އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮންނަ ހއ.އިހަވަންދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އިދިކޮޅު ޕީޕީއެމް އިން ކާމިޔާބު ކޮށްފިއެވެ.
އިހަވަންދޫ ކައުންސިލަށް ވާދަކުރެއްވި ޕީޕީއެމްގެ ހަތް ކެންޑިޑޭޓުން ވެސް އިންތިހާބު ކާމިޔާބު ކޮށްފައި ވާ ކަމަށް މިހާތަނަށް ލިބުނު ނަތީޖާތަކުން ދައްކައެވެ. އަދި ދެން ނަތީޖާއަށް އަސަރު ކުރާވަރުގެ ބަދަލެއް ނާންނާނެ ކަމަށް އިހަވަންދޫން ވާހަކަދެއްކި މީހަކު ބުންޏެވެ. އިހަވަންދޫގެ ނަތީޖާ ދައްކާގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްްކަތްކުރާ ކޮމެޓީގެ ހުރިހާ ގޮނޑިއެއްވެސް ކާމިޔާބު ކުރާނީ ޕީޕީއެމުންނެވެ. މިހާތަނަށް ނަތީޖާތައް ދައްކަނީ އެގޮތަށެވެ.
މީގެ ކުރިން ހއިހަވަންދޫ ކައުންސިލްގެ މެޖޯރިޓީ ހޯދަމުން އައީ އެމްޑީޕީ އިންނެވެ. އިހަވަންދޫއިން އެމްޑީޕީ މިހާ ބޮޑަށް ބަލިވެގެން ދިޔައީ އެމްޑީޕީއާ ދެކޮޅަށް ރަށު މަސްވެރިން ނިކުތުމުގެ ސަބަބުން ކަމަށް ބެލެވެއެވެެ. އެރަށަކީ ރާއްޖޭގެ އެންމެ މަސްވެރި ރަށްތަކުގެ ތެރޭގައި ގުނާލެވޭ ރަށެކެވެ. ސަރުކާރުން މަސްވެރިންނާ މެދު އަމަލު ކުރަމުންދާ ގޮތުން އެރަށުގެ މަސްވެރިން ވަނީ ދާދި ފަހުން މުޒާހަރާވެސް ކޮށްފައެވެ.