Ad

ލޯކަލް ކައުންސިލް އިންތިހާބަށްފަހު ގަދަ ހަތަރެއްގެ މިސްރާބު ކޮންދިމާލަކަށް؟

ކޮވިޑްގެ ނުރައްކާތެރި ހާލަތުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ވަރުގަދަ ކެމްޕޭނެއް ނިންމައި، އިންތިހާބުވެސް ބާއްވައިފިއެވެ. ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ މައިގަނޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެމްޕޭނުގެ ފަރުދާހުގެ ފުރަގަހުގައި އެހެން ކެމްޕޭނެއްވެސް އެކުއެކީގައި ހިނގަމުން ދިޔައެވެ. އެއީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބެވެ. އެ އިންތިހާބު އަވަސް ތާރީޚެއްގައި އޮންނާނެ އެވެ. ވާދަވެރި ވާނެއެވެ. ފޯރި ގަދަވާނެއެވެ. ލީޑަރޝިޕުގެ ބާރުވެރިކަން ހޯދުމަށް ގައުމީ މަޖިލީހަށް ހޮވޭ މެންބަރުންގެ ރުހުން އިންތިހާއަށް މުހިއްމުވާނެތީއެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާއިން އެމްޑީޕީއަށް ފިނި ތަރިހީބެއް ލިބުމުގެ އަސްލަކީ ވެރިންގެ ފިކުރު ސުލްހަވެރި ނުކުރެވުމެވެ. މުޅި ޕާޓީއަށްވުރެ ފަރުދީ ސޔާސީ މަސްލަހަތު އިސްކުރެވުނީތީއެވެ.

ގަދަ ހަތަރެއް

އެމްޑީޕީއަކީ ބޮޑު ޕާޓީއެކެވެ. ސިޔާސީ ކަންކަން ވާދަވެރި އުސޫލަކުން ހިންގާ ނަމޫނާ ޕާޓީއެކޭ ބުނުމުން ގޯހެއް ނެތެވެ. އެމްޑީޕީގެ ސިޔާސީ ވާދަވެރިކަމާއި ކޯޅުންތައް ބޮޑަށް އޮތީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ އިސްވެރިންގެ މެދުގައެވެ. ސަރުކާރާއި އެމްޑީޕީ ހަރަކާތްތަކަށް އެއް ދުރުމިއަކުން ބަލާއިރު، ފެންނަނީ ގަދަ ހަތަރު ބާރެވެ؛

 ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅި ހިސާބުން ޕާޓީގެ އިސް ބައެއް މެންބަރުންނާއި އިބްރާހީމް މުހައްމަދު ސޯލިހުގެ ސަޕޯޓަރުންނާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރިއެވެ. ހާއްސަކޮށް ރައީސް މުހައްމަދު ނަޝީދުގެ ވަރުގަދަ ސަޕޯޓަރުންނާއި ރައީސް ސޯލިހަށް ލޯޔަލް ސަޕޯޓަރުންނާ ދެމެދު އުފެދުނު ހޫނު ހިޔާލު ތަފާތުވުންތަކުން ގުޅުމުގައި ރެނދުލިޔެވެ. އަލުން ސުލްހަވެރިނުވެ، އެކުގައި ސިޔާސީ މަސައްކަތްކުރުމަށް ދަތިވާ މިންވަރަށެވެ. ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދައިދިނުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އޭރު ލ. ގަމު ދާއިރާގެ މެންބަރު އަދި މިހާރުގެ އިކޮނޮކިމް މިނިސްޓަރު އަލްއުސްތާޒް ފައްޔާރު އިސްމާޢީލެވެ. ކާމިޔާބު ލިބުނީ މި ޓީމަށެވެ. ނަތީޖާއެއްގެ ގޮތުން އިބްރާހީމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާ ކުރެއްވިއިރު އިކޮނޮމިކް މިނިސްޓަރުކަން ފައްޔާރުއަށް ދެއްވިއެވެ. އަދި ފައްޔާރު ބެލެވިފައިވަނީ ކެބިނެޓުގައި ހުރި އެންމެ ނުފޫޒު ގަދަ އަދި ރައީސްގެ އެންމެ އަރިސް ވަޒީރުގެ ގޮތުގައެވެ. ނުވަތަ ރައީސްގެ ނުފެންނަ ސިޔާސީ އަދި ބަރުލަމާނީ އެޖެންޑާ ތަންފީޒުކުރާ "ބޮޑު ވަޒީރު"ގެ ގޮތުގައެވެ. އެއް މިސާލެކެވެ؛ ސިޔާސީ ގޮތުން އެމްޑީޕީގެ ލީޑަރޝިޕުގެ ޚިޔާލު ކަފިކަފި ވެގެން ދިޔަ ވަގުތު، ރައީސް ސޯލިހުގެ އިރުޝާދުގެ ދަށުން އެމްޑީޕީގެ ޤައުމީ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ނެގިއެވެ. މިކަމާ ގުޅިގެން ކުރިމަތިވި ފާޑުކިއުންތަކަށް ރައީސް ސޯލިހު ޖަވާބަކަށްވީ ހަނު ހުންނެވުމެވެ.

 ފައްޔާޒު އިސްމާއިލް

އެމްޑީޕީގެ އިސް ބައެއް ސަޕޯޓަރުން ފައްޔާޒުއަށް ފާޅުގައި ފާޑުކިޔަމުން ގެންދިޔައެވެ. ގިނަ ޒިންމާތަކެއް ހަވާލުކޮށްފައި ވީނަމަވެސް، އޭނާގެ ޒައާމަތުގެ ދަށުގައި ހުރި ދާއިރާތަކުން އެކަށީގެންވާ އަވަސް ނަތީޖާއެއް ލިބެމުން ނުދާތީއެވެ. ހެޔޮ ބަދަލުތައް ފެންނަމުން ނުދާތީއެވެ. ފައްޔާޒު އެކަން ގަބޫލެއް ނުކުރެއެވެ؛ މާނަކުރީ އެއީ ސިޔާސީ ހަމަލާތަކެއްގެ ގޮތުގައެވެ.

ވެރިކަމުގެ ވަރަށް ކުރީކޮޅު ރައީސް މުހައްމަދު ނަޝީދުގެ ނުރުހުން ފައްޔާޒު އިސްމާޢީލަށް އަމާޒުވިއެވެ. މިއީ ޒަމާންވީ ރުޅިވެރިކަމެއްގައި ހުޅުފަޅައިގެން ދިއުމެވެ. އެމްޑީޕީގެ ރައީސް ކަމުން ފައްޔާރުގެ ބޭބެ އިބްރާހީމް އިސްމާޢީލް ފޭލް ކޮށްލުމުގައި ރައީސް ނަޝީދު ސިޔާސީ "ހަޑި" ވިސްނުން އިސްކުރިކަމުގެ ތުހުމަތު އަބަދުވެސް އޮވެއެވެ.

ފައްޔާޒުގެ ބާރު ސަރުކާރު ތެރޭގައި މާބޮޑަށް ގަދަވެ، ދެވަނަ "ބްރޯ" އެއް އުފެދިދާނެ ކަމުގެ ބިރު އޮތް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުމުގެ އިތުރުން ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ވެސް ނަޝީދު ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ރައީސް ސޯލިހު ފައްޔާޒު ދިފާއު ކުރައްވާތީ، ޕާޓީގެ ގައުމީ މަޖިލީހާއި ޕާލިމެންޓްގެ މެޖޯރިޓީ ތާއީދު ނަޝީދަށް އަދި ހޯދިފައެއް ނުވެއެވެ.

