Ad

ޔޫރޯ ފުޓުބޯޅަ މުބާރާތް ފެށުން ދާދި ގާތުގައި

ޔޫރޯ ފުޓުބޯޅަ މުބާރާތަކީ ވޯލްޑްކަޕަށްފަހު ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ ޢީދެވެ. މިމުބާރާތުގައި ވާދަކުރަނީ ޔޫރަޕުގެ ޤައުމުތަކެވެ. މިއީ، ޔޫރަޕުގެ ސަރަޙައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތެވެ. ޔޫރޯ ފުޓުބޯޅަ މުބާރާތް ފެށިގެން އައީ 1960  ވަނަ އަހަރު ފްރާންސުގައި ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތުންނެވެ. ޔޫރޯ ޓްރޮފީ ނިސްބަތްކުރެވި ނަންދެވިފައިވަނީ، މުބާރާތް ބޭއްވުމުގެ ޚިޔާލު އެންމެ ފުރަތަމަ ފާޅުކުރި، އޭރުގެ ޔޫރަޕިއަން ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ފްރާންސްގެ ހެންރީ ޑެލޫނީގެ ނަމަށެވެ. އެންމެ ފުރަތަމަ ބޭއްވުނު ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފައިވަނީ ސޮވިއެޓް ޔޫނިއަންއެވެ. އެއީ، ފައިނަލްގައި ޔޫގޯސްލާވިއާ ބަލިކޮށްފައެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތަކީވެސް ކޮންމެ 4 އަހަރުން 1 އަހަރު ބޭއްވޭ މުބާރާތެކެވެ. އެހެން މުބާރާތްތަކާއި ޚިލާފަށް މިއަހަރުގެ މުބާރާތް ބާއްވަނީ ޔޫރަޕްގެ 12 ޤައުމެއްގައެވެ. އެހެންކަމުން، މިމުބާރާތުގެ ފޯރިވަނީ ވަރަށް ބޮޑުވެފައެވެ. މިހާތަނަށް އައިރު، މިމުބާރާތުގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދީ ޖަރުމަނާއި ސްޕެއިންއެވެ. މީގެން ކޮންމެ ޓީމެއްވެސް 3 ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގޯލް ޖެހުމުގެ ރެކޯޑަށް ބަލާއިރު، 9 ގޯލް ޖަހައިގެން މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހުމުގެ ރެކޯޑު އޮތީ ފްރާންސްގެ މިޝެއިލް ޕްލެޓިނީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައެވެ. ދެވަނަ ލިބެނީ 7 ގޯލާއެކު އިނގިރޭސިވިލާތުގެ އެލަން ޝިއަރަރ އެވެ. ލަނޑު ލިސްޓުގެ ތިންވަނަ ލިބެނީ 6 ގޯލާއެކު ފްރާންސްގެ އެންޓޮއިން ގްރީޒްމަންއާއި ތިއަރީ އޮންރީއާއި، ނެދަލޭންޑްސްގެ ޕެޓްރިކް ކްލައިވަޓް އަދި ވޭން ނިސްޓަރޯއީ، އިންގްލޭންޑްގެ ވޭން ރޫނީއާއި ސްވިޑްންގެ ޒަލަޓާން އިބްރަހަމޮވިޗްގެ އިތުރުން ޕޯޗްގަލްގެ ނޫނޯ ގޮމޭޒެވެ.

މުބާރާތް އެންމެ ގިނަ ފަހަރު ބާއްވާފައިވަނީ ފްރާންސްގައެވެ. އޭގެ ތެރެއިން 1984 އަދި 2000 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަނަކީވެސް ފްރާންސެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު 1996 ވަނަ އަހަރުން ފެށިގެން ހޮވަމުން އާދެއެވެ. އެގޮތުން، 1996 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކީ، ޖަރުމަނުގެ މަތިއަސް ސަމަރއެވެ. އެއަށްފަހު، 2000 ވަނަ އަހަރާއި، 2016 ވަނަ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންނަކީ ފްރާންސްގެ ފުޓުބޯޅަ ލެޖެންޑ ޒިއިނުއްދީން ޒިދާން އަދި އެންޓޮއިން ގްރީޒްމަނެވެ. 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ސްޕޭންގެ ޒަވީ އަދި އިނިއެސްތާއެވެ. 2004 ވަނަ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ގްރީސްގެ ކެޕްޓަން ޒަގޮރާކިސްއެވެ.

މުޅި މުބާރާތުގައި ފެނިގެން ގޮސްފައިވަނީ 03 ރަންގޯލެކެވެ. އެއީ، 1996 ވަނަ އަހަރުގެ ފައިނަލުގައި ޗެކްރިޕަބްލިކް ކޮޅަށް ޖަރުމަނުގެ އޮލިވަރ ބިއަރ ހޯފް ޖެހި ގޯލާއި، 2000 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި ޕޯޗުގަލް ކޮޅަށް ފްރާންސްގެ ޒައިނުއްދީން ޒިދާން ކާމިޔާބުކުރި ގޯލާއި، ހަމަ އެމުބާރާތުގެ ފައިނަލްގައި އިޓަލީ ކޮޅަށް ފްރާންސްގެ ޑޭވިޑް ޓްރެޒެގޭ ޖެހި ގޯލެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *