Ad

އަފްނާންގެ އިންޓަރވިއު: "އަމިއްލަ ދިރިއުޅުމަކާ މެދު އެބަ ވިސްނަން. މިހާރުވެސް ވަރަށް ޚާއްޞަ ފަރާތެއް ލައިފުގަ އެބަހުރި"

ކުޅުންތެރިއެއްގެ ގޮތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ އެންމެ ފުރަތަމަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގަ އަންހެން ޓީމަށް ލިބުނު ބްރޯޒް މެޑެލް

"ކާމިޔާބީގެ އަސްލަކީ ކާމިޔާބު ހޯދަން ގަދައަޅާ މަސައްކަތްކޮށް ޑިސިޕްލިންގ ހިފެހެއްޓުން. މަންމައާއި ބައްޕަ އަދި އާއިލާގެ އިރުޝާދު ތަކަށް ސަމާލުކަންދީ އެގޮތުގެ މެތީގަ ހިފެހެއްޓުން. އަދި ބަލިވިޔަސް އެއީ ނިމުމެއް ކަމުގަ ނުބަލާ އާ ހިއްވަރަކާއެކު ވެއްޓޭ ކޮންމެ ފަހަރަކު ކުރިއަށް ދިއުން. ބަލިވީމަ އެއީ ނިމުމެއް ކަމަށް ޤަބޫލު ނުކުރުން،" މިއީ ޒުވާން ހުނަރުވެރި އަފްނާންގެ ބައެއް ވާހަކަތަކެވެ. އަފްނާން އަކީ ބެޑްމިންޓަނުގެ ޒުވާން ތަރިއެކެވެ. ރާއްޖެއަށް ރީތި ނަން ހޯދައިދެމުން އަންނަ ކުޅަދާނަ ތަރިއެކެވެ. ކުޅުންތެރިއެއްގެ އިތުރުން މިހާރު އޭނާ ދަނީ އަމިއްލަ އެކަޑަމީއެއް ގާއިމްކޮށް ރާއްޖޭގެ ބެޑްމިންގޓަނުގެ މުސްތަގުބަލު އުޖާލާކުރުމަށް ތުއްތުކުދިން ތަމްރީނުކުރަމުންނެވެ. ތިރީގައި އެވަނީ އަފްނާން އިރުވަރަށް ދީފައިވާ ޚާއްސަ އިންޓަވިއުއެކެވެ. ޝަގުއުގުވެރި ގިނަ ވާހަކަތަކެއް އެބަހުއްޓެވެ. ކިޔާލަ ބަލާށެވެ.

ބެޑްމިންޓަން ކުޅެން ފެށުނީ ކިހިނެއް؟

ބެޑްމިންޓަން ކުޅެން ފެށުނީ މިހާރު ނިޔާވެފައިވާ ރަޝީދު ބައްޕަގެ ސަބަބުން. އަދި އަފްނާންގެ މަންމައާއި ބައްޕަގެ ވެސް ވަރަށް ބޮޑު ސަޕޯޓަކާ އެކު. ރަޝީދު ބައްޕަގެ ކުދިން އޭރު އައީ ޤައުމީ ލެވެލްގައި ބެޑްމިންޓަން ކުޅެމުން. ވަރަށް ކްލޯޒް ވާނެ ރަޝީދު ބައްޕައާ. ރަޝީދު ބައްޕަގެ އަންހެން ދަރިފުޅު ޝާޢީން ރަޝީދު އެއީ އަފްނާންގެ ފަސްޓް ކަޒިން ސިސްޓަރއެއް. އެއީ އޭރު ޤައުމީ ޗެމްޕިއަން. ޝާޢީން ރަޝީދު ކުޅޭތަން ފެނުނީމަ ރަޝީދު ބައްޕަ ކައިރީ ބުނީ އަފްނާން ވެސް ބޮޑުވެގެން އެކަހަލަ މޮޅަށް ބެޑްމިންޓަން ކުޅުންތެރިޔަކަށް ވާން ބޭނުމޭ.

މިކަހަލަ ކުޅިވަރެއްގައި ފޫހިނުވެ ދެމިހުރުމަށް ބޭނުންވަނީ ކޮންކޮން ކަންތައްތަކެއް؟

ހިތްވަރާއި ޝައުގުވެރިކަމާއި އަޒުމް. އަދި ދޫނުދީ ރޫހުގަ ހުރެގެން މިކަމުގަ ކުރިއަަށް ދެވޭނީ.

ކުޅުންތެރިއެއްގެ ގޮތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ ކޮބާ؟

ކުޅުންތެރިއެއްގެ ގޮތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ އެންމެ ފުރަތަމަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގަ އަންހެން ޓީމަށް ލިބުނު ބްރޯޒް މެޑެލް. އެއީ އަޅުގަނޑުގެ އެންމެ ފުރަތަމަ ބައިނަލްއަޤުވާމީ މެޑަލް. ދެން 3 ފަހަރަށް ރާއްޖޭގެ ނޭޝެނަލް ޓައިޓަލް ކާމިޔާބު ކުރެވުނު. އެންޑް އޯލްސޯ ޓު ބީ އޭބަލް ޓު ހެލްޕް އަދާރސް ޓީޗިންގ ބެޑްމިންޓަން އެންޑް އިންސްޕަޔާރ ދެމް އެންޑް ހެލްޕް ދެމް ރައިޒް އިން ދިސް ކެރިއާރ. ބޭސިކަލީ މި ކުޅިވަރުގަ ކުރިއަށްދެވެން އޮތްކަން މީހުންނަށް ޕްރޫވް ކޮށްދެވުނީމަ ވަރަށް ބޮޑު އެޗީވްމެންޓެއް ގޮތަށް ބަލަނީ.

އަފްނާންގެ ކާމިޔާބީގެ އަސްލަކީ ކޮބާ؟

ކާމިޔާބީގެ އަސްލަކީ ކާމިޔާބު ހޯދަން ގަދައަޅާ މަސައްކަތްކޮށް ޑިސިޕްލިންގ ހިފެހެއްޓުން. މަންމައާއި ބައްޕަ އަދި އާއިލާގެ އިރުޝާދު ތަކަށް ސަމާލުކަންދީ އެގޮތުގެ މެތީގަ ހިފެހެއްޓުން. އަދި ބަލިވިޔަސް އެއީ ނިމުމެއް ކަމުގަ ނުބަލާ އާ ހިއްވަރަކާއެކު ވެއްޓޭ ކޮންމެ ފަހަރަކު ކުރިއަށް ދިއުން. ބަލިވީމަ އެއީ ނިމުމެއް ކަމަށް ޤަބޫލު ނުކުރުން.

މިހާރު ތިޔަވަނީ އަމިއްލަ ނަމުގައި ބެޑްމިންގޓަން އެކަޑަމީއެއްވެސް ހުޅުވާފަ. މިއީ ކިހިނެއް އުފަންވި ކަމެއް؟

މިއީ ވަރަށް ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް އަމިއްލަ އެކަޑަމީއެއް ރަޖިސްޓްރީ ކުރުން. ދެން އަބަދުވެސް ކޯޗިންއަށް އަދި ޚާއްޞަކޮށް ކުޑަކުދިންނަށް ކޯޗްކޮށްދޭން ވަރަށް ޝައުޤުވެރިވޭ. އެއީ ކުޑަކުދިންނާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވަން. އެކުދިން އުފާކޮށްލަދިނުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މީގެއިތުރުން ކުރިމަގަށް ތަރިންތަކެއް އުފެއްދުމަށް ކޮންމެސް ރޯލެއް އަދާކުރުމަކީ އަބަދުވެސް އަޒުމެއް. ބެޑްމިންޓަން އަކީ އާއިލީ ކުޅިވަރެއް. އެހެންވީމަ އެ ލެގަސީ އެގޮތުގައި ދަމަހައްޓަން އަބަދުވެސް ބޭނުންވޭ. އަފްނާން އަދި އަޖުފާން އާ ހިސާބުން އޭތި ނިމިގެން ދާކަށް ބޭނުމެއް ނުވޭ.

އެކަޑަމީގެ މަސައްކަތް ކިހިނެއް ދަނީ؟

އެކަޑަމީގެ މަސައްކަތްތައް އިރާދަކުރެއްވީތީ ހީކުރިވަރަށް ވުރެ މާ ރަނގަޅު. ކުރިއަށްއޮތީ އިރާދަކުރެއްވިއްޔާ އުޖާލާ ދުވަސްތަކެއް. ގިނަ ގޮންޖެހުންތަކާ ކުރިމަތިވޭ. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ ފަހަތަކަށް ނުޖެހޭނަން.

އަފްނާންގެ ތިޔަ މަސައްކަތްތަކުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކޮން ބައެއްގެ ފަރާތުން؟

މިފަދަ ކަމެއް މިންވަރުކުރެއްވީތީ ހެއްދެވި ފަރާތަށް ޝުކުރު ދަންނަވަން. އަދި މަންމަ އާއި ބައްޕައާއި ދޮންބެއާއި އަހޫގެ ފަރާތުން ވަރަށް ބޮޑު ސަޕޯޓެއް ލިބޭ. އަދި ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމްގެ ނަން ފާހަގަ ކޮށްލަން ބޭނުން. އަދި މީގެއިތުރުން އެންމެ ގާތް އެކުވެރިން، ޚާއްޞަކޮށް ފަތުސްގެ ފަރާތުން ލިބޭ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން. އަދިވެސް ވަކިވަކިން ނަން ނުދެންނެވުނު ކަމުގައި ވިޔަސް އެކަޑަމީއަށް އެހީތެރިވެދެއްވާ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި މީޑިއާތަކަށްވެސް ޝުކުރު ދަންނަވަން ބޭނުންވޭ. ޚާއްޞަކޮށް ރާއްޖެޓީވީ، ޓީވީއެމް، އިރުވަރު އޮންލައިނަށް ޝުކުރުދަންނަވަން ބޭނުންވޭ.

މުސްތަގުބަލަށްކުރާ އެންމެ ބޮޑު އުންމީދަކީ ކޮބާ؟ ދެކޭ ހުވަފެނަކީ ކޮބާ؟

ބެޑްމިންޓަން ފީލްޑުން ދެކޭ އެންމެ ބޮޑު ހުވަފެނަކީ އަމިއްލަ އެކަޑަމީއިން ބައިނަލްއަޤުވާމީ ފެންވަރުގަވެސް ވާދަކޮށްލެވޭ ޓީމެއް ނެރުން. އަދި އެކަޑަމީ މެދުވެރިކޮށް ކުރިމަގުގައި ގިނަ ތަރިންތަކެއް ނެރުން.  ދެން އަދި އެއްފަހަރު ޤައުމީ ތަށި އުފުލާލުމަކީވެސް ކުރަންބޭނުންވާ ކަމެއް.

ބެޑްމިންޓަނުގެ މުސްތަގުބަލު ރާއްޖޭގައި އޮތީ ކިހިނެއް؟

ބެޑްމިންޓަންގެ މުސްތަޤްބަލް ރާއްޖޭގައި ފެންނަނީ ވަރަށް އުޖާލާކޮށް. އެއީ ޚާއްޞަކޮށް މާލެ ސަރަހައްދުގައިވެސް އަދި އަތޮޅުތަކުގައި ބެޑްމިންޓަން ކޯޓުތަކުން ޖާގަ ހޯދުމަކީ ވަރަށް ކޮންޕެޓިޓިވް ކަމެއް. ސަބަބަކީ ބެޑްމިންޓަން ކުޅޭ ފަރާތްތައް ގިނަވުން. އެހެންވީމަ، އަޅުގަނޑަށް ބެޑްމިންޓަންގެ މުސްތަޤްބަލް ރާއްޖޭގައި ފެންނަނީ ވަރަށް އުޖާލާކޮށް.

އަފްނާން ބެޑްމިންޓަން އެކަޑަމީގެ ޓްރެއިނިންގތައް ކުރިއަށް ގެންދަނީ

އަފްނާންގެ އަމިއްލަ ދިރިއުޅުމަކާ މެދު އެބަ ވިސްނަންތޯ؟ ޒަވާޖީ ހަޔާތެއް ފަށާނީ ކިހާތާކުތޯ؟

އަމިއްލަ ދިރިއުޅުމަކާމެދު އެބަ ވިސްނަން. މިހާރުވެސް ވަރަށް ޚާއްޞަ ފަރާތެއް ލައިފްގަ އެބަހުރި. އެކަމަކު ޕާރސަނަލް ލައިފް އެއީ ޕްރައިވެޓްކޮށް ބައިންދަން ބޭނުންވާ އެއްޗެއް. ހެހެހެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *