Ad

އަނަސްގެ މަރުގެ މައްސަލާގައި ދަޢުވާލިބޭ ޖުނައިޙުގެ ބޭސް ފަރުވާއާމެދު ބޮޑެތި އިހުމާލުތަކެއް!

ލިޓަސް ސަރވިސް ސެންޓަރ ތެރޭގައި އަނިޔާވެރިކޮށް މަރާލި މުޙައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދަޢުވާލިބޭ ޖުނައިޙް ޢަބްދުﷲ ގެ ބޭސް ފަރުވާއާމެދު، ކަންބޮޑުވުންތަކެއް ކުރިމިނަލް ކޯޓުގައި އޭނާގެ ފަރާތުން ފާހަގަކޮށްފިއެވެ.

އޭނާގެ ފަރާތުން މިކަން ފާހަގަކުރީ ދައުލަތުގެ ސިއްރު ހެކިންގެ ހެކިބަސް ނެގުމަށާއި ބަންދު މުރާޖަޢާކުރުމަށްޓަކައި ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައެވެ. އެކޯޓުގައި ބޭއްވި އަޑުއެހުމުގައި، ސިއްރު އެއްވެސް ހެއްކަކު ކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ހެކިންގެ ހެކިބަސް ނެގިފައިނުވެއެވެ.

ބަންދު މުރާޖަޢާކުރުމާއި ގުޅޭގޮތުން، ލިބުނު ފުރުޞަތުގައި ޖުނައިޙުގެ ފަރާތުން ބުނެފައިވަނީ، ޖުނައިޙުއަކީ ލޮލުގެ އޮޕަރޭޝަނެއްކޮށްފައިވާ ފަރާތެއްކަމަށާއި، "ޑަސްޓް ފްރީ" މާޙައުލެއްގައި ދިރިއުޅުމަށް ޑޮކްޓަރުންލަފާދޭ ކަމަށެވެ. ލޮލުގެ އޮޕަރޭޝަނަށްފަހުގައި އަދިވެސް އެކަށީގެންވާ ގޮތެއްގައި ލޮލަށް ފަރުވާ ނުކުރެވޭކަމުގައި ޖުނައިޙު ޢަބްދުﷲ ގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. އަދި، ޖަލުތަކަކީ ޑަސްޓް ފްރީ މާޙައުލެއްތޯ ޖުނައިޙުވަނީ ދައުލަތާއި ސުވާލުކޮށްފައެވެ. ދައުލަތުން ބުނެފައިވަނީ، ޖުނައިޙް ޖަލުގައި ބަހައްޓާފައިވަނީ އެކަށީގެންވާ މާޙައުލެއްގައިތޯ ކަށަވަރުކުރާނެ ކަމަށެވެ.

ޤާނޫނު އަސާސީ ބުނާގޮތުން، އެކަށީގެންވާ ގޮތެއްގައި ބޭސް ފަރުވާކުރުމަކީ އަސާސީ ޙައްޤެކެވެ. ކަރެކްޝަނަލް ސަރވިސަސްގެ ކަމާގުޅޭ ޤަވާޢިދުތަކަށް ބަލާއިރުވެސް، އެކަށީގެންވާ ފަރުވާ ބަރާބަރަށް ބަންދުގައި ތިބޭ މީހުންނަށް ދިނުމަކީ ލާޒިމުކަމެވެ. މިފަހަކަށް އައިސް، ބޮޑެތި ޞިއްޙީ މައްސަލަތަކާއި، އޮޕްރޭޝަންކުރުމަށް ޑޮކްޓަރުން ލަފާދީފައިވާ މީހުންގެ ބަންދުގެ މައްސަލަތަކުގައި، ވަރަށް ހޫނުކޮށް ޝަރީޢަތުގެ މަޖިލިސްތަކުގައިވަނީ ބަހުސްކުރެވިފައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތުން، ބަންދުގައި ތިބޭ މީހުން ބައިތިއްބަންޖެހެނީ އެކަށީގެންވާ ރައްކާތެރި މާޙައުލެއްގައެވެ. ޖުނައިޙުގެ ލޮލުގެ އޮޕަރޭޝަންކުރުމަށްފަހު އެނބުރި ރާއްޖެއައިސް ޖަލަށް ބަދަލުކުރިތާ، މަސްދުވަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ޖުނައިޙު ހުރި ޖަލަކީ، ޖުނައިޙު ބެހެއްޓުމަށް ރައްކާތެރި މާޙައުލެއްތޯވެސް ދައުލަތަށް ބެލިފައިނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *