ކަރަންޓީން ނުވެ ކެމްޕެއިނަށް ރަށްރަށަށް ދެވޭގޮތަށް އެޗްޕީއޭއިން ހަމަޖައްސައިފިއެވެ.
މިގޮތުން ކަރަންޓީން ނުވެ މާލެއިން ރަށްރަށަށް ދަތުރު ކުރާ ފަރާތްތަކުން 5 ދުވަހަށް ވުރެ ދިގުނުވާނެ ގޮތަކަށް ވަނީ ގައިޑްލައިން ބަދަލު ކޮށްފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތާއީދު ހޯދުމަށް ކެމްޕޭން ކުރުމަށް 5 ދުވަހަށްވުރެ ދިގުނޫން ގޮތަކަށް ދަތުރު ކުރެވޭނެ ކަމަށެވެ. އަދި މި ދަތުރުގައި ކެންޑިޑޭޓާއެކުގައި ނުވަތަ ކެންޑިޑޭޓް ކަނޑައަޅާ 5 މީހުނަށްވުރެ އިތުރުނުވާ ޢަދަދަކަށް މީހުން ބައިވެރިކުރެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
އަދި 5 ދުވަހަށްވުރެ ދިގު މުއްދަތަށް ދަތުރުކުރާނަމަ 10 ދުވަހުގެ މުއްދަތަށް ކަރަންޓީންވާން ޖެހޭނެ ކަމަށާއި، އަދި ކަރަންޓީނުވުމުގެ އުސޫލާ އެއްގޮތަށް ޢަމަލު ކުރަންވާނެކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
ކެމްޕެއިނަށް ދަތުރުކުރުމުގެ ކުރިން ކެންޑިޑޭޓުން އަދި ކެންޑިޑޭޓުންގެ ފަރާތުން ދަތުރުކުރާ މީހުން އެކަމަށް ހުއްދަ ހޯދަންޖެހެއެވެ. މިއުޞޫލުގެ ދަށުން ދަތުރުކުރެވޭނީ ދަތުރުކުރާދުވަހުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީ.ސީ.އާރ ޓެސްޓުގެ ނެގެޓިވް ނަތީޖާ އޮވެގެން ކަމަށްވެސް އުސޫލުގައި ވެއެވެ.
ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ޢަމަލު ކުރަންޖެހޭ ގޮތް އެޗް.ޕީ.އޭއަށް އީމެއިލުން ދީފައިވާ ހުއްދަ ރަށަށް ފުރުމުގެ ކުރިން ކައުންސިލާ ހިއްސާ ކުރަންޖެހެއެވެ.
އެޗްޕީއޭގެ މި ނިންމުމާއި ގުޅިގެން އާންމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.