"ސަރުކާރުން ވައްކަންކޮށްފި" ކަމަށް ވިދާޅުވެ ނަޝީދު ދެއްކި ވާހަކަތައް ވެސް އަމާޒުކުރީ ސީދާ ފައްޔާޒަށެވެ. ފައްޔާޒުގެ ނުފޫޒަށެވެ. ފައްޔާޒު ގެންދަނީ އެކަންކަމާ ފާޅުގައި ރައީސް ނަޝީދަށް ރައްދު ދެމުންނެވެ. ހޫނު ކޮށެވެ. ހަރުކަށި ކޮށެވެ. މި ކޯޅުމުގެ ސަބަބުން ޕާޓީއަށް  ވަރަށް ބޮޑަށް ލޮޅުން އެރިއެވެ. ނިމިދިޔަ އިންތިހާބުގެ ނަތީޖާއިން އެ ފެންނަނީ އެ ހަގީގަތެވެ. މާހައުލު ދިރާސާ ކޮށްލާއިރު މި ދެ ފެކްޝަނުގެ ކޯޅުން އަދިވެސް ދާނީ ބޮޑުވަމުންކަމަށް ބެލެވެއެވެ. އެހެންކަމުން، ކުރިއަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެންމެ ފޯރި ގަދަވާނީ ރައީސް ނަޝީދާއި ފައްޔާޒުގެ ފެކްޝަނާ ދެމެދުއެވެ. ނަތީޖާއަށް ބަލަން ތިބެމާ ހެއްޔެވެ؟

ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވުމާއެކު، ރައީސް ނަޝީދުގެ ސިޔާސީ ވަރަ ތައްމިނަށް ހުޅުވާލިއެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ސަރުކާރުން ހިންގާ "ނޭދެވޭ" ކަންކަމުގެ ވާހަކަ އެންމެ އަޑުހަރުކޮށް ދައްކަނީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުންނެވެ. ރައީސް ނަޝީދެވެ. ސަރުކާރަށް ފާޅުގައި ވަގަށް ގޮވައިފިއެވެ. ވަޒީރުން ވަގުންނަށް ހެދިއެވެ. މިނިވަން މުވައްސަސާތައް ނުފޫޒުގެ ދަށުގައި އޮތް ކަމަށް ސިފަކުރިއެވެ. ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ސަރުކާރު ނުހިނގާ ކަމަށް ބުނެ، ޕްރެޝަރު ބޮޑުކުރިއެވެ. މިކަންކަމުން ސަރުކާރަށް ބާރުބޮޑުވެ ގައުމީ މަޖިލީހާއި ޕާލިމެންޓްރީ ގްރޫޕުގެ ސޯޝަލް މީޑިޔާގެ ގްރޫޕުތަކުގައި ރައީސް ނަޝީދުއާއި ބައެއް އިސް މެންބަރުންނާ ދެމެދު ޚިޔާލު ތަފާތުވުން އުފެދުނެވެ. މިނިސްޓަރު ފައްޔާރު ސިފަކުރާ ގޮތުގައި ރައީސް ނަޝީދަކީ އަމިއްލަ އެދުން ބޮޑު، ޑިކްޓޭޓަރުންގެ އުސޫލުން ޕާޓީ ހިންގަން ބޭނުންވާ މީހެކެވެ. އަދި ޕާޓީ ހަލާކުވެދަނީ ރައީސް ނަޝީދުގެ ހަރުކަށި އަދި ގޮތް ދޫނުކުރާ ސިޔާސަތުތަކުގެ ސަބަބުން ކަމަށްވެސް ފައްޔާޒު ދެކެއެވެ.

 އަބްދުﷲ ޝާހިދު

އެމްޑީޕީގެ އިސް ހުރިހާ ވެރިންވެސް ޝާހިދު އަށް އިހްތިރާމުކުރެއެވެ. ކޮވިޑްގެ އެންމެ ދަތި ވަގުތު ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެންދިއުމުގެ މާނަފުން މަސައްކަތްތަކުގެ މޭސްތިރިއަކީ ޝާހިދުއެވެ. ޚާރިޖީ ވަޒީރުކަމުގައި ނަތީޖާ ނެރެފިއެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހުވެސް އެކަން ފާހަގަކޮށް ޝާހިދު އަށް ތަކުރާރުކޮށް ތައުރީފުކުރިއެވެ.

ޝާހިދު ފެންނަނީ ސިޔާސީ ގޮތުން ފެންހިފޭ ސަހުސިއްޔަތެއްގެ ގޮތުގައެވެ. ޕާޓީގެ ހުރިހާ ގިންތިއެއްގެ މީހުން ވެސް ބަލައިގަންނަ ވިސްނުންތެރި، ހިންގުންތެރިއެއްގެ ގޮތުގައެވެ. ފާޅުގައި ވަކި ބަޔަކަށް ތާޢީދު ދީ ވަކި ބަޔަކަށް ނުރުހުންވެފައެއް ނެތެވެ. ޒިންމާތަކަށް އިހްލާސްތެރިއެވެ. އެ ޒިންމާތައް ހަވާލުކުރެއްވި ވެރިމީހާއަށް ތެދުވެރިއެވެ. ވަފާތެރިއެވެ.

ޝާހިދުގެ ސަޕޯޓަރުން ގައުމީ މަޖިލީހުގައިވެސް އަދި ރައްޔިތުންގެ މަޖިލީހުގައިވެސް، ގްރާސް ރޫޓުގައިވެސް އެބަތިއްބެވެ. އެހެންކަމުން ސިޔާސީ ގޮތުން އިތުރު ހަރުފަތަކަށް އެރުމަށްޓަކައި އެމްޑީޕީގެ ގައިމީ މަޖިލީހުގެ އިންތިހާބު ޝާހިދުއަށްވެސް އިންތިހާއަށް މުހިއްމެވެ.

މިނިސްޓަރު ފައްޔާޒު ވަނީ ޝާހިދުއަށް ތާއީދު ނުކުރާ ކަމަށް ލ. އަތޮޅުގެ ގާތް އެކުވެރިން ގާތު ބުނެފައެވެ. އެހެންކަމުން ފައްޔާޒު ޖެހިލުންވާ އަދި ބިރުގަންނަ ސިޔާސީ ލީޑަރެއްގެ ގޮތުގައި ޝާހިދު ބެލެވެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ނުކުތް ގޮތުން، ރައީސް ސޯލިހުގެ ސްޓްރެޓެރީ ބަދަލުކޮށްލާއިރު އެންމެ ބޮޑު ސިކުނޑިއަކަށް ވާނީ ޝާހިދުގެ ސިކުނޑި ކަމަށް ބެލެވެއެވެ. ހިންގުމުގެ ތަޖުރިބާއާއި ބަރުލަމާނީ ތަޖުރިބާ އާއި ވާދަވެރި ސިޔާސީ ހަރަކާތުގެ ތަޖުރިބާއާއި ގިނަ ބަޔަކު ޝާމިލުކޮށްގެން ނަތީޖާ ނެރުމުގެ ތަޖުރިބާ ބޮޑުވާނެތީއެވެ. ޑިޕްލޮމެސީގެ ރިވެތި އަހުލާގު ދަމަހައްޓާތީއެވެ. އެހެންކަމުން ރައީސް ސޯލިހު އާއި އޮނަރަބަލް ޝާހިދުގެ ގުޅުން އިތުރަށް ވަރުގަދަކޮށް ނަތީޖާ ނެރުމަށް ކުރާ މަސައްކަތްތަކުގެ ވައްޓަފާޅި ބަދަލުވެގެން ދިއުމުގެ ފުރުސަތު ބޮޑެވެ. ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ޝާހިދުގެ ވާފަށުގައި ރައީސް ހިއްޕަވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ސިޔާސީ ގޭމް އެނބުރިގެން ދާނީ އެހިސާބުންނެވެ. އިންތިޒާރު ކުރަމާ ހިނގާށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *