސް ވަނީ 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެއާއެކު އެގްރިގޭޓް ނަތީޖާއިން 4-4 ން ދެ ޓީމު އެއްވަރުވި ނަމަވެސް، ޕޯޓޯއަށް ކުރި ލިބުނީ ރަށުން ބޭރުގައި ޖެހި ލަނޑުންނެވެ.

ރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޕޯޓޯއިންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާޖިއޯ އޮލިވޭރާއެވެ. މިއީ އޭރިއާ ތެރެއިން ޕޯޓޯގެ މަހުދީ ތަރޭމީއަށް ޔުވެންޓަސްގެ މެރީހް ޑެމައިރަލް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. ޔުވެއްޓަސްއަށް އެއްވަރުކޮށްދިނީ 49 ވަނަ މިނެޓުގައި ފެޑެރީކޯ ކިއޭސާއެވެ.

މި މެޗްގެ 54 ވަނަ މިނެޓުގައި ޕޯޓޯގެ އީރާން ފޯވާޑު ތަރޭމީއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ވަނީ ދައްކާފައެވެ. ޕޯޓޯގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، މެޗުގެ 63 ވަނަ މިނިޓްގައި ކިއޭސާ ވަނީ އޭނާގެ 2 ވަނަ ގޯލާއެކު ޔުވެންޓަސްއަށް ލީޑު ނަގައިދީފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، އެގްރިގޭޓުން ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެފައެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފުގައި އޮލިވޭރާ ވަނީ ހިލޭ ޖެހުމަކުން ޕޯޓޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް އޭގެ ދެ މިނެޓް ފަހުން އޭޑްރިއަން ރަބިއޯ ވަނީ ލަނޑެއް ޖަހާ ނަތީޖާ 2-3 އަަށް ބަދަލުކޮށްލާފައެވެ. ނަމަވެސް 2 ލެގްގެ އެގްރިގޭޓުން ޔުވެންޓަސް ވަނީ މުބާރާތުން އަލްވަދާޢު ކިޔާފައެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުންވެސް އެ ޓީމު ކެޓީ ދެވަނަ ބުރުންނެވެ.  އެ ފަހަރުވެސް ޔުވެންޓަސްގެ މައްޗަށް ލިޔޯން ކުރިހޯދީ ރަށުން ބޭރުގައި ޖެހި ލަނޑުގެ ތަފާތުންނެވެ.

ޗެމްޕިއަންސް ލީގަކީ ޔުވެންޓަސްއިން އެންމެ ބޭނުންވާ ތައްޓެވެ. ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ބޮޑުއަގުގައި ޔުވެސްޓަސްއަށް ގެންދިޔައީވެސް މިތަށި ކާމިޔާބުކުރުމުގެ ބޭނުމުގައެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން އެޓީމަށާއި ރޮނާލްޑޯއަށް ވަނީ ފާޑުކިޔުން އަމާޒުވާން ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *