Ad

ޖޭއެސްސީން ތަޙްޤީޤުކުރާ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަށް ނިމުމުގެ ކުރިން، އެފަނޑިޔާރުން ބައްލަވާ މައްސަލަތަކުގައި އިންޞާފުވެރި ނިޔާއެއް ލިބިދާނެތަ؟

ޖުޑީޝިއަލް ސަރވިސް ކޮމިޝަނަކީ ފަނޑިޔާރުން ޢައްޔަނުކުރުމާއި، ވަކިކުރުމާއި، މުސާރައާއި ޢިނާޔަތް ހަމަޖެއްސުމާއި މީގެ އިތުރުންވެސް ފަނޑިޔާރުންނާއި ގުޅޭ އެންމެހައި މަސައްކަތްތަށް ކުރުމަށް ޤާނޫނުން މަތިކޮށްފައިވާ މިނިވަން މުސްތަޤިއްލު ކޮމިޝަނެކެވެ. ޤާނޫނު އަސާސީންނާއި ޖުޑީޝިއަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް ބަލާއިރު، ޖުޑީޝިއަލް ސަރވިސް ކޮމިޝަންގެ ދައުރަކީ މުހިންމު ދައުރެއްކަން އެނގެއެވެ.

ޖުޑީޝިއަލް ސަރވިސް ކޮމިޝަނުގެ ދައުރު ބޮޑަށް ފާހަގަވާންފެށީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާއި ޙަވާލުވި ހިސާބުންނެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާއި ޙަވާލުވެ، ޖުޑީޝިއަލް ސަރވިސް ކޮމިޝަނަށް އެކޮމިޝަނުގެ މަސައްކަތްތަށް މިނިވަންކަމާއެކު ކުރުމުގެ ފުރުޞަތު ލިބުނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަށް ޖުޑީޝިއަލް ސަރވިސް ކޮމިޝަނަށް ހުށަހެޅެން ފެށިއެވެ. 

މިއަދާއި ހަމައަށް އައިރު ފަނޑިޔާރުންގެ ގިނަ ޢަދަދެއްގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝިއަލް ސަރވިސް ކޮމިޝަނަށް ހުށަހެޅިފައިވެއެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަށް ތަޙްޤީޤުކޮށް، ބައެއް ފަނޑިޔާރުން މަޤާމުން ވަކިކުރުމަށާއި، އަނެއް ބައި ފަނޑިޔާރުންނަށް ނަސޭޙަތްދީ ފިޔަވަޅު އަޅާފައިވެއެވެ. މިހާތަނުން އުފެދޭ ސުވާލަކީ، ޝަރީޢަތް ހިންގަމުން އަންނަ މައްސަލައެއްގައި މައްސަލަ ބައްލަވާ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖުޑީޝިއަލް ސަރވިސް ކޮމިޝަނަށް ހުށަހެޅިފައިވާހިނދު، އެކޮމިޝަނުން އެމައްސަލަ ނިންމެވުމުގެ ކުރިން، ޝަރީޢަތްކުރެވޭ މައްސަލާގައި އިންޞާފުވެރި ނިޔާއެއް ނިކުމެދާނެތޯއެވެ! މިސުވާލުގެ ޖަވާބުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ބައެއް ވަކީލުން ބުނަނީ، ކޯޓެއްގައި މައުޟޫޢީ ގޮތުން ފައިޞަލާކުރެވޭ މައްސަލައެއްގައި، ފަނޑިޔާރުގެ މައްސަލަ ޖުޑީޝިއަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވަނީ، އެމައްސަލާގެ ޚަޞްމަކު ކަމުގައިވާ ޙާލަތުގައި އިންޞާފުވެރި ނިޔާއެއް ނިކުމެދާނެކަމަކަށް ޤަބޫލެއްނުކުރެވެއެވެ. އިންޞާފުވެރި ނިޔާއަކަށް ވާޞިލުވުމަށް މީގައި ޙައްލެއްގެ ގޮތުން މައިގަނޑު 2 ކަމެއް ފާހަގަކުރެވެއެވެ. އެއީ، މައުޟޫޢީ މައްސަލާގައި ފަނޑިޔާރު މައްސަލައިން ތަނާޒުލުވުމެވެ. ދެން އޮތް އަނެއް ޙައްލެއްކަމުގައި ބެލެނީ، އިންޞާފުވެރިކަމާއެކު ޖުޑީޝިއަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުގެ ސުލޫކީ މައްސަލަ ވީއެންމެ އަވަސް މިނެއްގައި ތަޙްޤީޤުކޮށް ނިންމުމެވެ.

ޤާނޫނުން ޖުޑީޝިއަލް ސަރވިސް ކޮމިޝަނަށް ދީފައިވާ ބާރުތަކާއި މަސްއޫލިއްޔަތު ވަރަށް ބޮޑެވެ. ޖުޑީޝިއަލް ސަރވިސް ކޮމިޝަނުގެ މަސައްކަތަށް ހާމަކަމާއި، އަވަސް މިނެއްގައި ކުރުމަކީ، ޤާނޫނުގެ މަޤްޞަދު ޙާޞިލުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނޭ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *