ކޮވިޑް ވެކްސިން ޖަހައިގެން ތައިލެންޑަށް ދަތުރުކުރާ ދަތުރުވެރިން ކަރަންޓީނުގައި ތިބެން ޖެހޭ މުއްދަތު އެގައުމުގެ ސަރުކާރުން ކުރުކޮށްފިއެވެ.
ތައިލެންޑުގެ މީޑިޔާތަކުން ބުނެފައިވާ ގޮތުގައި ތައިލެންޑަށް ދަތުރުކުރާ އެންމެންވެސް 14 ދުވަހު ކަރަންޓީނުގައި ހުންނަން ޖެހޭ ގޮތަށް ހަމަޖައްސާފައިވާ އުސޫލު އޭޕްރީލު އެއްވަނަ ދުވަހުން ފެށިގެން ވަނީ ބަދަލުކޮށްފައެވެ. އާ އުސޫލުގައިވާ ގޮތުގައި ތައިލެންޑް ސަރުކާރު ގަބޫލުކުރާ ކޮވިޑް ވެކްސިނެއް ޖަހައިގެން އެ ގައުމަށް ދަތުރުކުރާ މީހުން މިހާރު ކަރަންޓީނުގައި ތިބެން ޖެހެނީ ހަތް ދުވަހުއެވެ.
ވެކްސިން ޖަހައިގެން ތައިލެންޑަށް އެތެރެވާއިރު، އެމީހަކު ޖެހި ވެކްސިނެއްގެ ތަފްސީލު ހިމެނޭ ވެކްސިން ސެޓްފިކެޓް ނުވަތަ ވެކްސިން ކާޑު އެއާޕޯޓުގެ ހެލްތު އޮފިސަރުންނަށް ދައްކަން ޖެހެއެވެ.
ވެކްސިން ނުޖަހާ ނުވަތަ ވެކްސިންގެ ޑޯޒް ފުރިހަމަ ނުކޮށް ދަތުރުކުރާ މީހުން ތައިލެންޑުގައި ދިހަ ދުވަހު ކަރަންޓީނު ވާން ޖެހެއެވެ.