އދ. އަތޮޅުގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށައިފިއެވެ.
މިކަމަށްޓަކައި އދ. މަހިބަދޫގައި ބޭއްވި ރަސްމިއްޔާތުގައި އަވައްޓެރި ފުލުހުންގެ ހިދުމަތް އެ އަތޮޅުގައި ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ދިވެހި ފުލުހުންގެ މަސައްކަތަށް ގެނައުމަށް މަސައްކަތްކުރާ އިންގިލާބީ ބޮޑު ބަދަލެއްކަން ފާހަގަކުރައްވައި، އެ ބަދަލީ ކަމެއް ދިމާވުމުން އެކަމަކަށް ފިޔަވަޅު އަޅަންތިވޭ ބައެއްގެ ބަދަލުގައި، މުޖުތަމައަށް ނުކުމެ، އިސްވެ މައްސަލަތައް ދެނެގަނެގެން އެ މައްސަލަތަކަށް ހައްލު ހޯދުމަށްކުރާ މަސައްކަތެއްގެ ގޮތުގައި މަސައްކަތް ބަދަލުކުރުންކަމަށް ވިދާޅުވިއެވެ
ހަމައެއާއެކު ދާދިފަހުން އަމަލުކުރަންފެށި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތް އޮންނަންވީ ގޮތުގެ އަދި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަމަލުކުރަންވީ ގޮތްތަކުގެ އަސާސީ ކަންތައްތައް ބަޔާންކޮށްފައިވާކަމަށާއި އޭގެ ތެރެއިންވެސް އެންމެ މުހިންމު އެއްކަމަކީ ދިވެހި ފުލުހުންގެ ހިދުމަތް އިދާރީ ގޮތުން ލާމަރުކަޒީކޮށް، ކޮމިއުނިޓީ ޕޮލިސިންގ ފަލްސާގެ މައްޗަށް ބިނާކޮށްގެން ހިދުމަތް ފޯރުކޮށްދިނުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުހިންމު ކަނޑައެޅުންކަން ފާހަގަކުރެއްވިއެވެ.
އަވައްޓެރި ފުލުހުންގެ ހިދުމަތް ދިނުމުގެ އޮނިގަނޑުގެ ތެރޭގައި ވަރަށް މުހިންމު ހަތަރުކަމެއް ހިމެނިފައިވާކަމަށާ އެއީ އަމާންކަން ގާއިމުކުރުމާއި އެކުގައި ގުޅިގެން ހިދުމަތް ދިނުމާއި އިތުރުބާރު ގާއިމުކުރުމާއި އިހުތިރާމާއެކު އަމަލުކުރުން އަދި މުއާމަލާތު ކުރުންކަމުގައި ކޮމިޝަނަރ ވިދާޅުވިއެވެ.
އަވައްޓެރި ފުލުހުންގެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު، ފުލުހުންގެ ފަރާތުން އދ. އަތޮޅުގެ ރައްޔިތުންނަށް އަރުވާ ހަނދާނީ ފިލާ، އެ އަތޮޅުގެ ކައުންސިލާ ކޮމިޝަނަރ އޮފް ޕޮލިސް ހަވާލުކުރެއްވިއެވެ.
އަވައްޓެރި ފުލުހުންގެ ހިދުމަތް އދ. އަތޮޅުގައި ފެށިގެން ދިއުމާއެކު އެ އަތޮޅު ވެގެންގޮސްފައިވަނީ އަލަށް އަމަލުކުރަންފެށި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށިގެންދިޔަ ފުރަތަމަ އަތޮޅަށެވެ.
އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ލޯކަލް ޕޮލިސިންގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ހިދުމަތުގެ ތެރެއިން ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ފުލުހުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި ޔަގީންކަން ކަށަވަރުކޮށް، އަމާން ވެއްޓެއް ގާއިމު ކުރުމަށް ގުޅިގެން މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.