ަޙްޤީޤު މަރުޙަލާގައިދީފައިވާ އިޢުތިރާފު ބަޔާނަށް ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކުރާކުރުމުން، އިންކާރުކުރާ ޙާލަތުގައި އިޢުތިރާފު ބަޔާނަށް ބާރުދޭ އެއްވެސް ކަމެއް ދައުލަތަށް ސާބިތުކޮށްދެވިފައިނުވާތީ، ދައުލަތުން މީހެއްގެ މައްޗަށް ކުރިމިނަލް ކޯޓުގައި ދަޢުވާކުރި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށް ސާބިތުނުވާކަމަށް ކަނޑައަޅައި ޙުކުމް ކޮށްފިއެވެ.
ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ، މާލޭ ނޯތު ހާބަރު ފަޅުތެރޭގައި އޮތް ފުރުޞަތު ބޯޓުގެ ވެރިފަރާތުގެ ހުއްދަނެތި އެބޯޓަށް އަރާފައިވާތީކަމުގައި ދައުލަތުގެ ވަކީލު ބުނެއެވެ.
ދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ޖުމްލަ 3 ޝަފަހީ ހެކިން ހުށަހެޅިއެވެ. އެހެން ނަމަވެސް، ދައުލަތުގެ ހެކިންގެ ހެކިބަހުގައި ކުށް ސާބިތުވާ މިންވަރަށް ހެކިބަސް ލިބިފައިނުވާކަމަށާއި އަދި ދައުލަތުގެ ހެކިންގެ ހެކިބަހުގައި، ސުވާލު އުފެދޭ އެތަކެއް ކަމެއް ހުރިކަމަށް މި މައްސަލައިގެ ދިފާޢީ ވަކީލު ފާހަގަކުރެއްްވިއެވެ.
އިރުވަރު ނޫހާއި ވާހަކަ ދައްކަމުން، ދަޢުވާލިބުނު ފަރާތުގެ ޤާނޫނީ ވަކީލު ޝަޛީމު ވަޙީދު ވިދާޅުވީ، ކުށް ސާބިތުވޭތޯ ކަނޑައެޅުމުގައި 02 ކަމެއް ކުށުގެ ޢަމަލުގައި ފުރިހަމަވޭތޯ ބަލަންޖެހޭނެއެވެ. އެއީ، ދަޢުވާގެ ޞީޣާގައި ބަޔާންކޮށްފައިވާ، ތާރީޚާއި، ވަގުތުގައި، ދަޢުވާގައި ބަޔާންކޮށްފައިވާ ބޯޓަށް ދަޢުވާލިބުނު ފަރާތުން އެރިކަމާއި، އަދި އެބޯޓަށް އަރާފައިވަނީ، ބޯޓުގެ ވެރިފަރާތުގެ ހުއްދަނެތިކަމެވެ. ދައުލަތުގެ ހެކިންގެ ހެކިބަހުގައި، މީގެން އެއްވެސް ކަމެއް ސާބިތުކޮށްދެވިފައިނުވެއެވެ.
"ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ ދަށުން ކުރެވޭ ދަޢުވާތަކުގައި އެޤާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހިނދު، ޤަބޫލުކުރެވޭނެ ކަންކަން ކަމުގައި އެ ޤާނޫނުގައި ބަޔާންކޮށްފައިވާކަމެއް ނެތް ހިނދު، ކުށުގެ ކޮންމެ ރުކުނެއް ސާބިތުކޮށްދެވިގެން މެނުވީ އެއްވެސް މީހެއްގެ މައްޗަށް ކުށެއް ސާބިތުނުކުރެވޭނެ." ޖިނާޢީ ބޮޑެތި މައްސަލަތަކުގައިވެސް ވަކާލާތު ކުރައްވަމުން ގެންދަވާ މަޝްހޫރު ޤާނޫނީ ވަކީލު ޝަޛީމު ވަޙީދު ވިދާޅުވިއެވެ.
ދަޢުވާލިބޭ މީހާ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފު ފިޔަވައި، އެހެން އިޢުތިރާފު ތަކަކީ ހެއްކެތްކަމުގައި ނުބެލެވޭނެކަމުގައި ޤާނޫނު އަސާސީގެ 52 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ. މީގެ ކުރީގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމި 2011 ވަނަ އަހަރުގެ 23 ވަނަ ނަންބަރު ޤަޒިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަކީވެސް، ޝަރީޢަތުގެ މަޖިލީހުން ބޭރުގައި، ތަޙްޤީޤުކުރާ ފަރާތުގެ ކުރިމަތީގައި ދަޢުވާލިބޭ މީހާ ވެފައިވާ އިޢުތިރާފަކީ، ހަމައެކަނީ އޭގެ މައްޗަށް ބިނާކޮށް ޖިނާޢީ ކުށެއް ސާބިތުނުކުރެވޭނެކަމުގައި ބަޔާންކޮށްފައިވެއެވެ.