ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ ވޯޓުލުން ފަށައިގެން ކުރިއަށް އެބަ ދެއެވެ.
މިފަހަރުގެ އިންތިހާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 735 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މީގެތެރެއިން މާލޭގައި 68 ވޯޓު ފޮއްޓެއް ބަހައްޓާއިރު ކޮންމެ ފޮއްޓަކަށް 500 މީހުން ވޯޓުލާނެއެވެ. މީގެ އިތުރުން ހދ. ކުޅުދުއްފުށީ ސިޓީގައި އާއި ފުވައްމުލަކު ސިޓީގައި 13 ފޮއްޓެއް ބަހައްޓާފައިވާއިރު އައްޑޫ ސިޓީގައި 29 ފޮއްޓެއް ބަނީ ބަހައްޓާފައެވެ. އަދި އަތޮޅު ތެރޭގެ ރަށްތަކުގައި 269 މަރުކަޒެއް ގައި ވޯޓު ފޮށި ބަހައްޓާފައި ވެއެވެ.
އިންތިހާބުގައި ވޯޓު ލުމަށް ކަރަންޓީން ވުމަކާ ނުލައި މާލެއިން ކޮންމެ ރަށަކަށްވެސް ދެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ކަރަންޓީންގައި ތިބޭ މީހުންނާއި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނަށްވެސް ވޯޓު ލުމަށް ވަކި ގަޑިއެއް ވަނީ ޚާއްޞަ ކޮށްފައެވެ.
އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ ހެނދުނު 7:00 އިން ހަވީރު 5:00 އާ ހަމައަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކޯވިޑްއަށް ޕޮޒިޓިވް މީހުންނާއި ކަރަންޓިނުގައި ތިބޭ މީހުން ވޯޓުލާން ގެންނާނީ ހަވީރު 5:00 އިން އިރުއޮއްސި 6:00 އަށް ކަމަށެވެ.