ސަރުކާރުން އެވޯޑު ކުރާ މަޝްރޫއުތަކުގެ ތެރެއިން ވަކި މިންވަރަކަށް ވުރެ ގިނައިން މަޝްރޫއުތައް ހަވާލު ނުކުރެވޭ ގޮތަށް ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ އުސޫލާ ގުޅިގެން ހައިކޯޓަށް ހުށަހެޅި މައްސަލަ އަކީ ދުސްތޫރީ މައްސަލައެއް ނޫން ކަމަށް ބުނެ އެމައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.
މިމައްސަލައިގައި ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ދުސްތޫރީ މައްސަލަ އަކީ ގާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއްވިއަސް މާނަ ކުރަން ޖެހިއްޖެ ނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށް ބެލޭ މައްސަލަތަކާއި ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގަވާއިދެއް ނުވަތަ ގަވާއިދެއްގެ ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާފައި ނިންމުމެއްވިއަސް ގާނޫނުއަސާސީއާ ހިލާފުވެފައިވޭތޯ ބަލާ އެކަމުގައި ގޮތެއް ނިންމަޖެހޭ ކޮންމެ މައްސަލައެއް ކަމަށެވެ.
ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ވަނީ އެޑްވޮކަސީ ޗެމްބާސް އިން ހުށަހެޅި އެ މައްސަލާގައި ފިނޭންސް މިނިސްޓްރީން ކޮށްފައިވާ މި އުސޫލަކީ ދުސްތޫރީ މައްސަލަތައް ބެލުމުގެ އިހްތިސާސްގެ ތަރަހައިގެ ހިމެނޭ ފަދަ މައްސަލައަކަށް ނުވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ އެ އިއުލާނުގައި ވަނީ ފެނާއި ނަރުދަމާ / ބަނދަރުގެ މަސައްކަތްތަކުގެ ތެރެއިން އެއް ކުންފުންޏަކަށް އެންމެ ގިނަވެގެން ވެސް ހަވާލު ކުރެވޭނީ ހަތް މަޝްރޫއު ކަމަށެވެ. އެންމެ މަދުވެގެން އެއް ކުންފުންޏަކަށް ހަތަރު މަޝްރޫއުއެއް ހަވާލު ކުރެވިދާނެއެވެ.