ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގެ ތ. ކަނޑޫދޫގެ ވޯޓު އަލުން ގުނުމަށް އެދި ދެ ކެނޑިޑޭޓެއްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.
ސެކިޔުރިޓީ އުރަ ކަނޑައި އަލުން ވޯޓުގުނުމަށް އެދި ހުށައަޅާފައި ވަނީ، މިހިނދު އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުން ކުޑަ ތަފާތަކުން ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ދެ ކެނޑިޑޭޓުން ކަމުގައިވާ، ކައުންސިލް މެމްބަރުކަމަށް ވާދަކުރެއްވި އަދި މިހާރުގެވެސް އިންތިޚާބީ ކައުންސިލަރު މުޙައްމަދު އާދަމާއި، އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިއަށް ކުރިމަތިލީ ކެނޑިޑޭޓް ޝިފްނާ ޢަބްދުﷲ އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި، މުޙައްމަދު އާދަމްގެ މައްޗަށް ކުރި ހޯދާފައިވާ ކެނޑޑޭޓް ނައުޝާދު ޢަބްދުﷲ އަށް 2011 ވޯޓު ލިބިފައިވާއިރު މުޙައްމަދު ޢާދަމަށް ލިބިފައިވަނީ 204 ވޯޓެވެ. އަދި ސިފްނާ ޢަބްދުﷲ ގެ މައްޗަށް ކުރިހޯދާފައިވާ ކެނޑިޑޭޓް ފަރީޝާ ޢަބޫބަކުރަށް 204 ވޯޓު ލިބިފައި ވާއިރު ޝިފްނާ ޢަބްދުﷲ އަށް ލިބިފައި ވަނީ 198 ވޯޓެވެ.
ކައުންސިލަރ މުޙައްމަދު އާދަމް މިނޫހާ ވާކަދައްކަވަމުން ވިދާޅުވިގޮތުގައި، ވޯޓު ފޮށި އަލުން ގުނައި ދިނުމަށް އެދި ހުށައެޅަން ޖެހުނު ސަބަބަކީ، އެހާާ ކުޑަ އާބާދީއެއްގެ 77 ވޯޓު ބާޠިލުކަމުގައި ކަނޑައަޅާފައިވާއިރު، ބާޠިލު ވޯޓު ކަނޑައެޅުމާއި ވޯޓުގުނުމުގައިވެސް އޮޅުން ބޮޅުންތަކެއް ހުރިކަމުގެ ހެކި ލިބަފައިވުމުގެ އިތުރުން ދެކެނޑިޑޭޓުންގެ މެދުގައި އެހާ ފަރަޤު ކުޑައިރު، އިންތިޚާބީ ޙައްޤު ފަދަ އަސާސީ ޙައްޤަކުން މަޙްރޫމްވުމުގެ ފުރުޞަތު އިންތިހާއަށް ބޮޑުކަން ފެންނަން އޮތްހިނދު އެޙައްޤުން މަޙްރޫމްވެގެން ނުދާކަން ކަށަވަރުކުރެވި އަދިހަމަ ނަތީޖާގެ ޞައްޙަކަންވެސް ކަށަވަރުކުރުމުގެ ބޭނުމުގައެވެ.
ކަނޑޫދޫ ރައްޔިތުން ވޯޓުލީ ރަށު ފޮއްޓާއި މާލޭ ފޮށިވެސް އަލުން ގުނުމަށް ހުށައަޅާފައި ވާއިރު، މާލޭސިޓީގެ 4 ދާއިރާއެއްގެ ވޯޓުއަލުން ގުނުމަށްއެދި އެމްޑީޕީ އިންވެސް ހުށައަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.