Ad
ތ. ކަނޑޫދޫ ފެނަކައިން ވަކިކުރުމުން އަލުން ވަޒީފާދޭން ޙުކުމްކުރި ޓެކްނީޝަން އިބްރާހީމް ޚަލީލް މީގެ ކުރިން ފެނަކައިގެ މަސައްކަތެއްގައި- ފޮޓޯ: އައިކޭ އިއްބެ/ އެފްބީ 
ތ. ކަނޑޫދޫ ފެނަކައިން ވަކިކުރުމުން އަލުން ވަޒީފާދޭން ޙުކުމްކުރި ޓެކްނީޝަން އިބްރާހީމް ޚަލީލް މީގެ ކުރިން ފެނަކައިގެ މަސައްކަތެއްގައި- ފޮޓޯ: އައިކޭ އިއްބެ/ އެފްބީ 

ކަނޑޫދޫ ފެނަކައިން ވަކިކުރި މުވައްޒަފަކަށް ފާއިތުވެދިޔަ ދުވަސްތަކުގެ މުސާރައާއެކު އަލުން ވަޒީފާދިނުމަށް ޙުކުމްކޮށްފި

ފެނަކަ ކޯޕަރޭޝަން ތ. ކަނޑޫދޫ ބްރާންޗުގެ ވަޒީފާއިން ވަކިކުރި މުވައްޒަފަކަށް، މިއަދުން ފެށިގެން ސާދަ ދުވަސްތެރޭގައި، އޭނާ ވަޒީފާއިން ވަކިކޮށްފައިވާ މުއްދަތުގެ މުސާރައާއި އިނާޔަތްތައް ދިނުމާއެކު ކުރިން ހުރި މަޤާމަށް އޭނާ އަނބުރާ ރުޖޫޢަކުރުމަށް ފެނަކައިގެ މައްޗަށް އަންގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ޙުކުމްކޮށްފިއެވެ.

2015 ވަނަ އަހަރުގެ ޖެނުއަރީ 04 ވަނަ ދުވަހުން ފެށިގެން ފެނަކަ ކޯޕަރޭޝަން ތ. ކަނޑޫދޫ ބްރާންޗްގައި ޓެކްނީޝަނެއްގެ ވަޒީފާ އަދާކުރަމުން އައިސްފައިވާ އިބްރާހީމް ޚަލީލް ކުއްލިގޮތަކަށް ވަޒީފާއިން ވަކިކޮށްފައިވަނީ 2019 ވަނައަހަގުގެ ފެބްރުއަރީ 20 ވަނަދުވަހުގައެވެ.

ނަޞީޙަތެއް ނުވަތަ އިންޒާރެއްވެސް ދިނުމެއް ނެތި އިބްރާހީމް ޚަލީލް ވަޒީފާއިން ވަކިކުރުމާ ގުޅިގެން އޭނާގެ ފަރާތުން 2019 މެއި 20 ވަނަ ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށައެޅި މައްސަލައާ ގުޅިގެން ޓްރައިބިއުނަލުން މިއަދު ކުރި ޙުކުމުގައި ބުނެފައިވަނީ، ކުންފުންޏަށް ގެއްލުން ވެދާނެތީކަމަށްބުނެ އިބްރާހީމް ޚަލީލް ފެނަކައިގެ ޓެކްނީޝަންގެ ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން (substantive fairness) އަދި އިޖުރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރެވިފާކަމަށް ބުރަނުވެވޭތީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ވަޒީފާއިން އިބްރާހީމް ޙަލީލު ވަކިކުރި ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއް ނެތް، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފު، އަންފެއަރ ޑިސްމިސަލް (unfair dismissal) އެއް ކަމުގައި ކަނޑައަޅާކަމަށެވެ.

އަދި، އިބްރާހީމް ޚަލީލު އަދާކުރަމުންދިޔަ މަޤާމަށް އެފަރާތް އަނބުރާ ރުޖޫޢަކުރުމަށާއި، އިބްރާހީމް ޚަލީލު އަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި، އިބްރާހީމް ޚަލީލު ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން، އެ ފަރާތުގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް، އިބްރާހީމް ޚަލީލު ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަޤާމުގެ މުސާރައާއި އިނާޔަތްތަކަށްވާ ފައިސާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އިބްރާހީމް ޚަލީލްއަށް ދޭންޖެހޭކަމަށްވެސް އެޙުކުމުގައި ކަނޑައަޅާފައިވާއިރު، އެޙުކުމުގައި ކަނޑައަޅާފައިވާ އެންމެހައި ކަންކަން މިއަދުން ފެށިގެން 14 ދުވަސްތެރޭގައި ފުރިހަމައަށް ތަންފީޒުކުރުމަށްފަހު އެޓްރައިބިއުނަލަށް ތިން ދުވަސްތެރޭގައި އެކަން ލިޔުމުން އެންގުމަށްވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު ކޮށްފައިވާ ޙުކުމުގައި ފެނަކައިގެ މައްޗަށް އަމުރުކޮށްފައިވެއެވެ.

ސިޔާސީ މަންފާއަށްޓަކައި ސަރުކާރުގެ ވަޒީފާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް "ފީނި ފީންޏަށް" މުވައްޒަފުން ވެއްދުމަކީ އިންތިޚާބުގެ ދުވަސްވަރު ހިނގަމުން ދާކަމެއްކަން، އާދާބީގައި 300 ހަމަ ނުވާ ރަށްރަށުގެ އެއް ޢާއިލާއިން ދެމީހުނަށްވެސް ފެނަކައިން ވަޒީފާ ދީފައިވުމުން އެނގިހާމަވާއިރު، ހަމަ ތަފާތު ސިޔާސީ ސަބަބުތަކަށްޓަކައި ޤާނޫނީ ގޮތުން ވަހުމީ ޙުއްޖައްތަކުގެ ހިޔަނީގައިތިބެ އެފަދަ ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ މަލްޓި ޕާޓީ ޑިމޮކްރެސީއަށް ރާއްޖޭ "ފައްކާ" ވަމުން މިދާއިރު ކޮންމެ ސަރުކާރަކުންމެ ކުރާ އިންތިހާ "ވިޔާނުދާ" ކަމެކެވެ.

ޚާއްޞަކޮށް ޓެކްނިކަލް (ފަންނީ) މަޤާމުތަކުގައި ތިބޭ ޤާބިލު މުވައްޒަފުން ސިޔާސީ ސަބަބުތަކަށްޓަކައި "އެހެލުމާއި" "ޑޮގަށްލުމަކީ" މުއައްސަސާތަކަށާއި ދައުލަތުގެ އިތުރުން ޚުދު އެއެހެލާ ބަޔަކަށްވެސް އާޚިރުގައި ލިބޭނެމެ ދެރައެއްކަމީ ޤަބޫލުކުރަން މަޖުބޫރު ޙަޤީޤަތެއްކަން ހަނދާނުގައި ހުންނާނެ ނަމައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *